ފުޓުބޯޅަ ދުށް އެެންމެ ހުނަރުވެރި ކުޅުންތެރިޔާއެެވެ. އެތައް މިލިއަން މީހުންނެއްގެ ލޯތްބާއި އިހުތިރާމު ހޯދާފައިވާ ލިއޮނަލް މެސީއެވެ. އަށް ބެލޮންޑިއޯއާއެކު ނުހޯދާ ކާމިޔާބީއެއް ނެތެވެ. އުފަން ގައުމު އާޖެންޓީނާއެކު ކުރިމަތިވި ބަދު ނަސީބަށް ނިމުން ގެނައީވެސް ޖާދުވީ ގޮތަކަށެވެ. ކެރިއަރުގެ ފުން ނާކާމިޔާބީތަކަށް ފަސް އަޅައި ފޮރުވާލީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ހޯދައިގެންނެވެ.
އެ ޖާދުވީ ވިދުމަށް، އުމުރުން 39 އަހަރުގައިވެސް ފަނޑުކަމެއް ނާންނަކަން އަދިވެސް ދަނީ ފެންނަމުންނެވެ. މިހާތަނަށް މި ވޯލްޑް ކަޕްގައިވެސް އަށް ގޯލު ޖަހައި، އާޖެންޓީނާ ކޮނޑު ޖަހައިގެން ކުރިއަށްގެންދަނީ މެސީއެވެ. ވޯލްޑް ކަޕްގެ ތާރީހުގައި 21 ގޯލު ޖަހައި، އެ މުބާރާތުގެ ޝަރަފުވެރި އެއްވަނަ ގޯލު ޖެހުންތެރިޔަކީވެސް މެސީއެވެ.
ކުޑަކުޑަ ދިރިއުޅުމަކުން ކެރިއަރެއް ބިނާކޮށް، ލިޔެލި ތާރީހުގެ ވާހަކަ އަބަދުވެސް ހާއްސަވާ އިރު، އެކަން އެންމެ ހާއްސަ ވަނީ އާޖެންޓީނާގެ ރޮސާރިއޯއަށެވެ. އެ އަވަށަކީ މެސީގެ އުފަން އަވަށެވެ. އެންމެންގެ އައިޑަލްއަކީ މެސީއެވެ. އާޖެންޓީނާގެ އެތައް މިލިއަން ޖާޒީއެއްގެ ފަހަތުގައި މެސީގެ ނަން ފެނިގެންދާހެން މުޅި ރޮސާރިއޯ ތެރެއިން ފެންނާނީ މެސީއެވެ. ފާރުތަކުންވެސް އެ ނޫން މަންޒަރެއް ނުފެންނާނެއެވެ. އެއީ މެސީގެ ހާއްސަ ކަމެވެ.
އޭގެ ތެރެއިން ހާއްސަވި އެއް ކުރެހުމަކީ 534 އަކަމީޓަރުގެ މި ބޮޑު ކުރެހުމެވެ. ފުރަތަމަ 2021 ވަނަ އަހަރު ކުރެހި އެ ކުރެހުން މަޑުމަޑުން ހަޑިވެ، ދޭތެރެއަކުން ފަނޑުކަމެއް އައި ނަމަވެސް، މިރޭ އޮންނަ ކުއާޓާ ފައިނަލް މެޗުގެ ކުރިން އަނެއްކާވެސް ވަނީ އާކޮށްލައިފައެވެ. އެ ޕްރޮޖެކްޓްގެ ޑިރެކްޓަރު މާލީން ޒުރިއާގާ ބުނި ގޮތުގައި އަލުން ކުރެހުން އާކޮށްލަން 300 ލީޓަރުގެ ކުލަ ބޭނުންކުރިއެވެ.
