މީގެ ހަތަރު އަހަރު ކުރިން، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް މޮރޮކޯ ދަތުރުކުރީ މުޅި އެފްރިކާ ބައްރާއި އަރަބި ދުނިޔޭގެ އުންމީދުތަކާ އެކުގައެވެ. މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވުނު ޕޯޗުގަލް ބަލިކޮށް، އަދި ޕެނަލްޓީ ޖަހައިގެން ސްޕެއިން ކަޓުވާލުމަށްފަހު، މޮރޮކޯއިން ދެއްކި ޑިސިޕްލިނާއި، ހިތްވަރާއި، އަދި އަމިއްލަ ނަފުސަށް އޮތް އިތުބާރުގެ ސަބަބުން މުޅި ފުޓުބޯޅަ ދުނިޔެ ހައިރާންކޮށްލިއެވެ.
ނަމަވެސް ފްރާންސާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ފުޓުބޯޅައިގެ ފޮނި ހުވަފެންތައް ނިމުމަކަށް އައެވެ. އަލް ބައިތު ސްޓޭޑިއަމްގައި ކުޅުނު އެ މެޗު 2-0 އިން ކާމިޔާބުކުރީ ފްރާންސުންނެވެ. އެ މެޗުގެ ކުރީކޮޅު ތިއޯ ހެނާންޑޭޒް ގޯލެއް ޖެހި އިރު، ފަހު ވަގުތުކޮޅުގެ ތެރޭގައި ރަންޑަލް ކޯލޯ މުއާނީ ވަނީ އިތުރު ގޯލެއް ޖަހައިފައެވެ.
މޮރޮކޯ މުބާރާތުން ކެޓީ ހިތްދަތިކަމާއެކު ނަމަވެސް، އެ ޓީމުގެ ރޫހަކަށް ބަދަލެއް ނާދެއެވެ. އެ ޓީމު ވެގެންދިޔައީ ވޯލްޑް ކަޕްގެ ސެމީ ފައިނަލަށް ދަތުރުކުރި އެފްރިކާ އަދި އަރަބި ފުރަތަމަ ގައުމަށެވެ. އަދި އެ މުބާރާތުގައި ދެއްކި ކުޅުމުގެ ސަބަބުން މޮރޮކޯގެ ފުޓުބޯޅައާ މެދު ދުނިޔެ ދެކޭ ގޮތް ބަދަލުވިއެވެ.
މިހާރު، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި މި ދެ ޓީމު އަނެއްކާވެސް މިވަނީ ބައްދަލުކުރަން ޖެހިފައެވެ. މިއީ ހަމައެކަނި ނޮކްއައުޓް މެޗެއް ނޫނެވެ. މިއީ ތާރީހާއި، ބަދަލުހިފުމާއި، ފަހުރު އަދި ޕްރެޝަރު އެކުލެވިގެންވާ މެޗެކެވެ.
ފްރާންސްގެ ވަރުގަދަ ސްކޮޑާއި ތަޖުރިބާ
މި މެޗަށް ނުކުންނައިރު ފޭވަރިޓުންގެ ގޮތުގައި ބެލެވެނީ ފްރާންސެވެ. އެއީ އެ ޓީމުގެ ސްކޮޑުގައި ހިމެނޭ މަތީ ފެންވަރުގެ ކުޅުންތެރިންގެ ސަބަބުންނެވެ. ފްރާންސްގެ އެންމެ ނުރައްކާތެރި ހަތިޔާރަކީ އަދިވެސް ކިލިއަން އެމްބާޕޭއެވެ. މި ވޯލްޑް ކަޕްގައި މިހާތަނަށް ހަތް ގޯލު ޖަހައި ރަން ބޫޓަށް ވާދަކުރަމުން އަންނަ އެމްބާޕޭއަކީ އެންމެ ދުވުމަކުން، އެންމެ ހަމަލާއަކުން ނުވަތަ އަމިއްލަ ހުނަރުން މެޗުގެ ނަތީޖާ ބަދަލުކޮށްލުމުގެ ގާބިލުކަން ލިބިފައިވާ ފޯވަޑެކެވެ. އެމްބާޕޭގެ އިތުރުން އުސްމާން ޑެމްބެލޭ، މައިކަލް އޮލީސޭ އަދި ބްރެޑްލީ ބާކޯލާ ފަދަ ހުނަރުވެރި ކުޅުންތެރިން ފްރާންސްގެ އެޓޭކުގައި ހިމެނެއެވެ. އެމްބާޕޭ އިސްވެ ހުރެ ކުޅޭ ފްރާންސްގެ އެޓޭކިން ލައިނަކީ މި މުބާރާތުގައި ފެންނަ އެންމެ ނުރައްކާތެރި އެއް ފްރަންޓްލައިނެވެ.
