ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި ޕޯޗުގަލް ބަލިކޮށް، ސްޕެއިނުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.
އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 16 ގެ މެޗު ނިމުނީ 1-0 ގެ ނަތީޖާއަކުންނެވެ.
މިރޭގެ މެޗު ވެފައި އޮތީ ވޯލްޑް ކަޕްގެ ދެ ފެވަރިޓުންގެ ކުރިމަތިލުމަކަށެވެ. ހާއްސަކޮށް ޔޫރަޕްގެ ގަދަ ދެބާރުގެ ވަރުގަދަ ކުރިމަތިލުމަކަށެވެ. ދެޓީމުގައިވެސް ހުސް ތަރިން ތިބި އިރު، އޭގެ ތެރެއިން ހާއްސަވީ ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލާއި ޕޯޗުގަލްގެ ލެޖެންޑް ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ޔަމާލަށް މިއީ ފުރަތަމަ ވޯލްޑް ކަޕް ކަމަށްވީ އިރު، ރޮނާލްޑޯއަށް މިއީ އޭނާގެ ފަހު ވޯލްޑް ކަޕެވެ. ކޮންމެ އެއް ކުޅުންތެރިއަކަށް މިރޭ ވޯލްޑް ކަޕް ނިމޭނެކަން ޔަގީންވެފައި އޮތް އިރު، މެޗު ހާއްސަވި އެއް ސަބަބަކީ އެއީއެވެ. ހާއްސަކޮށް ޕޯޗުގަލްގެ ލެޖެންޑް، އުމުރުން 41 ގެ ރޮނާލްޑޯގެ ކެރިއަރުގެ ފަހު ވޯލްޑް ކަޕް ނިމިގެންދާނެ ގޮތަކަށް އެތައް ބަޔަކު ތިބީ އިންތިޒާރެއްގައެވެ.
ފުޓުބޯޅަ ތާރީހުގައި ޕޯޗުގަލާއި ސްޕެއިން ވަނީ 41 މެޗެއްގައި ބައްދަލުކޮށްފައެވެ. އެހެންކަމުން މިއީ އާ ކުރިމަތިލުމަކަށް ނުވާނެކަން ކުރިންވެސް އޮތީ އެނގިފައެވެ. ކުރިން ކުޅުނު މެޗުތަކުގެ ތެރެއިން 17 މެޗަކުން ސްޕެއިން މޮޅުވި އިރު، ޕޯޗުގަލް މޮޅުވީ ހަ މެޗަކުންނެވެ. އަދި 18 މެޗެއް ނިމުނީ އެއްވަރުވެގެންނެވެ.
ވޯލްޑް ކަޕާއި ޔޫރޯ އަދި ނޭޝަންސް ލީގު ހިމެނޭ ގޮތަށް ބޮޑެތި މުބާރާތްތަކުގައި ކުޅުނު މެޗުތަކުގެ ތެރެއިން ސްޕެއިނުން ހަ މެޗަކުން މޮޅުވި އިރު، ޕޯޗުގަލް މޮޅުވީ އެންމެ މެޗަކުންނެވެ. އަނެއް ފަސް މެޗެއް ނިމުނީ އެއްވަރުވެގެންނެވެ. އެންމެ ފަހުން މިދިޔަ އަހަރު ކުޅުނު ނޭޝަންސް ލީގު ފައިނަލުގައި މި ދެ ޓީމު ބައްދަލުކޮށްފައިވާ އިރު، ޕޯޗުގަލް މޮޅުވީ ޕެނަލްޓީ ޝޫޓްއައުޓްގައެވެ.
ގްރޫޕު ސްޓޭޖުގައި ޕޯޗުގަލުން ޑީއާރް ކޮންގޯ އަދި ކޮލަމްބިއާ އަތުން އެއްވަރުވި އިރު، މޮޅުވީ ހަމައެކަނި އުޒްބެކިސްތާންއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ޕޯޗުގަލަށް ގަދަ 16 ގެ ޖާގައެއް ލިބުނީ ގަދަ 32 ގައި ފަހުވަގުތު ކްރޮއޭޝިއާ ބަލިކޮށްގެންނެވެ.
