ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ފަހަތުން އަރައި ތިން ގޯލް ޖަހައިގެން މިސްރު ބަލިކޮށް، އާޖެންޓީނާއިން ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ އެޓްލާންޓާ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާޖެންޓީނާއިން މިސްރު ބަލިކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
ވޯލްޑް ކަޕްގައި ފުރަތަމަ މޮޅެއް ހޯދަން މިފަހަރު މުބާރާތަށް ނުކުތް މިސްރަށް މިހާރު ވަނީ އެކަން ހާސިލްވެ، ވޯލްޑް ކަޕް ދަތުރު ތާރީހީ ދަތުރަކަށްވެސް ވެފައެވެ. މުހައްމަދު ސަލާހް ލީޑު ކުރަމުންދިޔަ މިސްރުން ގްރޫޕު ސްޓޭޖުގައި ބެލްޖިއަމާއި އީރާން އަތުން އެއްވަރުވި އިރު، ނިއު ޒިލޭންޑް އަތުން ވަނީ މޮޅުވެފައެވެ. އަދި ގަދަ 32 ގައި އޮސްޓްރޭލިއާ އަތުން ޕެނަލްޓީ ޝޫޓްއައުޓްގައި މިސްރު ވަނީ މޮޅުވެފައެވެ.
މިރޭގެ މެޗަކީ މިސްރުގެ ފުޓުބޯޅަ ތާރީހަށްވެސް ހާއްސަ މެޗެކެވެ. ގަދަ 16 އަށް ދަތުރުކުރި ފުރަތަމަ ފަހަރުގައި މިސްރުން މިރޭ ނުކުތީ ދުނިޔޭގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ. އެޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ދެކޮޅަށެވެ. ތާރީހު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާއެވެ.
ޗެމްޕިއަން އާޖެންޓީނާއިން މިހާ ހިސާބަށް ދަތުރުކުރީ ހުރިހާ މެޗެއް ކާމިޔާބުކޮށްގެންނެވެ. ގްރޫޕު ސްޓޭޖުގައި އަލްޖީރިއާ އާއި އޮސްޓްރިއާ އަދި ޖޯޑަން އަތުން ވަނީ މޮޅުވެފައެވެ. އާޖެންޓީނާއަށް އެންމެ އުނދަގޫ މެޗަކަށް ވެގެންދިޔައީ ވޯލްޑް ކަޕްގައި އަލަށް ވާދަކުރި ކޭޕް ވާޑްއާ ދެކޮޅަށް ގަދަ 32 ގައި ކުޅުނު މެޗެވެ. އެ މެޗުން އާޖެންޓީނާ މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެންނެވެ.
މިހާތަނަށް މެސީގެ ފޯމު އާދަޔާހިލާފު ރަނގަޅަށް ފެނިގެން ގޮސްފައިވާ އިރު، އޭނާ ވަނީ މި ވޯލްޑް ކަޕްގައިވެސް ހަތް ގޯލް ޖަހައިފައެވެ. އެއާއެކު މެސީއަކީ އެންމެ ގިނަ ގޯލް ޖެހި އެއް ކުޅުންތެރިޔާއެވެ. އޭގެ އިތުރުން ވޯލްޑް ކަޕްގެ ތާރީހުގައި 20 ގޯލް ހަމަކޮށް، އެ ރެކޯޑުވެސް މިހާރު އޮތީ އޭނާ އަތުގައެވެ.
އާޖެންޓީނާއިން ވަނީ މިމެޗަށް ތިން ބަދަލު ގެނެސްފައެވެ. ފުލްބެކް ފަކުންޑާ މެޑީނާ، އަދި ފޯވަޑް ލައިނުން ތިއާގޯ އަލްމާޑާއާއި ލައުޓާރޯ މާޓިނޭޒް ބެންޗުން ފެށި އިރު، އޭގެ ބަދަލުގައި ފުރަތަމަަ 11 އިން ފުރުސަތު ދީފައިވަނީ ފުލްބެކް ނިކަލޮސް ޓަގްލިއަފީކޯއާއި ލިއާންޑްރޯ ޕަރޭޑޭސް އަދި ހޫލިއަން އަލްވަރޭޒަށެވެ.