ފްރާންސްގެ ވަރުގަދަކަން އޮތީ ހަމައެކަނި ކުރިއަކު ނޫނެވެ. މެދުތެރޭގެ ބާރުގަދަކަމާއި، ފަހަތުގައި ތިބި ހަލުވި ޑިފެންޑަރުންގެ އިތުރުން، ބޮޑެތި މުބާރާތްތަކުގައި ޓީމަށް ލިބިފައިވާ ތަޖުރިބާއަކީވެސް އެ ޓީމުގެ ބޮޑު ފައިދާއެކެވެ. ކޯޗު ޑިޑިއޭ ޑިޝޯމްއަށް ނޮކްއައުޓް މެޗުތައް ކާމިޔާބުކުރާނެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. ފްރާންސުން އަބަދުވެސް އެންމެ ރީތި ކުޅުން ނުދެއްކި ނަމަވެސް، މެޗު ކޮންޓްރޯލްކޮށް، ކެތްތެރިކަމާއެކު ނަތީޖާ ނެރުމުގެ ހުނަރު އެ ޓީމަށް ލިބިފައިވެއެވެ. އެ ޓީމު އެންމެ ރަނގަޅު ފޯމުގައި ނެތް ދުވަސްތަކުގައިވެސް މޮޅުވާނެ ގޮތް ހޯދައެވެ. މިއީ ފްރާންސް އެހާ ނުރައްކާތެރި ޓީމަކަށް ވާ މައިގަނޑު ސަބަބެވެ.
މޮރޮކޯގެ ކުރިއެރުމާއި ޓީމުގެ އެއްބައިވަންތަކަން
މީގެ ހަތަރު އަހަރާ ހިލާފަށް މިހާރު މޮރޮކޯއަކީ ބައިނަލްއަގުވާމީ ފުޓުބޯޅައިގައި އެންމެ ވަރުގަދަ އަދި އެންމެންގެ އިހުތިރާމު ލިބިފައިވާ އެއް ޓީމެވެ. މުބާރާތުގެ ފަހު ބުރުގައި ކެނަޑާ އަތުން ހޯދި މޮޅާއެކު، މޮރޮކޯއިން ވަނީ އެ ޓީމުގެ އަމިއްލަ އިތުބާރާއި، ކުޅުމުގެ ފެންވަރު އަދި އެޓޭކްކުރުމުގެ ތޫނުފިލިކަން ސާބިތުކޮށްދީފައެވެ. މިއާއެކު އެ ޓީމު ވެފައިވަނީ ޖެހިޖެހިގެން ދެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމަށެވެ. މިއީ 2022 ވަނަ އަހަރު އެ ޓީމުން ހޯދި ކާމިޔާބީއަކީ އިއްތިފާގަކުން ވީ ކަމެއް ނޫންކަން ސާބިތުކޮށްދޭ ކަމެކެވެ.
މޮރޮކޯ ޓީމުގެ ހުރިހާ ދިމާލަކުންވެސް ފެންނަނީ ފެންވަރު ރަނގަޅު ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ދުނިޔޭގެ އެންމެ މޮޅު އެއް ރައިޓް-ބެކް ކަމަށްވާ އަޝްރަފް ހަކީމީ ހިމެނެއެވެ. އޭނާއަކީ ދުވުން ބާރު، ލީޑަޝިޕް ރަނގަޅު އަދި ކުރިއަށް އަރައި ނުރައްކާ ކުރާ ކުޅުންތެރިއެކެވެ. މެދުތެރޭގައި ބްރަހިމް ޑިއާޒާއި އަޒްދީން އޫނާހީގެ ފަރާތުން ފެންނަނީ އުފެއްދުންތެރި ކުޅުމެކެވެ. އަދި ޕެނަލްޓީ އޭރިއާ ތެރޭގައި، ހާއްސަކޮށް ވައިގެ ތެރެއިން އަންނަ ބޯޅަތަކުގައި ފޯވާޑުންނަކީ އަދިވެސް ބޮޑު ނުރައްކަލެކެވެ. މޮރޮކޯއަށް އޮތް ހަމައެކަނި ގޮންޖެހުމަކީ އެޓީމުގެ އެންމެ މުހިންމު ފޯވަޑް އިސްމާއިލް ސައިބާރީ އަނިޔާގައި ހުރުމެވެ.