ގްރޫޕު ސްޓޭޖުގައި ކޭޕް ވާޑް އަތުން އެއްވަރުވެ، ސްޕެއިނަށް ފާޑުކިޔުންތަކެއް އަމާޒުވީ ނަމަވެސް، ފަހު ދެ މެޗުގައި ސްޕެއިނުން ވަނީ ވަރުގަދަ ކުޅުމަކާއެކު ސައުދީ އަރަބިއްޔާ އާއި އުރުގުއާއީ ބަލިކޮށްފައެވެ. އަދި ސްޕެއިނަށް ގަދަ 16 ގެ ޖާގައެއް ލިބުނީ ގަދަ 32 ގައި ފަސޭހަކަމާއެކު އޮސްޓްރިއާ ބަލިކޮށްގެންނެވެ.
ހީކުރި ގޮތަށް މެޗުގެ ފުރަތަމަ ހާފު ފެނުނީ ޓެކްޓިކަލް ހާފެއްގެ ގޮތުގައެވެ. ދެޓީމުންވެސް މާ ފިޒިކަލް ކުޅުމެއް ފެނިގެން ނުދިޔަ އިރު، ދެޓީމުންވެސް ފެނުނީ "ވަރަށް ޔޫރަޕް" ކުޅުމެކެވެ. އެހެން ކުޅެމުން ދިޔަ ނަމަވެސް ހަމަލާތައް ފެނުނެވެ.
ތިންވަނަ މިނެޓުގައިވެސް ސްޕެއިނަށް ގޯލް ހުޅުވާލަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއެވެ. އޭރިއާ ބޭރުން މިކެލް އޮޔާޒަބާލް ފޮނުވާލި ހަމަލާ ކީޕަރު ޑިއޯގޯ ކޮސްޓާ އަތަށް ދިޔަ އިރު، އަނެއްކޮޅުން ޖައޯ ކަންސެލޯ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޭނާ ފޮނުވާލި ބާރު ހަމަލާ ދިޔައީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
އޭގެ އިރުކޮޅެއްފަހުން އޮޔާޒަބާލަށް މުޅިން ހުސް ފުރުސަތެއް ލިބުނެވެ. އަށްވަނަ މިނެޓުގައި ޑެނީ އޮލްމޯ ދިން ބޯޅައެއް ހިފައިގެން ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު އޮޔާޒަބާލް ފޮނުވާލި ހަމަލާ ދިޔައީ ޕޯޗުގަލް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
އެހިސާބުން މެޗުގެ އޮއިވަރު ބައްޓަންވީ އެޓޭކްތަކެއް ފެންނާނެ މިސްރާބަކަށެވެ. 12 ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އޭރިއާ ތެރެއިން ބޯޅަ މަތިން ފައި އުކާލާފައި ހަނި އެންގަލުން ފޮނުވާލި ބޯޅަ ދިޔައީ ސްޕެއިން ކީޕަރު އުނައި ސިމޮން އަތަށެވެ.
ހަމަ އެ ހަމަލާއިން ހިންދެމި ނުލެވިގެން އުޅެނިކޮށް، 16 ވަނަ މިނެޓުގައި ސްޕެއިނަށް ކައިރިކައިރިން ދެ ފުރުސަތެއް ލިބުނެވެ. ހުސްކޮށް ހުރެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ލަމީން ޔަމާލް ފޮނުވާލި ހަމަލާ، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ މަތަކުރި އިރު، ރީބައުންސް ބޯޅައިން ޕެނަލްޓީ އޭރިއާ ތެރެއިން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާ ވެސް ކީޕަރު ޑިއޯގޯ ކޮސްޓާ ވަނީ މަތަކޮށްފައެވެ. ދެވަނަ ސޭވްއަކީ މޮޅު ސޭވެކެވެ.
އޭގެ އިރުކޮޅެއްފަހުންވެސް ސްޕެއިން ނުރައްކާ ކުރި އިރު، އޭރިއާ ބޭރުން ޕެޑްރީ ފޮނުވާލި ހަމަލާވެސް މަތަކުރީ ކީޕަރެވެ.
ސްޕެއިންގެ ނުރައްކާ ބޮޑަށް ފާހަގަވަމުން ދިޔަ ނަމަވެސް، ހާފުގެ އެންމެ ނުރައްކާތެރި ހަމަލާ ފެނުނީ ޕޯޗުގަލްގެ ފަރާތުންނެވެ. ހާފު ނިމެން ދަނިކޮށް ނޫނޯ މެންޑޭޒް ފޮނުވާލި ބާރު ހަމަލާ، ސްޕެއިން ޑިފެންޑަރު ޕެޑްރޯ ޕޮރޯގެ ބޮލުގައި ޖެހި އަމާޒުވީ ސްޕެއިން ގޯލުގެ ހުރަސް ދަނޑިއަށެވެ. އެއާއެކު ހާފު ނިމިގެން ދިޔައީ ހަމަހަމަވެފައި އޮވެގެންނެވެ.
ދެވަނަ ހާފުގައި މެޗު ތަންކޮޅެއް ބޮޑަށް އަވަސްވިއެވެ. އެހެން ނަމަވެސް ހާފުގެ ކުރީކޮޅުގައި ހަމަލާތައް ފެނުނީ މަދުންނެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޕޯޗުގަލްގެ މެންޑޭޒްއަށް އަނިޔާވެ އޭނާގެ ބަދަލުގައި ނެލްސަން ސެމޭޑޯ ކުޅެން ނެރެން ޖެހުމަކީ އެޓީމަށް ކުރިމަތިވި މާޔޫސްކަމެއް ނަމަވެސް، އޭގެފަހުން 15 ވަރަކަށް މިނެޓް ބޮޑަށް ބޯޅަ ހިފެހެއްޓީ ޕޯޗުގަލްއިންނެވެ.
ޕޯޗުގަލްގެ ރަނގަޅު ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ހަމަލާތައް ފެނިގެން ދިޔައީ ސްޕެއިންގެ ފަރާތުންނެވެ. ޕެޑްރީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ޕޯޗުގަލް ޑިފެންޑަރު ރެނާޓޯ ވޭގާ ބްލޮކް ކުރި އިރު، އޭރިއާ ބޭރުން އެލެކްސް ބައޭނާ ފޮނުވާލި ހަމަލާވެސް ކާމިޔާބެއް ނުވިއެވެ.
ދެވަނަ ހާފުގެ ފަހުކޮޅަށް ދިޔަ ވަރަކަށް މަޑުމަޑުން އިތުރު ހަމަލާތައް ފެންނަން ފެށިއެވެ. ބްރޫނޯ ފެނާންޑޭޒް އޭރިއާ ތެރެއިން ރަނގަޅު ޓާންއަކާއެކު ފޮނުވާލި ބޯޅަ އަރިމަތީ ދާގަނޑަށް އަމާޒުވި އިރު، އަނެއްކޮޅުން ފެރާން ޓޮރޭސް ކުޅެން ނުކުތުމާއެކު އޭނާގެ ނުރައްކާ ފާހަގަވިއެވެ. ރަނގަޅު މޫވްތަކެއް ފެރާން ނެގި ނަމަވެސް، ސީދާ ފުރުސަތެއް ހޯދުންވީ އުނދަގޫ ކަމަށެވެ.
މެޗުގެ 73 ވަނަ މިނެޓުގައި ލަމީން ޔަމާލް ފޮނުވާލި ހިލޭ ޖެހުން، ޕޯޗުގަލް ކީޕަރު ޑިއޯގޯ ކޮސްޓާ ޕަންޗުކޮށް ބޭރުކޮށްލި އިރު، އިރުކޮޅެއްފަހުން ޕެނަލްޓީ އޭރިއާ ތެރެއިން އޮލްމޯ ފޮނުވާލި ހަމަލާ، ޕޯޗުގަލް ޑިފެންޑަރު ރުބެން ޑިއާޒް ބްލޮކްކުރީ ވެއްޓިގެންފައެވެ.
މެޗު އިތުރު ވަގުތާ ދިމާލަށް ދަނިކޮށް، 91 ވަނަ މިނެޓުގައި ސްޕެއިނަށް ގޯލް ޖަހައިދީ، އެޓީމު ކުއާޓާ ފައިނަލަށް ގެންގޮސްދިނީ މިކޭލް މެރީނޯއެވެ. ފެރާން ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު މެރީނޯ ފޮނުވާލީ ސީދާ ކަނަށެވެ.
އޭގެފަހުން ޕޯޗުގަލްއިން އެއްވަރުކުރަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވިއެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް