ހިޔާ ޓަވަރު 13، 14 އަދި 15 ގައި އިތުރު ލިފްޓު ހަރުކުރުމުގެ މަސައްކަތް ނިންމައި އާންމުންނަށް ބޭނުން ކުރަން ހުޅުވާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕްރޭޝަން (އެޗްޑީސީ)އިން މިއަދު ބުނީ ހުޅުމާލޭ ފޭސް 2 ގެ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓު ހަރުކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ދަށުން، ޓަވަރު 13، 14 އަދި 15 ގައި ލިފްޓު ހަރުކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، އެ ލިފްޓު އާންމުން ބޭނުންކުރަމުން ގެންދާ ކަމަށެވެ.

އެ މަސައްކަތް ނިމުމާއެކު، ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

ހިޔާގެ 25 ފަންގިފިލާގެ 16 ޓަވަރު ތަރައްގީ ކުރި އިރު އެތަންތަނުގައި ހަރުކޮށްފައި ވަނީ ސްޓްރެޗާ އެރުވޭހާ ޖާގަ ތަނަވަސް ލިފްޓުތަކެއް ނޫނެވެ. އަދި ޓަވަރުތަކުގައި ލިފްޓު މަދުވުމުގެ ސަބަބުން ފްލެޓުތަކަށް އަރައި ފޭބުމަށް ދަތިވާކަމުގެ ކަންބޮޑުވުން އެ ފްލެޓުގައި ދިރިއުޅޭ ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް، ހިޔާގެ ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަސައްކަތް ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ.

އެގޮތުން ހިޔާގެ ކޮންމެ ޓަވަރެއްގައި ހަރުކުރާ އިތުރު ދެ ލިފްޓަކީ ސްޓްރެޗާ އެރުވޭ ވަރުގެ ބޮޑެތި ލިފްޓުތަކެކެވެ. އަދި އެ ލިފްޓުތަކުގައި 21 މީހުންގެ ޖާގަ ހުންނާނެއެވެ.

ހިޔާ ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރުތަކެއްގައި އެ ލިފްޓުތައް ހަރުކޮށް މިހާރު ނިމިފައިވާ އިރު، އެ ކޯޕަރޭޝަންގެ އަމާޒަކީ ބާކީ ޓަވަރުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމައި އާންމުންނަށް ހުޅުވާލުން ކަމަށް އެޗްޑީސީން ބުންޏެވެ.