ގަވާއިދާ ހިލާފަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކުނި ނަގައި އުކާލުމުގެ މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސް، އިމްގްރޭޝަނާ ހަވާލުކޮށްފިއެ ވެ.

ފުލުހުން މިއަދު ބުނީ، އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، އިއްޔެގެ ހެނދުނު 8:45 އެހައިކަންހާއިރު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ، ގޯލްޑް ކިންގް ޕްރައިވެޓް ލިމިޓެޑްގެ ދަށުން މޭސަނެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ މޮނިރް (39އ) އާއި، އޭޔޫ ފެހުންގެ ދަށުން ފަހާ މީހެއްގެ ގޮތުގައި ރާއްޖޭގައި މަސައްކަތްކުރުމުގެ ވިސާ އޮންނަ، އެމްޑީ ހަބީބު އުލާހް (43އ) އެވެ.

އެ ދެ މީހުން ހިފަހައްޓާފައިވަނީ ކުނި އުފުލުމަށް ބޭނުންކުރި ޕިކަޕާއެކުގައި ކަމަށް ފުލުހުން ބުނެއެވެ.

އެ ދެ މީހުންނަކީ ރާއްޖޭގައި އަމަލުކުރަމުން އަންނަ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނާއި، ކުނި މެނޭޖުކުރުމުގެ ގާނޫނާއި، ރާއްޖޭގެ އިމިގްރޭޝަން ގާނޫނުގެ އިތުރުން ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް ހުޅުމާލޭގައި އަމިއްލައަށް ކުނި ނަގައި އުކާލުމުގެ މަސައްކަތްކުރަމުން ދިޔަ ބައެއް ކަމަށާއި، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށް އެ މީހުން މިހާރުވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.