ކުރެހުމުގެ މަތީގައި ލިޔެފައި ވަނީ "ގްރާސިއާސް" އެވެ. ޝުކުރިއްޔާގެ އެ މެސެޖާއެކު، މިފަހަރު ކުރެހިއިރު އާޖެންޓީނާ ޖާޒީގައި ތިންވަނަ ތަރިވެސް ހިމަނާފައިވެއެވެ. "ފްރޮމް އަނަދާ ގެލެކްސީ އެންޑް ފްރޮމް މައި ސިޓީ"ގެ ނަމުން އެ ކުރެހުމަށް ނަން ދީފައިވާ ނަމަވެސް ރޮސާރިއޯއަށް މެސީއަކީ އާދައިގެ މީހެކެވެ. އެ އަަވަށުގެ އެންމެންވެސް ގަބޫލުކުރަނީ އެކަހަލަ ގޮތަކަށެވެ.
ނިއުވެލްސް އޯލްޑް ބޯއީސްއިން ކެރިއަރު ފެށި މެސީއަކީ އެތައް ޗެލެންޖްތަކަކާ ކުރިމަތިވި ހަމަ އެހެން މީހުން ކަހަލަ މީހެކެވެ. އެކަން އެންމެ ރަނގަޅަށް އެނގެނީވެސް ރޮސާރިއޯގެ އާންމުންނަށެވެ.
"އެ ކުރެހުމަށް ފްރޮމް އަނަދާ ގެލެކްސީގެ ނަން ދެވުނަސް، މެސީއަކީ ހަމަ އިންސާނެއް. ހާއްސަކޮށް އަހަރެމެންނަށް. މިހާރު އެ ހުރި ހިސާބަށް ދާން އޭނާ އުފުލީ ބުރަ ތަކުލީފުތަކެއް. އެހެންވީމަ މެސީ އެ ހިސާބަށް ގޮސް އެހުރީ އޭލިއަނަކަށް ވެގެން ނޫން. އެއީ ރޮސާރިއޯއިން ފެށި މަސައްކަތުގައި ދުލެއް ނުދީ ދެމިހުރީމަ،" ކުރެހުން ކުރެހި އެކަކު ކަމަށްވާ ލިސާންޑްރޯ އުރްޓެއާގާ ބުންޏެވެ.
އާޖެންޓީނާ މެސީއަށް ޝުކުރުވެރިވެއެވެ. އެހެން ނަމަވެސް އެއީ ނަފުރަތަކާ ނުލައެއް ނޫނެވެ. މެސީއަށް ގައުމީ ޓީމުގެ ނާކާމިޔާބީތަކާއެކު މީގެ ކުރިން އެތައް ފުރައްސާރައެއް ކުރިއެވެ. މެސީ ގައުމީ ޓީމަށް ފުރަގަސްވެސް ދިނެވެ. އެހެން ނަމަވެސް ހުއްޓާނުލައި މިއަދު އެހުރީ އުފާވެރިކަމެއްގައެވެ. އެހެން ނަމަވެސް މަދު ނުވާ ކަމެއް ފާހަގަވެއެވެ. ކާމިޔަބީއަށް ފެން ބޮވައިގެންފައި ހުންނަ މިންވަރެވެ. އަދިވެސް ކޮންމެ ބޯޅައަކަށް ދުވެ، މަސައްކަތްކުރަނީ ކުރިއެކޭ އެއްގޮތަށެވެ.
ހޯދަން ޖެހޭ، މަޖުބޫރު އިތުރު ކާމިޔާބީއެއް ނެތް ނަމަވެސް، ގަދަ 16 ގައި މިސްރު ކަޓުވާލި މެޗުވެސް މެސީ ނިންމާލީ ކަރުނައިންނެވެ. އެއީ އަދިވެސް މެސީއަށް މެޗުތައް މުހިންމު މިންވަރެވެ. އެންމެ ޅަ ދުވަހު ރޮސާރިއޯއިން ދެއްކި ޖޯޝު އަދިވެސް އެބަހުއްޓެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް