އޭޝިއާގެ ގައުމުތަކަށް ސައުދީ އަރަބިއްޔާއިން ވިއްކާ ސާފުނުކުރާ ތެލުގެ އަގު ފީފާއަކުން 11 ޑޮލަރު ހެޔޮކޮށްފިއެވެ. މިއީ ފާއިތުވި 26 އަހަރުގެ ތެރޭގައި ތެލުގެ އަގު މިހާ ބޮޑަށް ދަށްކުރި ފުރަތަމަ ފަހަރެވެ.
ސައުދީގެ ދައުލަތުގެ ތެޔޮ ކުންފުނި، ސައުދީ އަރާމްކޯއިން ހާމަކޮށްފައިވާ ގޮތުގައި، އޮގަސްޓް މަހު އޭޝިއާއަށް ފޯރުކޮށްދޭ 'އަރަބް ލައިޓް' މަރުކާގެ ތެލުގެ އަގު ވަނީ އޮމާން އަދި ދުބާއީގެ ބެންޗްމާކަށްވުރެ 1.50 ޑޮލަރު ދަށްކޮށްފައެވެ. މީގެ ކުރީ މަހު މި ތެޔޮ ވިއްކާފައިވަނީ ބެންޗްމާކަށްވުރެ 9.50 ޑޮލަރު ބޮޑުކޮށެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިއީ 2003 ވަނަ އަހަރަށްފަހު ގެނައި އެންމެ ބޮޑު ބަދަލެވެ. އަދި މިއީ އެނަލިސްޓުން ލަފާކުރި 8 ޑޮލަރުގެ ދަށްވުމަށްވުރެ މާ ބޮޑު އަދަދެކެވެ. އޭޝިއާގެ އިތުރުން ޔޫރަޕަށް ވިއްކާ ތެލުން 15 ޑޮލަރު އަދި އެމެރިކާއަށް ވިއްކާ ތެލުން 8 ޑޮލަރު ވަނީ ހެޔޮކޮށްފައެވެ.
މި ބަދަލު ގެނެސްފައިވަނީ މެދުއިރުމަތީގެ މަސްރަހު ފިނިވެ، އީރާނާއި އެމެރިކާއާ ދެމެދު ވެވުނު ވަގުތީ އެއްބަސްވުމަކާ ގުޅިގެން ހޮރުމުޒް ކަނޑުއޮޅިން ތެޔޮ އުފުލުން އާންމު ހާލަތަކަށް އައުމާ ގުޅިގެންނެވެ. މީގެ އިތުރުން، އޯޕެކް ޕްލަސް (އޯޕެކް+) އިން އޮގަސްޓް މަހުން ފެށިގެން ތެޔޮ އުފައްދާ މިންވަރު އިތުރުކުރުމަށް ނިންމާފައިވުމަކީ ވެސް އަގު ދަށްކުރަން ޖެހުނު ސަބަބެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ. ހަނގުރާމައިގެ ދުވަސްވަރު ރަތް ކަނޑުގެ ޔަންބޫ ޓާމިނަލް މެދުވެރިކޮށް ތެޔޮ ބޭރުކުރުމަށްފަހު، މިހާރު އަލުން ފާރިސީ ގަލްފުން ތެޔޮ ބޭރުކުރަން ވަނީ ފަށާފައެވެ.
އެނާޖީ އެނަލިސްޓުން ބުނާ ގޮތުގައި، ޗައިނާ އާއި އިންޑިއާ އަދި ޖަޕާނު ފަދަ އޭޝިއާގެ ބޮޑެތި ގައުމުތަކަށް މީގެ ސަބަބުން އިގުތިސާދީ ގޮތުން ފައިދާތަކެއް ކުރާނެއެވެ. ވޯޓެކްސާގެ އެނަލިސްޓް އެމާ ލީ ވިދާޅުވި ގޮތުގައި، އޭޝިއާގެ ޑިމާންޑް ދަށްވުމާއި، އީރާނުގެ ތެލަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ތެޔޮ ވިއްކާ ގައުމުތަކުގެ މެދުގައި ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.
މި ބަދަލާއެކު ދުނިޔޭގެ ބާޒާރުގައި ބްރެންޓް ކްރޫޑްގެ އަގު ވަނީ ފީފާއަކަށް 72 ޑޮލަރަށް ވެއްޓިފައެވެ. ސައުދީން އަގު ހެޔޮކުރި ނަމަވެސް، ގަލްފުގެ އެހެން ގައުމުތަކުން ވިއްކާ ތެލުގެ އަގު އަދިވެސް ހެޔޮވާނެ ކަމަށް އޭޝިއާގެ ބައެއް ގައުމުތަކުގެ ރިފައިނަރީތަކުން ބުނެފައިވާ ކަމަށް ބްލޫމްބާގުން ރިޕޯޓުކޮށްފައިވެއެވެ.
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ސައުދީ އަރަބިއާ
ކޮމެންޓް