ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ދިމާވެފައިވާ ލިފްޓުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދިޔަ އިތުރު ލިފްޓު ހަރުކުރުމުގެ މަޝްރޫއު ނިންމައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.
އެ މަޝްރޫއަކީ ހިޔާ ފުލެޓްތަކުގައި ދިރިއުޅޭ އާއިލާތަކަށް ލިފްޓުގެ ދަތިކަން ކުރިމަތިވާތީ، އެކަމަށް ހައްލެއް ގެނައުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދިޔަ މަސައްކަތެކެވެ.
އެ މަޝްރޫއު ނިންމައި އިފުތިތާހުކޮށްދެއްވީ އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓް މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއެވެ.
އެ މަޝްރޫއުގެ ދަށުން ހިޔާގެ 16 ޓަވަރުގެ ތެރެއިން ކޮންމެ ޓަވަރަކަށް ދެ ލިފްޓު އިތުރުކޮށް، ޖުމްލަ 32 ލިފްޓު ވަނީ ހަރުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ ބަލިމީހުން އުފުލުމަށް ހާއްސަ ސްޓްރެޗާ އެރުވޭ ފަދަ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ އިތުރު ލިފްޓެކެވެ.
އެ ލިފްޓުތަކަކީ ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހުންނަށް ފަސޭހައިން ބޭނުންކުރެވޭނެހެން ބްރެއިލް އަކުރުން ފްލޯ ނަންބަރުތައް ޖަހާފައިވާ ޒަމާނީ ލިފްޓުތަކެކެވެ. 25 ފަންގިފިލާގެ ހިޔާ މަޝްރޫއުގައި 6،720 ހައުސިން ޔުނިޓް ހިމެނޭއިރު، ކޮންމެ ޓަވަރެއްގައި 400 އެއްހާ އެޕާޓްމަންޓު ހުރެއެވެ. އަދި ކޮންމެ ޓަވަރެއްގެ އާބާދީ ގާތްގަނޑަކަށް 2،000 އާ ގާތްކުރެއެވެ.
ޓަވަރުތައް ފުރަތަމަ ތަރައްގީކުރިއިރު ހަރުކޮށްފައިވަނީ ތިނެއް ނުވަތަ ހަތަރު ލިފްޓު ކަމަށްވެފައި، އެތަންތަނުގައި ބަލިމީހުން އުފުލޭނެ ފަދަ ތަނަވަސް ލިފްޓުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް އަރައި ފޭބުމުގައި މީގެ ކުރިން ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނެވެ.
އެކަމުގެ ޝަކުވާ އާންމުން ކުރަމުންދަނިކޮށް، އެ މައްސަލައަށް ހައްލެއް ގެނައުމަށް ރައީސް ނިންމެވި ނިންމެވުމާ އެއްގޮތަށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ މަސައްކަތް ހަވާލުކުރީ ޗައިނާގެ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގްރޫޕަށެވެ.
އެ މަޝްރޫއުގެ އަމަލީ މަސައްކަތް 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގައެވެ.
މުހައްމަދު އިޝާން
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ހިޔާ ޓަވަރު
ކޮމެންޓް