މިފަހަރުގެ ވޯލްޑް ކަޕްގައި އެހާ ކުޅުން ދަށްހެން ހީނުވާ ކަމަށާއި، ކުރިއަށް އޮތް މެޗުތަކުގައި އިތުރު ގޯލު ޖަހަން މަސައްކަތް ކުރާނެ ކަމަށް ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޕޯޗުގަލުން މިފަހަރު ވޯލްޑް ކަޕްގެ ގަދަ 16 ގައި މިރޭ ނުކުންނާނީ ސްޕެއިނާ ދެކޮޅަށެވެ. މެޗަށް ބޮޑު ސަމާލުކަމެއް އަމާޒުވެފައިވާ އިރު، މެޗުގެ ކުރިން ޕޯޗުގަލްގެ ކެޕްޓަން ރޮނާލްޑޯ ވަނީ ނޫސްވެރިންނާ ކުރިމަތިލައިފައެވެ. ރޮނާލްޑޯ ނޫސްވެރިންނާ ވާހަކަދައްކަމުން ބުނީ މިއީ އެންމެ ފަހު ވޯލްޑް ކަޕް ނަމަވެސް އަދި ރިޓަޔާ ވާނީ އޭނާ ބޭނުންވުމުން ކަމަށެވެ.

"މިއީ އަހަރެންގެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް ހަދަމާ ހިނގާ. އަހަރެން ބޭނުމެއް ނޫން ސްޕެއިން މެޗަކީ ވޯލްޑް ކަޕްގައި ކުޅޭ އެންމެފަހު މެޗަށް ހަދާކަށް،" ނޫސްވެރިންނާ ފާޑަކަށް ޖަދަލުކުރަމުން ރޮނާލްޑޯ ބުނެފައިވެއެވެ.

ރޮނާލްޑޯ ބުނީ ނޫސްވެރިންގެ ތެރެއިން ބައެއް މީހުން އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާ ނުލައިގެން އުޅޭ ކަމަށާއި، ގައުމީ ޓީމުން ރިޓަޔާކުރާނީ އެމީހުން ބުނެގެން ނޫން ކަމަށާއި، އަމިއްލައަށް ބޭނުންވެގެން ކަމަށެވެ.

އުމުރުން 41 އަހަރުގެ ރޮނާލްޑޯ ބުނީ މިވަގުތަށް އެންމެ މުހިންމީ ސްޕެއިން މެޗު ނަމަވެސް، އެ މެޗު ކޮންމެ ގޮތަކަށް ނިމުނަސް ކެރިއަރުގައި ހާސިލުނުވާނެ ވަކި ކަމެއް ނޯންނާނެ ކަމަށެވެ.

"ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް، ކްރިސްޓިއާނޯ ނިންމާލާނީ 1000 ޕަސެންޓް ހިތްހަމަ ޖެހިގެން. އަހަންނަށް ފުޓުބޯޅައިގައި ހާސިލުވާން ޖެހޭނެ ކަމެއް ހާސިލުވެއްޖެ. އަހަރެން އަދިވެސްް މިކުޅެނީ އެ ކުޅިވަރަށް އޮންނަ ލޯތްބަކުން. ވަކި ކަމެއް ނުވެގެން ނޫން،" ރޮނާލްޑޯ ބުންޏެވެ.

"މިކަހަލަ ބޮޑު މުބާރާތެއްގެ ކޮންމެ ވަގުތެއްގައިވެސް އުފާފާޅުކޮށްލަން ޖެހޭނެ. އަހަންނަށް ހީވަނީ އަހަރެންގެ ކުޅުން އެހާ ދަށެއް ނޫންހެން. އަހަރެން ތިން ގޯލުވެސް ޖަހައިފިން،" ރޮނާލްޑޯ ފާހަގަކުރިއެވެ.

ރޮނާލްޑޯ ބުނީ މިހާރު އޭނާއަކީ ކުރީގެ ސްޓައިލްގައި ކުޅޭ ކުޅުންތެރިއެއް ނޫން ނަމަވެސް، އަދިވެސް ޓީމަށް ފައިދާވާނެ ކަންކަން ކުރެވޭނެ ކަމަށެވެ. އަދި ބައެއް އެހެން ކުޅުންތެރިން އޭނާއަށް ރަނގަޅަށް ޕާފޯމް ކުރި ނަމަވެސް، ހާލަތުގެ ގޮތުން އަބަދުވެސް ތަފާތު ދެއްކޭނެކަމުގެ އުންމީދު އޮންނަ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ، ގައުމީ ޓީމަށް ކުޅޭ 233 ވަނަ މެޗަށް މިރޭ ސްޕެއިނާ ދެކޮޅަށް ނުކުންނަ އިރު، ސްޕެއިނަކީ ރޮނާލްޑޯ އެންމެ ކާމިޔާބު އެއް އިދިކޮޅު ޓީމެވެ. އެގޮތުން 2018 ވަނަ އަހަރު ވޯލްޑް ކަޕްގައި ރޮނާލްޑޯ ވަނީ ސްޕެއިން ކޮޅަށް ހެޓްރިކް ހަދައިފައެވެ.