މޮރޮކޯގެ އެންމެ ބޮޑު ބާރަކީ އެ ޓީމުގެ އެއްބައިވަންތަކަމެވެ. އެ ޓީމުން ޑިފެންސްކޮށް، އެޓޭކްކޮށް އަދި އުނދަގޫ ވަގުތުތަކާ ކުރިމަތިލަނީ އެކީގައެވެ. ބޮޑެތި ޓީމުތަކާ ދެކޮޅަށް ކުޅޭއިރު އެ ޓީމުގެ އެންމެ ބޮޑު ހަތިޔާރަކަށް ވަނީ މި އެއްބައިވަންތަކަމެވެ.
ކުރީގެ ނަތީޖާތަކާއި ތާރީހީ މުހިންމުކަން
މި ދެ ޓީމު މީގެ ކުރިން ބައްދަލުކުރި މެޗުތަކުގެ ރެކޯޑަށް ބަލާއިރު ކުރީގައި އޮތީ ފްރާންސެވެ. މޮރޮކޯއާ ދެކޮޅަށް ކުޅުނު އެއްވެސް މެޗަކުން ފްރާންސް ބަލިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި ފްރާންސުން ހަތަރު މެޗު ކާމިޔާބުކޮށްފައިވާ އިރު، ދެ މެޗު ވަނީ އެއްވަރުވެފައެވެ. މި ދެ ޓީމު ވާދަވެރި މުބާރާތެއްގައި ބައްދަލުކުރި ހަމައެކަނި މެޗަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލެވެ.
މީގެ އިތުރުން އެކުވެރިކަމުގެ މެޗުތަކެއްގައިވެސް މި ދެ ޓީމު ބައްދަލުކޮށްފައިވެއެވެ. އެގޮތުން 2007 ވަނަ އަހަރު ކުޅުނު މެޗު 2-2 އިން އެއްވަރުވި އިރު، 2000 ވަނަ އަހަރު ފްރާންސުން ވަނީ 5-1 އިން މޮރޮކޯ ބަލިކޮށްފައެވެ. ނަމަވެސް އެއިން އެއްވެސް މެޗަކީ 2022 ގެ ސެމީ ފައިނަލާ އެއްވަރުގެ މުހިންމު މެޗުތަކެއް ނޫނެވެ. އަދި މިރޭ ކުޅޭ 2026 ގެ ކުއާޓާ ފައިނަލް މެޗުގައި އޮންނަ ފަދަ ޖަޒުބާތެއް އެ މެޗުތަކުގައި ނެތެވެ. ފްރާންސަށް މި ތާރީހުން އިތުބާރު ލިބޭ އިރު، މޮރޮކޯއަށް ލިބެނީ އިތުރު ހިތްވަރެކެވެ.
މުހިންމު ކުރިމަތިލުންތަކާއި ޓެކްޓިކްސް
މި މެޗުގައި އެންމެންގެ ލޯ އަމާޒުވާނެ އެންމެ ބޮޑު ކުރިމަތިލުމަކީ ކިލިއަން އެމްބާޕޭ އާއި އަޝްރަފް ހަކީމީގެ ކުރިމަތިލުމެވެ. މި ދެ ކުޅުންތެރިންނަކީ އެކަކު އަނެކަކު ވަރަށް ރަނގަޅަށް ދަންނަ ދެ ކުޅުންތެރިންނެވެ. ފްރާންސް ހުއްޓުވުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އެމްބާޕޭ ހުއްޓުވުންކަން މޮރޮކޯއަށް އެނގޭނެއެވެ. ނަމަވެސް އެއީ ބުނަން ފަސޭހަވިޔަސް ކުރަން އުނދަގޫ ކަމެކެވެ. މޮރޮކޯގެ ޑިފެންސް ފަހަތުން އެމްބާޕޭއަށް ޖާގަ ލިބިއްޖެނަމަ، މޮރޮކޯއަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހޭނެއެވެ.
