މަގުކޮނުމުގައި މައި ކޭބަލެއް ބުރިވިޔަސް އެކަން ސްޓެލްކޯއަށް ސިއްރު ނުކުރުމަށް އެކުންފުނިން އަނެއްކާވެސް އިލްތިމާސްކޮށްފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓްގެ ހިދުމަތް އިއްޔެގެ މެންދުރުގެ ވަގުތެއްގައި މެދުކެނޑުނެވެ.

އެކަން ހައްލުކޮށް ހިޔާ ޓަވަރު 5، 6، އަދި 7 އާއި ވިނަރެސްގެ 10 ޓަވަރާއި އަމާންދޯދި 12، 13، 14، 15، އަދި 16 ގެ އިތުރުން އަމާން އުދަރެސް 5، އަދި 6 އަށް ކަރަންޓް ދީފައިވަނީ ރޭގެ ވަގުތެއްގައި ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިކަމާ ގުޅިގެން އެކުންފުނިން ރޭ ނެރުނު ބަޔާނުގައި ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން ދިމާވީ، ކަރަންޓު ކޭބަލަށް ގެއްލުންވުމާ ގުޅިގެންނެވެ. އެ މައްސަލަ ވީހާވެސް އަވަހަށް ހައްލުކޮށް، ހިދުމަތް އާންމު ހާލަތަށް ގެނައުމަށްޓަކައި އެ ކުންފުނީގެ ޓެކްނިކަލް ޓީމުން ކުރަމުންގެންދިޔަ މަސައްކަތުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓުގެ ހިދުމަތް ދީފައި ކަމަށެވެ.

"މި ކޭބަލަށް ގެއްލުން ލިބިފައިވަނީ ދެވަނަ ފިޔަވަހީގައި މަގުހެދުމުގެ މަސައްކަތް ކުރަމުންދިޔަ ބައެއްގެ އިހުމާލުން. ފާހަގަކޮށްލެވޭ ގޮތުގައި، މި ހިނގާ އެޕްރީލް މަހުގެ 12 ވަނަ ދުވަހު ވެސް ކޮނުމުގެ މަސައްކަތް ކުރި ބައެއްގެ އިހުމާލުން މައި ކޭބަލަކަށް ގެއްލުންވެ ދެވަނަ ފިޔަވަހީގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑެން މެދުވެރިވި. އެ ފަހަރު ކޭބަލަށް ލިބިފައިވާ ގެއްލުން ދެނެގަތުމަށް "ފޯލްޓް ޑިޓެކްޓަރު" ބޭނުންކޮށްގެން ކުރި މަސައްކަތުގެ ތެރެއިން، އެ ކޭބަލްގެ އެހެން ދިމާއަކަށް ވެސް މީގެ ކުރިން ގެއްލުން ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައި. އަދި އެ ގެއްލުން މި ކުންފުންޏަށް ރިޕޯޓްކުރުމުގެ ބަދަލުގައި، ކޭބަލްގައި ޓޭޕް އޮޅައި އެކަން ސިއްރުކޮށްފައިވާކަން ވެސް ވަނީ ހާމަވެފައި." ސްޓެލްކޯއިން ބުންޏެވެ.

25 އެޕްރިލް 2026: ހުޅުމާލެ ފޭސް ދޭއްގެ މަގުތައް ތަރައްގީކުރުމުގެ މަސައްކަތުގެ ތެރެއިން މައި ކޭބަލް އަަކަށް ގެއްލުންވެފައި --- ފޮޓޯ/ ސްޓެލްކޯ

އެފަދަ ޒިންމާދާރުކަން ކުޑަ އަމަލުތަކާއި އިހުމާލުތަކުގެ ސަބަބުން، ގިނަ އަދަދެއްގެ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކާއި ދަތިތަކެއް ކުރިމަތިވެ، އަސާސީ ހިދުމަތްތަކަށް ބުރޫއަރައި، އާންމު ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރަމުންދާތީ ސްޓެލްކޯއިން ހިތާމަކުރާ ކަމަށް އެކުންފުނީގެ ބަޔާނުގައި ވެއެވެ.

މައި ކޭބަލަށް ގެއްލުން ލިބުމާ ގުޅިގެން ސްޓެލްކޯއިން ވާނީ ދެވަނަ ފިޔަވަހީގެ ކަރަންޓުގެ ވިއުގަ ބަލަހައްޓަމުން ގެންދާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ބައްދަލުވުމެއް ބާއްވައި، ރައްޔިތުންނަށް ދިމާވާ މިފަދަ ދަތި އުނދަގޫތަކުން ސަލާމަށް ކުރުމަށް ކުރެވެންހުރި ކަންކަމާއި ގުޅޭގޮތުން ދެފަރާތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައި ކަމަށެވެ.

"ކަރަންޓު ކޭބަލްތައް ވަޅުލާފައިވަނީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް، ކޭބަލް އޮތް ސަރަހައްދު އަންގައިދޭ ޓޭޕާއި ރައްކާތެރިކަމުގެ ޝީޓްތަކާއެކުގައި. އެހެންކަމުން، ބިންކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކުން މިއަށްވުރެ ބޮޑަށް ސަމާލުކަންދީފިނަމަ، މިފަދަ ހާދިސާތައް ހިނގުން ހުއްޓުވޭނެ ކަމަށް ގަބޫލުކުރަން. އަދި ކޮނުމުގެ ތެރޭގައި ވިޔަސް އަދި އެނޫންގޮތަކަށް ވިޔަސް ކަރަންޓު ކޭބަލަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް އެކަން މި ކުންފުންޏަށް އެންގުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އިލްތިމާސެއް." ސްޓެލްކޯއިން ބުންޏެވެ.

އޭގެ އިތުރުން، ކޮނުމުގެ މަސައްކަތްތައް ކުރާއިރު، ބިމުގެ އަޑީގައިވާ މުހިންމު ވިއުގަތަކަށް ގެއްލުން ނުވާނޭހެން، ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދައިގެން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މަސައްކަތް ކުރުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް އެކުންފުނިން ބުނެއެވެ.

އެހެންކަމުން، އެފަދަ ކަންކަމުގައި، މަގު ކޮންނަ އާންމު ފަރުދުންނާއި، ކުންފުނިތަކާއި، މަޝްރޫއުތަކުގެ މަސައްކަތްތައް ކުރާ ފަރާތްތަކުން މިހާރަށްވުރެ ބޮޑަށް ޒިންމާދާރުވުމަށް ސްޓެލްކޯއިން ތަކުރާރުކޮށް ވަނީ އިލްތިމާސްކޮށްފައެވެ.