ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރަން ފަށައިފިއެވެ.

އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ބެލްކަނީ އަދި ކުޑަދޮރުތަކުގެ ރައްކާތެރިކަން އިތުރުކުރުމަށް އެހީތެރިކަމަށް އެދިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިއްޔެ ފެށި ކަމަށެވެ.

އެގޮތުން ބައެއް ހިޔާ ފްލެޓްތަކުގެ ކުޑަދޮރުގައި ވަނީ ގްރިލް ހަރުކުރެވިފައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.

އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކާއި ބެލްކަނީ ރެއިލިން ފަދަ ތަންތަން މަރާމާތުކުރުމަށް އާންމު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކޯޕަރޭޝަނުން ވަނީ ނިންމައިފައެވެ. އެ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށްތޯ ބަލައި، ގަވާއިދަށް ފެއްތުމަށް ނުވަތަ މަރާމާތުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދޭނީ އެޗްޑީސީގެ ކޯޕަރޭޓް ސޯޝަލް ރިސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުންނެވެ.

8 ސެޕްޓެމްބަރު 2026: އެޗްޑީސީގެ ބެލުމުގެ ދަށުގައިވާ އެއްމެދު އިމާރާތްތަކުގެ ކުޑަދޮރުތަކުގައި ގްރިލް ހަރުކުރަނީ --- ފޮޓޯ/ އެޗްޑީސީ

އެފަދަ އެއްމެދު އިމާރާތްތަކުގައި ދިރިއުޅޭ މީހުންގެ ތެރެއިން މަރާމާތުކުރުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކުން، މި މަހުގެ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ. އެޗްޑީސީން ބުނީ އެކަމަށް އެދި ހުށަހަޅަން ޖެހެނީ އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ގޫގުލް ފޯމެއް މެދުވެރިކޮށް ކަމަށެވެ.

މަރާމާތުކުރުމަށް އެދި ލިބޭ ހުށަހެޅުންތައް ވަޒަންކުރުމަށްފަހު، އެޗްޑީސީން ކަނޑައަޅާ އުސޫލެއްގެ މަތިން ސަލާމަތީ ކަންކަން ރަނގަޅުކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.

އެފަދަ ތަންތަން މަރާމާތުކުރުމަށް އެހީއަށް އެދުމަށް އެޗްޑީސީން ހުޅުވާލާފައި މިވަނީ، ދާދިފަހުން ފުލެޓުތަކުން ދެ ކުއްޖަކު ވެއްޓި ނިޔާވެފައިވަނިކޮށެވެ. އެއާއެކު އެޗްޑީސީން އަންނަނީ ފުލެޓުތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.