މިސްރުންވެސް ފުރަތަމަ 11 އަށް ބައެއް ބަދަލުތައް ގެނެސްފައިވާ އިރު، އެންމެ ފާހަގަކޮށްލެވުނީ އުމަރް މާމޫޝް ބެންޗުން ފެށުމެވެ.
ފެވަރިޓުންގެ ގޮތުގައި މެޗަށް ނުކުތީ އާޖެންޓީނާ ނަމަވެސް، ފުރަތަމަ ކޮޅުގައި އެ ތަފާތެއް ނުފެނެއެވެ. ފުރަތަމަ 10 ވަރަކަށް މިނެޓުގައި މިސްރުން ވަނީ އާޖެންޓީނާއާ ވަރުގަދައަށް ވާދަކޮށް، ހަމަހަމަ ކުޅުމެއް ދެއްކިއެވެ.
އެއްވަރު އެއްވަރުކޮށް މެޗުގެ ފެށުން ދިޔަ ނަމަވެސް، 15 ވަނަ މިނެޓުގައި ކުއްލިއަކަށް މެޗަށް ދިރުން ލިބުނެވެ. އެންމެން ހައިރާން ކޮށްލައި މިސްރުން ލީޑުވެސް ނެގިއެވެ. މަރްވާން އަތިއާ ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން އާޖެންޓީނާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މިސްރަށް ގޯލް ޖަހައިދިނީ ޔާސިރް އިބްރާހީމެވެ.
އެ ގޯލާއެކު މިސްރަށް ފުރަތަމަ ޓާގެޓް ހާސިލްވި އިރު، ހަތަރު މިނެޓް ފަހުން އާޖެންޓީނާއަށް ޕެނަލްޓީއެއް ލިބުނެވެ. ނިކޮލަސް ޓަގްލިއަފީކޯއަށް ހައިސަމް ހަސަން ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކެޕްޓަން މެސީ ފޮނުވާލި ނަމަވެސް، މިސްރު ކީޕަރު މުސްތަފާ ޝުބީރް ވަނީ ހުޝިޔާރުކަމާއެކު އެ ބޯޅަ މަތަކޮށްފައެވެ. އެއީ މި ވޯލްޑް ކަޕްގައި މެސީ އަތުން ނާކާމިޔާބުވި ދެވަނަ ޕެނަލްޓީއެވެ.
އޭގެފަހުން ހާފު ނިމެންދެން މިސްރަށް ހިތްވަރު ކޮށްދިނީ ކީޕަރު ޝުބީރެވެ. އާޖެންޓީނާއިން ފުލުފުލުގައި އެޓޭކް ކުރި އިރު، އޭނާ ހުރީ ފުރިހަމަ ފޯމެއްގައެވެ. މެޗުގެ 28 ވަނަ މިނެޓުގައި ރޮޑްރިގޯ ޑި ޕޯލް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އެލެކްސިސް މެކެލިސްޓާ ބޮލުން ފޮނުވާލި ހަމަލާގައި ކީޕަރު ޝުބީރްގެ މޮޅު ސޭވެއް ފެނުނެވެ.
އޭގެ އިރުކޮޅެއްފަހުން މެސީގެ ހިލޭ ޖެހުމެއް ދަނޑިއަށް އަމާޒުވި އިރު، ޓަގްލިއަފީކޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، އާޖެންޓީނާ ފޯވަޑް އަލްވަރޭޒް ފޮނުވާލި ހަމަލާވެސް ވެއްޓިގެންފައި މަތަކުރީ ކީޕަރު ޝުބީރެވެ.
ދެވަނަ ހާފު ފަށައިގެންވެސް އާޖެންޓީނައިން މާޔޫސްކަން ފިލުވާލުމަށް މަސައްކަތް ކުރި އިރު، އެޓީމުން ދިޔައީ ކުރިއަށް ޖެހި މުޅި ޓީމު އެޓޭކަށް އަރަމުންނެވެ. ހާފުގެ ކުރީކޮޅުގައި ޕެނަލްޓީ އޭރިއާ ބޭރުން ލިއޭންޑްރޯ ޕަރޭޑޭސް ފޮނުވާލި ހަމަލާ، މިސްރުގެ ގޯލާ އަމާޒުވެފައި ނުވާ އިރު، މިސްރުން ދިޔައީ ކައުންޓާއަކަށް ވިސްނަމުންނެވެ.
