ޕެރަގުއާއީގެ ގާނޫނޫ ހަދާ މަޖިލީހުގެ މެމްބަރު ސެލެސްޓޭ އަމަރީއާ ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް ނިސްބަތްކޮށް ދެއްކި ވާހަތައް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ އޮފީހުންނާއި ފްރާންސް ސަރުކާރުން ކުށްވެރި ކޮށްފިއެވެ.

ފްރާންސާއި ޕެރަގުއާއީ ގަދަ 16 ގައި ކުޅުނު މެޗު ދިޔައީ ވާދަވެރިކޮށެވެ. އެމެޗު 1-0 އިން ފްރާންސް ކާމިޔާބު ކުރި އިރު، ޕެރަގުއާއީ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް އެމްބާޕޭއާ ދިމާކޮށްލައިފައެވެ. މެޗު ތެރެއިން ނުރައްކާތެރި ޓެކުލްތައް ވެސް ފެނިގެން ދިޔަ އިރު، މެޗު ނިމުމާއެކު އެމްބާޕޭ ވަނީ ޖަޒުބާތުގައި އިދިކޮޅު ޓީމުގެ ކުޅުންތެރިން ކުރިމަތީގައި ކަހަލަ ގޮތަކަށް އުފާފާޅުކޮށްފައެވެ.

އެ މެޗަށްފަހު ޕެރަގުއާއީގެ ރެޑިކަލް ޑިމޮކްރެޓިކް ޕާޓީއަށް ނިސްބަތްވާ އަމަރީއާ ފާހަގަކޮށްފައި ވަނީ އެމްބާޕޭއަކީ ފްރާންސް މީހަކަށް ވާން މަސައްކަތް ކުރާ "ކެމަރޫންގެ އަޅެއް" ކަމަށެވެ. އަދި ޕެރަގުއާއީ މެޗަށްފަހު އެމްބާޕޭ މޫނު މަތީގައި ޖަހަން ޖެހޭ ކަމަށް އަމަރީއާ ފާހަގަކޮށްފައިވާ އިރު، އޭނާ ހިތްހަމަ ނުޖެހުނީ އެމްބާޕޭ އުފާފާޅުކުރި ގޮތުންނެވެ.

އަމަރީއާ ބުނީ އެމްބާޕޭއަކީ ވަލު ޖަނަވާރެއްހެން އުޅޭ ކުޅުންތެރިއެއް ކަމަށެވެ.

އެކަމުގައި އެމްބާޕޭ ވަނީ ރައްދުވެސް ދީފައެވެ. އެމްބާޕޭ ބުނީ އަމަރީއާއަކީ ނަން ކިޔަން ހެޔޮ ނުވާނެ ދަށު ދަރަޖައިގެ އަންހެނެއް ކަމަށެވެ. އަދި އަމަރީއާއަކީ މަގާމަށް އެކަށޭނެ މީހެއް ނޫން ކަމަށާއި، އަމަރީއާ ދެއްކި ވާހަކައިގެން ޕެރަގުއާއީން ވޯލްޑް ކަޕްގައި ހޯދި އިހުތިރާމް ގެއްލޭނެ ކަމަށެވެ.

އެމްބާޕޭ ބުނީ އަމަރީއާ ކަހަލަ މީހަކަށް ނަސްލީ ގޮތުން ދިމާކޮށް، އެކަމުގައި ފާޑުފާޑުގެ ވާހަކަ ދައްކަން ޖާގަ ނުދޭނެ ކަމަށެވެ.

އަމަރީއާގެ ވާހަކަތަކާއެކު ފްރާންސް ސަރުކާރުން ވަނީ ނަސްލީގޮތުން ދިމާކުރިކަމުގެ މައްސަލައެއް ބަލަން ފަށައި، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮންވެސް ވަނީ އެމްބާޕޭ ދިފާއުކުރައްވައިފައެވެ.

މެކްރޮން ވިދާޅުވީ އެއީ އަނެއްކާވެސް އެމްބާޕޭއަށް ގޯލެއް ޖެހުން ކަމަށާއި، މިފަހަރު އެއީ ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ޖެހުނު ގޯލެއް ކަމަށެވެ. އަދި އެމްބާޕޭއަށް ފްރާންސްގެ ފުރިހަމަ ސަޕޯޓް އޮންނާނެ ކަމަށެވެ.

އަމަރީއާގެ ވާހަކައިގައި ޕަރަގުއާއީ ސަރުކާރުންވެސް ވަނީ އެއީ އެގައުމު ދެކޭ ދެކުން ނޫން ކަމަށް ބުނެފައެވެ. އަދި ގާނޫނު ހަދާ މަޖިލީހުގެ އިސްވެރިޔާ ބަސީލިއޯ ނިނޭޒް ވިދާޅުވީ، އެއީ އެގައުމުގެ ބަސް ނޫން ކަމަށާއި، ޕެރަގުއާއީއަކީ އެކަހަލަ ގައުމެއް ނޫން ކަމަށެވެ.

އެމްބާޕޭއާ އެގޮތަށް ޖައްސާލުމުން އދ އިން ނެރުނު ބަޔާނުގައި ބުނީ އަމަރީއާގެ ބަސްތަކަކީ ނޭނގި ކިޔުނު އެއްޗެއް ނޫން ކަމަށާއި، އެއީ ސީދާ ނަސްލީގޮތުން ދިމާކޮށް، އިންސާނީ ކަރާމާތަށް ހުތުރުވާފަދަ ގޮތަކަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.

އޭގެ އިތުރުން އދ އިން ބުނީ ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ސޯޝަލް މީޑިއާ ކުންފުނިތަކުގެ ޒިންމާ ބޮޑު ކަމަށެވެ. ހާއްސަކޮށް އެކިއެކި ޕްލެޓްފޯމްތަކުގައި އެކަހަލަ ވާހަކަ ނުދެއްކޭ ގޮތަށް ހަދަން ޖެހޭ ކަމަށްވެސް އދ އިން ފާހަގަކުރިއެވެ.

އެމްބާޕޭއާއި އަމަރީއާއާ ޖެހުނު މައްސަލައިގައި އެމްބާޕޭ ބުނި ވާހަކައަކަށް އަމަރީއާވެސް ވަނީ ގާނޫނީ ފިޔަވަޅު އަޅަން ބުނެފައެވެ. އެއީ އަންހެނަކަށްވީތީ އެކަމަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކަށް ކަމަށް އަމަރީއާ ފާހަގަކޮށްފައިވެއެވެ.