ވޯލްޑް ކަޕް ގަދަ 32 ގެ ބުރުގައި ރޭ ޕެރަގުއާއީން ހީކުރީ ފްރާންސަށް "ހަޑިކޮށް" ކުޅެ ނަތީޖާ ނުނެރެވޭނެ ކަމަށް ކަމަށާއި، އެހެން އެކަން ނުވާނެ ކަމަށް ކެޕްޓަން ކިލިއަން އެމްބާޕޭ ބުނެފިއެވެ.

ރޭ ފިލަޑެލްފިއާގެ ހޫނުގައި ކުޅުނު މެޗުން ފްރާންސް 1-0 އިން ޕެރަގުއާއީ ބަލިކުރި އިރު، ރޭގެ މެޗަށް ޕެރަގުއާއީ ނުކުތީ ޖަރުމަނު ކަޓުވާލައިފައެވެ. އެއީ ޑިފެންސިވް ކުޅުމަކާއެކުގައެވެ. ހަމަ އެ ކުޅުމަށް ނުކުމެ، މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ޕެރަގުއާއީން ވަނީ ފަހަތަށް ޖެހި ފްރާންސް ފޫހިކޮށް، މާޔޫސްކޮށްލަން މަސައްކަތް ކޮށްފައެވެ. އެއްވެސް ޖާގައެއް ނުދީ ޕެރަގުއާއީން މަސައްކަތް ކުރި އިރު، ފްރާންސަށް މާގިނަ ފުރުސަތުތަކެއް މެޗުގައި ތަނަވަސް ކުރެވިފައެއްވެސް ނުވެއެވެ.

އޭގެ އިތުރުން ފިޒިކަލީ ވަރުގަދަ ޗެލެންޖްތަކެއް ފެނިގެން ދިޔަ އިރު، އެމްބާޕޭއަށްވެސް ގިނަ ޓެކުލްތަކެއް ކުރިއެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުގައި އެމްބާޕޭ ފެނުނީ ރުޅި އައިސްފައި ހުރިތަނެވެ.

"ޕެރަގުއާއީން ހީކުރީ އަހަރެމެން އަންނާނީ ކޯޓު ފަޓުލޫނުގައި މަޑުމަޑުން ރީތިކޮށް ކުޅެން ކަމަށް. އެހެން ހީކޮށްގެން އަހަރެމެންނަށް ފިޒިކަލީ ވަރުގަދައަށް ވާދަކުރަން ފެށީ. އެކަމަކު އެހެނެއް އަހަރެމެންވެސް ނުތިބޭނެ. ވަރުގަދައަށް ހަޑިކޮށް ކުޅެން ބޭނުމިއްޔާ ފްރާންސަށްވެސް އެނގޭނެ ހަޑިކޮށް ކުޅެން. މެޗުން އެ ފެނުނީ އެ މަންޒަރު. ހަޑިކޮށް ކުޅެން ބޭނުމިއްޔާ ފްރާންސުންވެސް ހަޑިކޮށް ކުޅެ، ނަތީޖާވެސް ނެރެވޭނެ. އަހަރެމެންނަކީ އަބަދު އެޓޭކިން ރީތި ފުޓުބޯޅައެއް ކުޅޭ ބައެއް ނޫން،" އެމްބާޕޭ މެޗަށް ފަހު ބުންޏެވެ.

ފްރާންސުން މިފަހަރުގެ ވޯލްޑް ކަޕްގައި އެޓޭކިން ހިތްގައިމު ކުޅުމެއް ދައްކަމުން ދާ ނަމަވެސް، ރޭގެ މެޗުގައި މާބޮޑަށް އެ މަންޒަރެއް ނުފެނުނެވެ. ފްރާންސް މޮޅުވީ ލިބުނު ޕެނަލްޓީއަކުންނެވެ.