މެޗުގެ 58 ވަނަ މިނެޓުގައި އެ ފުރުސަތު ހޯދިއެވެ. ފަހަތުން ފެށިގނެން ހައިސެމް ހަސަން ބޯޅައާއެކު ކުރިއަށް ގޮސް، ސަލާހަށް ދިން ބޯޅަ، އޭނާ ރީތިކޮށް ޖައްސާލޯ މުސްތަފާ ޒީކޯއަށެވެ. އޭނާ ބޯޅަ ގޯލަށް ވައްދާލި ނަމަވެސް ވީއޭއާރް ބަލައި ރެފްރީ ނިންމީ ގޯލެއް ނޫން ކަމަށެވެ. އެއީ ހަސަން އެ ބޯޅަ ހޯދި އިރު، ލިސާންޑްރޯ މާޓިނޭޒަށް ފައުލްކުރި ކަމަށް ބަލައިފައެވެ.
އެހިސާބުން މިސްރު ހުއްޓުނީކީ ނޫނެވެ. 67 ވަނަ މިނެޓުގައި ގޯލް ޖަހައި އާޖެންޓީނާއަށް ސިހުން ގެނައެވެ. އިސަމް ހަސަން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ، މިސްރަށް އެ ގޯލު ކާމިޔާބުކޮށްދިނީވެސް ޒީކޯއެވެ.
އެހިސާބުން އާޖެންޓީނާއާއި މެސީ ހާސްކަމަށް ވައްޓާލި ނަމަވެސް، ހައިޑްރޭޝަން ބްރޭކަށްފަހު މެޗުގެ އޮއިވަރު ބަދަލުވިއެވެ. އެގޮތުން 79 ވަނަ މިނެޓުގައި ކްރިސްޓިއަން ރޮމޭރޯ އާޖެންޓީނާއަށް ގޯލްް ޖަހައިދީ އުންމީދު އާކޮށްދިނެވެ. އެއީ މެސީ ނަގައިދިން ބޯޅަ، ބޮލުން ގޯލަށް ވައްދާލައިގެންނެވެ.
އޭގެ އިރުކޮޅެއްފަހުން ލައުޓާރޯ މާޓިނޭޒަށް ހުސް ފުރުސަތެއް ފަހިވި އިރު، މެސީ އަރިމަތިން މިސްރުގެ ޑިފެންޑަރު ނައްޓާލާފައި ވަދެ ނަގައިދިން ބޯޅައިގައި މާޓިނޭޒް ފޮނުވާލި ހަމަލާ ދިޔައީ ބޭރަށެވެ. އޭގެ މިނެޓެއްފަހުން 83 ވަނަ މިނެޓުގައި މެސީ ވަނީ މެޗު އެއްވަރު ކޮށްދީފައެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ހުސްކޮށް ހުރެ، ގޯލުގެ ތެރެއަށް ފޮނުވާލައިގެން މެޗު އެއްވަރުކުރި އިރު، އެހިސާބުން އާޖެންޓީނާ އަތަށް މެޗު އެނބުރުނެވެ. އަދި އިތުރު ވަގުތަށް ދިޔަ ނުދޭން އެޓީމުން ކުރި މަސައްކަތް ކާމިޔާބުކުރީ އިތުރު ވަގުތުގެ ތެރެއިންނެވެ.
މެޗުގެ 92 ވަނަ މިނެޓުގައި ލައުޓާރޯ މާޓިނޭޒް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލައިގެން އާޖެންޓީނާއަށް ގޯލު ކާމިޔާބުކޮށްދިނީ އެންޒޯ ފެނާންޑޭޒްއެވެ.
އެހިސާބުން މިސްރު މާޔޫސްވެ، ރެފްރީއަށް ޝަކުވާވެސް ކޮށްފައިވެއެވެ. އެހެން ނަމަވެސް މެޗު ނިމުނީ އާޖެންޓީނާއިން ކުއާޓާ ފައިނަލް ޔަގީން ކޮށްގެންނެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް