ވޯލްޑް ކަޕް 2026 ހޯދާނެ ޓީމެއް ކަމަށް ފެންނަނީ ފްރާންސް ކަމަށާއި، އެހެން ބުނީ ފްރާންސަށް ނިސްބަތްވާ މީހަކަށްވާތީ ނޫން ކަމަށް ފީފާ ޗީފް އޮފް ގްލޯބަލް ފުޓްބޯލް ޑެވެލޮޕްމަންޓް އާސެން ވެންގާ ބުނެފިއެވެ.
ކުރިން އާސެނަލަށް ކޯޗުކަން ކޮށްދީ، ކާމިޔާބީތައް ހޯދާފައިވާ ވެންގާ ބުނީ ވޯލްޑް ކަޕް ނަގާނީ ފްރާންސް ކަމަށާއި، އެކަމަށް ބޭނުންވާ ހުނަރާއި ޓެކްޓިކަލް ވިސްނުން ފެންނަނީ އެޓީމުން ކަމަށެވެ.
"ވޯލްޑް ކަޕް ނަގާނީ ފްރާންސް. ދެން މިހެން ބުނީމަ ބުނާނަ އަހަންނަކީ ފްރާންސް މީހެއްވީމައޭ އެހެން މި ބުނީ. އެހެން ވެގެނެއް ނޫން. މިހެން މި ބުނީ ވޯލްޑް ކަޕް އެނަލައިސް ކޮށްފައި. ވޯލްޑް ކަޕަކީ ރޭލެއް ކަހަލަ އެއްޗެއް. އެކި ސްޓޭޖުގައި ދާނީ އެކި ސްޕީޑުގައި، ދެން އެ ސްޕީޑަށް ކެތް ނުކުރެވޭ ޓީމުތައް އެ ދަނީ ކަޓަމުން. މިސާލަކަށް އޭޝިއާ ޓީމުތައް އެ ކަޓައިގެން ދިޔައީ ގޭމްގެ އެ އަވަސް މިނާ، ޓެކްނިކަލް ޕްލޭންތަކަށް އެޖަސްޓް ނުވެވިގެން،" ވެންގާ ބުންޏެވެ.
ފްރާންސުން 2018 ވަނަ އަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށް، 2022 ވަނަ އަހަރު ފައިނަލް ކުޅުނު އިރު، އަދި މިހާތަނަށް މި ވޯލްޑް ކަޕްގައި ބަލިވެފައެއް ނުވެއެވެ. އެންމެ އުނދަގޫކޮށް ފްރާންސަށް ދިޔަ މެޗަކީ ގަދަ 16 ގައި ޕެރަގުއާއީއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ފްރާންސް މޮޅުވީ 1-0 އިންނެވެ.
ވެންގާގެ ނަޒަރުގައި ފްރާންސް ހުއްޓުވުމަށް އެންމެ ގާތުން ވާދަކުރާނެ ޓީމަކީ އެއް ފަޅިއެއްގައި އޮތް ސްޕެއިނެވެ.
"އަހަންނަށް ދެން ސުވާލު އުފެދެނީ ސްޕެއިނާ ދޭތެރޭ. ފްރާންސް ބަލިކުރެވޭނެ ގާބިލުކުރަން ހުރި ހަމައެކަނި ޓީމެއްގެ ގޮތުގައި ފެންނަނީ ސްޕެއިން. އެއީ އެޓީމު ޓެކްނިކަލީ ފްރާންސަށްވުރެ މޮޅު. ސްޕެއިންގެ އަތުގައި އޮތް އެއްޗަކީ ކޮލިޓީ ފުޓުބޯޅަ ސަގާފަތެއް. އެއީ އެހެން އެއްވެސް ގައުމެއްގައި އޮތް އެއްޗެއް ނޫން. ފްރާންސް ފިޒިކަލީ މޮޅުވިޔަސް، ސްޕެއިންގެ ކިބައިން ޓެކްނިކަލް ކޮލިޓީ ފެނޭ،" ވެންގާ ފާހަގަކުރިއެވެ.
މިހާރު ވޯލްޑް ކަޕްގެ ނޮކްއައުޓް އޮތް ގޮތުން ސްޕެއިނާއި ފްރާންސްގެ ތެރެއިން ފައިނަލަށް ދާނީ އެންމެ ޓީމެކެވެ. އެ ދެ ޓީމުން ކުއާޓާ މެޗު ކާމިޔާބުކޮށް ފިނަމަ، ސެމީ ފައިނަލުގައި ވާދަކުރަން ޖެހޭނެއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް