ޕޯޗުގަލްއާއެކު 2016 ވަނަ އަހަރު ހޯދީ ޔޫރޯއަކީ އޭނާއަށް ވޯލްޑް ކަޕާ އެއްވަރަށް ހާއްސަ މުބާރާތެއް ކަމަށް ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ރޮނާލްޑޯ މިހާތަނަށް ހަ ވޯލްޑް ކަޕްގައި ކުޅެ، އެ ހަ ވޯލްޑް ކަޕްގައިވެސް ގޯލް ޖަހާފައިވާ އިރު، މިފަހަރު ވޯލްޑް ކަޕް ނިމިގެން ދިޔައީ ރޭ ސްޕެއިން ކައިރިން 1-0 އިން ވި ބައްޔާއެކުގައި ގަދަ 16 އިންނެވެ. އެއާއެކު ރޮނާލްޑޯގެ ކެރިއަރުގައި ވޯލްޑް ކަޕަށް ނިމުން އައީކަން އޭނާ ވަނީ މެޗަށްފަހުވެސް ޔަގީން ކޮށްދީފައެވެ.

"އަހަރެން ދެރަވީ މިހެން ވޯލްޑް ކަޕް ނިންމާލައި ދާން. އަހަންނަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރިން. އަހަރެން ނިންމާލާފައި މި ދަނީ އެކަމަށް ޔަގީންކަން އޮވެގެން. މިއީ އަހަރެންގެ ފަހު ވޯލްޑް ކަޕް. ދެން އޮތް ނިންމުމަށް އަހަރެން އަވަސް ނިންމުމެއް ނުނިންމާނަން. ދެން އޮތް ދުވަސްތަކުގައި އާއިލާއާއެކު ވަގުތު ހޭދަކުރުމަށްފަހު އިތުރު ކަމަކަށް ވިސްނާނީ،" އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ ޕޯޗުގަލްއާއެކު 2016 ވަނަ އަހަރުގެ ޔޫރޯއާއި 2019 އަދި 2025 ވަނަ އަހަރުގެ ނޭޝަންސް ލީގު ކާމިޔާބު ކޮށްފައިވާ އިރު، އޭނާ ބުނީ 2016 ގެ ޔޫރޯ ހޯދުމަކީ ވޯލްޑް ކަޕް ހޯދުމާ އެއް ލެވެލްއެއްގެ ކާމިޔާބީއެއް ކަމަށް ބަލާ ކަމަށެވެ.

"އަހަންނާއެކު ޕޯޗުގަލްއިން ތިން ތަށި ހޯދި. ރޮނާލްޑޯގެ ކުރިން ޕޯޗުގަލްއަށް ފުޓުބޯޅައިގައި ތަށްޓެއް ނުލިބޭ. އޭގެ ތެރެއިން އެންމެ ބޮޑު ތަށްޓަކީ 2016 ވަނަ އަހަރުގެ ޔޫރޯ. ތެދަށް ބުނަންޏާ އެއީ އަހަންނަށް ވޯލްޑް ކަޕާ އެއްވަރު ކާމިޔާބީއެއް،" ރޮނާލްޑޯ ބުންޏެވެ.

އަލް ނަސްރަށް ކުޅެމުންދާ ރޮނާލްޑޯ ބުނީ ހިތާމަވެރި ނިމުމެއް އައި ނަމަވެސް، މާދަމާއަކީ އެހެން ދުވަސް ދުވަހޭ އެއްގޮތަށް އާދައިގެ ދުވަހެއް ކަމަށާއި، ބައްޔާ ދޭތެރޭ ނުވިސްނާނެ ކަމަށެވެ. އަދި ޕޯޗުގަލްއަށް ސްޕެއިން ކައިރިން ނަސީބު އެހީ ނުވި ކަމަށްވެސް އޭނާ ބުންޏެވެ.