އަންނަ 2027 ވަނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތް ރަށްރަށުގައި އެ ނިޒާމުތައް ގާއިމްކޮށް ނިންމުމަށް ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބައެއް މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ގާނޫނު ބުނާގޮތުން ހުރިހާ ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް އަންނަ 2027 އަހަރަށް ނިންމަން ޖެހޭނެތީ، އެ ކަންތައްތަކާ ބެހޭ ގޮތުން އެކި މެންބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މިނިސްޓަރު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން 43 ރަށުގައި ފެނުގެ ނިޒާމު ގާއިމްވެފައި ނެތް ކަމަށާއި 33 ރަށުގައި ނަރުދަމާގެ ނިޒާމު ގާއިމްވެފައި ނެތް ކަމަށެވެ. އެހެންކަމުން އަންނަ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ހުރިހާ ރަށެއްގެ މަސައްކަތް އެބަ ކުރިއަށް ގެންދަން، ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި މަސައްކަތް ނިންމުމަކީ ގާނޫނީ ގޮތުންވެސް ޒިންމާއެއް، މިފެށޭ އަހަރު އެންމެ އިސްކަމެއްދޭނީ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ބައެއް ރަށްރަށުގެ ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވާކަން ފާހަގަ ކުރައްވައި، މިނިސްޓަރު ވިދާޅުވީ، ޑުޕްލެކްސް ކުންފުންޏާ ހަވާލުކޮށްފައިވާ ފެނާއި ނަރުދަމާގެ މަސައްކަތްތައް ނިންމުމަށް އެކުންފުންޏާ ވާހަކަ ދައްކަމުންދާ ކަމަށެވެ.