މެޗުގެ ނަތީޖާ ކަނޑައެޅުމުގައި މެދުތެރޭގެ ކުޅުންވެސް މުހިންމު ދައުރެއް އަދާކުރާނެއެވެ. ފްރާންސުން މެޗުގެ ކޮންޓްރޯލް ހޯދިޔަނުދިނުމަށް މޮރޮކޯއިން މަސައްކަތްކުރަން ޖެހޭ އިރު، މޮރޮކޯއަށް ކައުންޓާ އެޓޭކް ކުރުމުގެ ފުރުސަތު ނުދިނުމަށް ފްރާންސުން ސަމާލުވާން ޖެހޭނެއެވެ. ބްރަހިމް ޑިއާޒް އަދި އޫނާހީއަށް މެދުތެރެއިން ބޯޅަތައް ހޯދައި، އަވަހަށް ކުރިއަށް ކުޅެވިއްޖެނަމަ ފްރާންސަށް އުނދަގޫތަކާ ކުރިމަތިވާނެއެވެ. މީގެ އިތުރުން ހިލޭ ޖެހުންތަކާއި ކޯނަރުތަކަކީވެސް މުހިންމު އެއްޗަކަށް ވާނެއެވެ. މޮރޮކޯއަކީ ޖިސްމާނީ ގޮތުން ވަރުގަދަ އަދި ވައިގެ ތެރެއިން ނުރައްކާކުރާ ޓީމަކަށްވާ އިރު، ފްރާންސްގެ ޑިފެންޑަރުންނަކީ ކުޑަ ގޯހެއް ހެދުނަސް އޭގެ ފައިދާ ނަގާނެ ކުޅުންތެރިންނެވެ.
ފްރާންސް ޓީމުގައި މަތީ ފެންވަރުގެ ކުޅުންތެރިން ގިނަވުމާއި، ސްކޮޑު ވަރުގަދަވުމުގެ އިތުރުން ނޮކްއައުޓް މެޗުތަކުގެ ތަޖުރިބާ ހުންނާނެއެވެ. ޕްރެޝަރު ވަގުތުތަކުގައި ކުޅޭނެ ގޮތް އެ ޓީމަށް މޮޅަށް އެނގޭ އިރު، އުނދަގޫ މެޗުތަކުން މޮޅުވުމުގެ އަމިއްލަ ހުނަރު އެ ކުޅުންތެރިންގެ ކިބައިގައި އެބަހުއްޓެވެ. ނަމަވެސް މޮރޮކޯއަކީ ފަސޭހަ ޓީމެއް ނޫނެވެ. މިއީ މި މުބާރާތުގައި ފްރާންސަށް ކުރިމަތިވާނެ އެންމެ ފުރަތަމަ ހަގީގީ އިމްތިހާނެވެ. އެއީ މޮރޮކޯ ޓީމުގެ ބެލެންސް ރަނގަޅުވެފައި، ޓެކްނިކަލް ފެންވަރާއި ކުޅުންތެރިންގެ އުންމީދު ބޮޑުވުމުންނެވެ.
ކަރުދާހުގައި ފްރާންސް ވަރުގަދަ ކަމަށް ފެނުނު ނަމަވެސް، ފުޓުބޯޅައަކީ ކަރުދާހުގައި ކުޅޭ އެއްޗެއް ނޫންކަން މޮރޮކޯއިން ވަނީ ސާބިތުކޮށްދީފައެވެ. އެމްބާޕޭ އާއި ޓީމުގެ ތަޖުރިބާގެ ސަބަބުން ފްރާންސަށް ކުރި ލިބުނަސް، މޮރޮކޯގެ ރޭވުންތެރިކަމާއި ޖަޒުބާތުގެ ސަބަބުން މިއީ ފްރާންސަށް ވަރަށް އުނދަގޫ ރެޔަކަށް ވާނެއެވެ. އަދި 2022 ވަނަ އަހަރުގެ ހިތްދަތި ހަނދާންތައް މުޅިން ތަފާތު ގޮތަކަށް އެނބުރި އައުމަކީ އެކަށީގެންވާ ކަމެކެވެ. ވޯލްޑް ކަޕް 2026 ގެ ކުއާޓާގައި ފްރާންސާއި މޮރޮކޯގެ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން މިރޭ 1:00 ގައެވެ.
އަލީ ރިފްޝާން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް