ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން މިއަދު ބުނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު އަތުލައިގަތް މި ތަކެތީގެ ތެރޭގައި ހިމެނެނީ 2.8 ކިލޯގެ ހަޝިޝް އޮއިލް އާއި 740 ގްރާމްގެ ކެނަބިސް ކަމަށެވެ. މި ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެކަމަށް ކަސްޓަމުން ބުންޏެވެ.

މަސްތުވާތަކެތީގެ ވަގުފާރިއާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އިއްޔެވެސް ކަސްޓަމްސްއިން ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައެވެ. އެއީ 3.5 ކިލޯގެ "ސިންތެޓިކް ކެތިނޯން" އެވެ.

ވޭތުވެދިޔަ ދެ އަހަރާއި ބައިގެ ތެރޭގައި ޖުމްލަ 324 ކިލޯގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ ހިފަހައްޓާފައެވެ.