ހއ. ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށް ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް ބިމެއް ގަވާއިދާ ހިލާފަށް ދޫކުރި މައްސަލައިގައި، އެ ކައުންސިލުގެ އިސްވެރިންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުށަހެޅި މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބަލައިގެންފިއެވެ.
މި މައްސަލަ އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 20 ވަނަ ދުވަހުއެވެ.
މި މައްސަލައަކީ ހޯރަފުށީގައި ތެލުގެ ވިޔަފާރިކުރުމަށްޓަކައި ދަ ހޯކްސް ޕްރައިވެޓް ލިމިޓެޑަށް 5،000 އަކަފޫޓުގެ ބިމެއް ގަވައިދާ ހިލާފަށް ދޫކުރި މައްސަލައެކެވެ.
އޭސީސީން މި މައްސަލައިގައި ދައުވާކޮށްދޭން އެދިފައިވަނީ ހޯރަފުށީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ އިސްވެރިންނާއި ކައުންސިލްގެ މެންބަރުންގެ މައްޗަށެވެ.
އޭގެ ތެރޭގައި ހިމެނެނީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދާއި، ނައިބު ރައީސް އަހުމަދު އިމްދާހުއާއި، ދައުރުގެ ކައުންސިލް މެންބަރުން ކަމަށްވާ އިބްރާހީމް ޝާކިރާއި، އަހުމަދު ރައޫފާއި، މަރްޔަމް ވަކީލާއާއި، އާމިނަތު ވިސާމާގެ އިތުރުން އާމިނަތު ނާސިހާއެވެ.
އެ މީހުންގެ މައްޗަށް ދެ ދައުވާއެއް ކޮށްދޭން އޭސީސީން އެދިފައިވެއެވެ. އެއީ ގާނޫނު ނަންބަރު 2014/9 ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ރަސްމީ ހައިސިއްޔަތުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށްގެން މަންފާ ހޯދުމާއި ހޯދައިދިނުމުގެ ކުށުގެ ދައުވާއާއި 517 ވަނަ މާއްދާގެ (ހ) ގެ ދަށުން ދައުލަތަށް ފައިދާ ލިބެން އޮތް ކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާއެވެ.
އަލީ ޔާމިން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
ކޮމެންޓް