ދައުލަތުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް ކަނޑައެޅި އެއް ބިލިއަން ރުފިޔާއަށްވުރެ މާ ބޮޑު މިންވަރެއް، ސަރުކާރުން ތައާރަފު ކުރި އާ ސިޔާސަތުތަކާއި ފައިނޭންސިން މޮޑެލްތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާ ކަމަށް މިނިސްޓާ އޮފް އިންފްރާސްޓްރަކްޗާ ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. އަބްދުالله މުއްތަލިބް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރާ ސުވާލު ކުރައްވަމުން މެންބަރު ވިދާޅުވީ، ފިނޭންސް މިނިސްޓްރީން 29 އޮކްޓޫބަރުގައި ނެރެފައިވާ ވީކްލޯ ފިޒިކަލް ރިޕޯޓްގައި 2026 ވަނަ އަހަރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޕީއެސްއައިޕީން ކަނޑައަޅާފައިވާ އަދަދަކީ އެއް ބިލިޔަން ރުފިޔާ، ނަމަވެސް އެ ތާރީހާ ހަމައަށް ހަރަދު ކުރެވުނު ކަމަށް އޮތީ 364 މިލިޔަން ރުފިޔާ ކަމަށެވެ. އެއީ ޖުމްލަ އަދަދުގެ 33 އިންސައްތަ ކަމަށްވެފައި، މިހާރު 2026 ވަނަ އަހަރު ނިމެން މަސް ދުވަހަކަށް ވެފައިވާ އިރު، މިނިސްޓްރީގެ ދަށުން ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކިހާ ވަރެއް ހޭދަ ކުރެވިއްޖެތޯ އާއި ހޭދަ ނުކުރެވި ހުރި 719 މިލިޔަން ރުފިޔާ ނިމްމާފައިވަނީ ކޮން މަޝްރޫއަކަށް ހަރަދު ކުރަންތޯއެވެ.

އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި މިނިސްޓާރު ވިދާޅުވީ، ހައުސިން މިނިސްޓަރުކަމާ ހަވާލުވިއިރު، އެ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމަށް އެއް ބިލިއަން ރުފިޔާ ކަނޑައަޅާފައި އޮތް ކަމަށެވެ. އަދި ސީދާ ބަޖެޓުން އެކަމަށް ބޮޑެތި ހަރަދުތަކެއް ކުރުމުގެ ބަދަލުގައި، ސަރުކާރުން އިސްކަން ދިނީ ރައްޔިތުންނަށް ފައިދާވާނެ އިތުރު ގޮތްތައް ހޯދައި މާލީ އިދާރާތަކާ ގުޅިގެން ދެމެހެއްޓެނިވި ގޮތަކަށް ކަންތައް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

އެގޮތުން ހިޔާވެހި ފައިނޭންސިން ސްކީމުގެ ތެރެއިން އެކަނިވެސް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް 1.1 ބިލިއަން ރުފިޔާގެ ލޯނު މިހާރު އެޕްރޫވްކޮށް ދެވިފައިވާކަން މިނިސްޓަރު ވިދާޅުވިއެވެ.

މި ސްކީމުގައި ދައުލަތުން ހަރަދު ކުރަނީ މުޅި ލޯނުގެ އަދަދަށް ނޫން ކަމަށާއި ދައުލަތުގެ ބަޖެޓުން ހަރަދުކުރަނީ އިންޓްރެސްޓް ރޭޓް ސަބްސިޑައިޒް ކުރުމަށް ކަމަށްވެސް ވިދާޅުވިއެވެ.

"މި ސަރުކާރުން ސީދާ ބަޖެޓުން ހަރަދުނުކުރި ކަމުގައި ވީ ނަމަވެސް މިހާރު އެ ކުރިއަށް ގެންދާ ލޯނު ސްކީމްތަކާއި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުން އެއަށްވުރެ މާ ބޮޑެތި އަދަދުތަކުން އަޅުގަނޑުމެންނަށް ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު މި ދަނީ ހޯދައިދެވިފައި. އެހެންވީމާ އަޅުގަނޑުމެން ބަލަނީ ދައުލަތުގެ ބަޖެޓު ހަރަދު ކުރުމަށްވުރެ ކްރިއޭޓިވް އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް." މުއްތަލިބު ވިދާޅުވިއެވެ.

މީގެއިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވާއިދަށް ގެނައި އިސްލާހަކާ އެކު ބޭންކުތަކުން ދޫކުރާ ފައިސާގެ ވަކި މިންވަރެއް ފަސް އިންސައްތަ އިންޓްރެސްޓުގައި ބޯހިޔާވަހިކަމަށް ހާއްސަ ކުރަން ޖެހޭތީ، އެ ފުރުސަތުގެ ބޭނުން ހިފައިގެން ބީއެމްއެލްއިން 4،000 ހައުސިން ޔުނިޓުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"އެހެންވީމާ މި ސަރުކާރުން ސީދާ ބަޖެޓުން ހަރަދު ނުކުރި ނަމަވެސް މިހާރު އެ ކުރިއަށް ގެންދާ ލޯނު ސްކީމްތަކާއި ކުރިއަށް ގެންދާ ހައުސިން މަޝްރޫއުތަކުން އެއަށްވުރެ ބޮޑެތި އަދަދުތަކުން ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު މިވަނީ ހޯދައިދެވިފައި. އެހެންވީމަ އަޅުގަނޑުމެން ބަލަނީ ދައުލަތުގެ ބަޖެޓުން ހަރަދު ކުރުމަށްވުރެން ކްރިއޭޓިވް އެހެން ގޮތްގޮތް ހޯދައިގެން ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް އެގޮތުން ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވި ވަރަށްގިނަ ކަންތައްތަކެއް ކުރެވިފައިވާކަން ފާހަގަ ކޮށްލަން،" މިނިސްޓަރު ވިދާާޅުވިއެވެ.