އިންސްޓަގްރާމް އަދި ފޭސްބުކްގެ ޑިޒައިންތަކުގެ ސަބަބުން ކުޑަކުދީންގެ ސިކުނޑިއަށާއި ނަފްސާނީ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކުރާ ކަމަށް ބުނެ، ޔޫރަޕިއަން ކޮމިޝަން (އީޔޫ) އިން މެޓާ ކުންފުންޏާ ދެކޮޅަށް ރަސްމީކޮށް ފިޔަވަޅު އަޅަން ފަށައިފިއެވެ.

އީޔޫއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، މެޓާއިން ވަނީ ޔޫރަޕްގެ ޑިޖިޓަލް ސަރވިސަސް އެކްޓް (ޑީއެސްއޭ) އާ ހިލާފުވެފައެވެ. އެގޮތުން، ފޭސްބުކް އަދި އިންސްޓަގްރާމްގައި ހިމެނޭ އޮޓޯޕްލޭ، އިންފިނިޓް ސްކްރޯލް އަދި ނޮޓިފިކޭޝަން ސިސްޓަމްތަކަކީ ކުޑަކުދިން އެޕްލިކޭޝަންތަކަށް ދެވިހިފުމަށް މަގުފަހިކުރުވާ ކަންތައްތަކެއް ކަމަށް އެ ކޮމިޝަނުން ފާހަގަކުރިއެވެ. މީގެ އިތުރުން، އެ ޕްލެޓްފޯމްތަކުގެ އަލްގޮރިދަމްތަކުގެ ސަބަބުން ކުދިންނަށް ނޭދެވޭ ކޮންޓެންޓްތައް މެދުކެނޑުމެއްނެތި ފެންނަ ކަމަށް ތަހުގީގަށް ވަނީ ފާހަގަވެފައެވެ.

މި މައްސަލައިގައި އީޔޫގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ހެނާ ވިރްކުނެން ވިދާޅުވި ގޮތުގައި، ޔޫރަޕްގެ ރައްޔިތުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ރައްކާތެރިކުރުމަކީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން އިސްކަންދޭން ޖެހޭނެ ކަމެކެވެ. އަދި ކުޑަކުދީންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމަށްޓަކައި ގާނޫނުތައް ތަންފީޒުކުރުމުގައި ދެމިތިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ތުހުމަތުތަކާ ގުޅިގެން މެޓާގެ ތަރުޖަމާނަކު ބުނީ، އީޔޫގެ ނިންމުންތަކާ އެއްބަސްނުވެވޭ ކަމަށާއި، ކުޑަކުދިން ރައްކާތެރިކުރުމަށް އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް އެޅި ކަމަށެވެ. އޭގެ ތެރޭގައި، ރޭގަނޑު ވަކި ގަޑިޔަކަށްފަހު އިންސްޓަގްރާމް ބޭނުން ނުކުރެވޭ ގޮތް ހެދުމާއި، ސްކްރީން ޓައިމް ކޮންޓްރޯލްކުރުމަށް ތައާރަފުކުރި “ޓީން އެކައުންޓްސް” ފީޗާ ހިމެނޭ ކަމަށް އޭނާ ފާހަގަކުރިއެވެ. ނަމަވެސް، މެޓާއިން ބުނީ ރެގިއުލޭޓަރުންނާ ގުޅިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

މި މައްސަލައިގައި މެޓާއިން ޑީއެސްއޭގެ ގާނޫނުތަކާ ހިލާފުވެފައިވާކަން ސާބިތުވެއްޖެނަމަ، އެ ކުންފުނީގެ މުޅި ދުނިޔޭގެ އަހަރީ އާމްދަނީގެ ހަ އިންސައްތައާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އީޔޫއަށް ލިބިގެންވެއެވެ. މިހާރު މެޓާއަށް ވަނީ މި ތުހުމަތުތަކުން ދިފާއުވުމަށް ރަސްމީކޮށް ފުރުސަތު ދީފައެވެ.