އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން، ތަރައްގީވަމުން އަންނަ އޭޝިއާގެ ގައުމުތަކުގެ އިގުތިސޯދީ ކުރިއެރުން މިއަހަރު ހުންނާނެ ކަމަށް ލަފާކުރާ މިންވަރު 4.9 އިންސައްތައަށް މަތިކޮށްފިއެވެ.
މިއީ މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން އޭޕްރީލް މަހު ނެރުނު 4.7 އިންސައްތައިގެ ލަފާކުރުމަށްވުރެ 0.2 އިންސައްތައިގެ ކުރިއެރުމެކެވެ. ނަމަވެސް، މިއީ 2025 ވަނަ އަހަރު ރެކޯޑުކުރެވުނު 5.5 އިންސައްތައިގެ ކުރިއެރުމާ އަޅައި ބަލާއިރު ދަށް އަދަދެއް ކަމަށް އޭޑީބީން ނެރުނު އެންމެ ފަހުގެ 'އޭޝިއަން ޑިވެލޮޕްމަންޓް އައުޓްލުކް' ރިޕޯޓުގައި ބުނެފައިވެއެވެ.
މި ކުރިއެރުމުގެ މައިގަނޑު ސަބަބެއް ކަމަށް އެ އިދާރާއިން ފާހަގަކުރީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާ ގުޅުންހުރި އުފެއްދުންތަކާއި އިލެކްޓްރޯނިކްސްއަށް އޮތް ޑިމާންޑު ބޮޑުވުމުގެ ސަބަބުން އޭޝިއާގެ ބައެއް ގައުމުތަކުގެ އެކްސްޕޯޓު އިތުރުވުމެވެ. މިގޮތުން، ދެކުނު ކޮރެއާގެ އިގުތިސޯދީ ކުރިއެރުން 2.6 އިންސައްތައަށް އަދި ޓައިވާނުގެ ކުރިއެރުން 9.5 އިންސައްތައަށް މަތިކޮށްފައިވެއެވެ.
އެހެންނަމަވެސް، ސަރަހައްދުގެ އެންމެ ބޮޑު ދެ އިގުތިސޯދު ކަމަށްވާ ޗައިނާ އާއި އިންޑިއާގެ ހާލަތު ތަފާތެވެ. ޗައިނާގެ އިގުތިސޯދީ ކުރިއެރުން 4.6 އިންސައްތައިގައި ހިފެހެއްޓިފައިވާއިރު، ހަކަތައިގެ އަގުތައް އުފުލުމުގެ ސަބަބުން އިންޑިއާގެ ކުރިއެރުން ވަނީ 6.6 އިންސައްތައަށް ދަށްކޮށްފައެވެ.
އޭޑީބީގެ ޗީފް އިކޮނޮމިސްޓް އަލްބަޓް ޕާކް ވިދާޅުވި ގޮތުގައި، އޭޝިއާގެ އިގުތިސާދީ ކުރިއެރުން ރަނގަޅު ނަމަވެސް، މެދުއިރުމަތީގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށްޓަކައި، އިގުތިސޯދު ކުރިއެރުވުމާއި އިންފްލޭޝަން ކޮންޓްރޯލްކުރުމާ ދެމެދު ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅެން ޖެހެއެވެ. އެގޮތުން، މިއަހަރު ސަރަހައްދުގެ އިންފްލޭޝަން 4.3 އިންސައްތައަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މީގެ އިތުރުން، މެދުއިރުމަތީގެ ހަމަނުޖެހުންތައް އިތުރަށް ގޯސްވުމާއި، ޗައިނާގެ ރިއަލް އެސްޓޭޓް މާކެޓް ދަށަށް ދިއުމާއި، ދުނިޔޭގެ މާލީ ހާލަތު ދަތިވުމަކީ ކުރިއަށް އޮތް ތަނުގައި އިގުތިސޯދަށް އޮތް ބޮޑެތި ނުރައްކާތަކެއް ކަމަށް އޭޑީބީން ވަނީ އިންޒާރުދީފައެވެ.
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
އޭޝިއަން ޑިވެލޮޕމެންޓް ބޭންކް
ކޮމެންޓް