ވޯލްޑް ކަޕް ގަދަ 16 ގެ ދެވަނަ މެޗުގައި ފްރާންސުން ޕެރަގުއާއީ ބަލިކޮށްފިއެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމްގައި ކުޅުނު މެޗު ފްރާންސުން ކާމިޔާބުކުރީ 1-0 އިންނެވެ.
ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ގައުމު ކަމަށްވާ ފްރާންސަކީ ހުނަރުވެރި ގިނަ ތަރިންތަކެއް ހިމެނޭ ވަރުގަދަ ޓީމެކެވެ. މިހާތަނަށް މުބާރާތުގައިވެސް އެޓީމުގެ ފަރާތުން ފެންނަމުން އައީ ފެވަރިޓުންގެ މަންޒަރެވެ. ކިލިއަން އެމްބާޕޭ ރެކޯޑު މުގުރަމުން ފޯމުގައި ކުރިއަށް ދިޔަ އިރު، މައިކަލް އޮލީސޭއާއި އުސްމާން ޑެމްބެލޭ ހިމެނޭ އެ އެޓޭކް ހުއްޓުވަން ކުރި މަސައްކަތް އެހެން އެއްވެސް ޓީމަކަށް އޮތީ ކާމިޔާބު ނުވެއެވެ.
ފްރާންސުން ވަނީ ދެ ފަހަރެއްގެ މަތިން ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ. އެއީ 1998 ވަނަ އަހަރާއި 2018 ވަނަ އަހަރުއެވެ. އެންމެފަހުން 2022 ވަނަ އަހަރުގެ ފައިނަލުގައިވެސް ކުޅުނު ފްރާންސުން ގްރޫޕް ސްޓޭޖުގައި ސެނެގާލް، އިރާގުގެ އިތުރުން ނޯވޭވެސް ބަލިކޮށް ފުރިހަމަ މޮޅެއް ހޯދި އިރު، ގަދަ 32 ގައި ސްވިޑެން ބަލިކުރީވެސް ފަސޭހަ ކޮށެވެ.
ފްރާންސަށް މިރޭގެ މެޗަށް އޮތް އެންމެ ބޮޑު ޗެލެންޖަކަށްވީ އިދިކޮޅަށް ނުކުތް ޕެރަގުއާއީގެ ޑިފެންސިވް ވަރުގަދަ ކަމެކެވެ. ދެކުނު އެމެރިކާގެ ބޮޑެތި ގައުމުތަކަށްވެސް ޕެރަގުއާއީގެ ޑިފެންސަކީ އުނދަގޫ ޑިފެންސަކަށްވެފައި އޮތް އިރު، މިރޭ އެޓީމުން ނުކުތީ 2010 ވަނަ އަހަރުގެ ކާމިޔާބީއާ ހަމައަށް ދާށެވެ. މީގެ ކުރިން 1986 ވަނަ އަހަރާއި 1998، 2002 ވަނަ އަހަރު ޕެރަގުއާއީން ގަދަ 16 ކުޅުނު ނަމަވެސް، އެހިސާބު ފަހަނައަޅައި ދެވުނީ 2010 ވަނަ އަހަރުއެވެ. މިފަހަރުގެ ވޯލްޑް ކަޕަކީ އެޓީމުން އޭގެފަހުން ކުޅެމުންދާ ފުރަތަމަ ވޯލްޑް ކަޕްވެސް މެއެވެ.
ޕެރަގުއާއީން މިފަހަރު ގްރޫޕް ސްޓޭޖުން އުނދަގޫކޮށް ސަލާމަތްވި ނަމަވެސް އެޓީމުން ގަދަ 32 ގައި ކުޅުނީ ވަރުގަދަ ޖަރުމަނާ ދެކޮޅަށެވެ. ހަތަރު ފަހަރުގެ ޗެމްޕިއަން ޖަރުމަނު ކަޓުވާލައި ޕެރަގުއާއީން ގަދަ 16 ޔަގީންކުރި އިރު، އެކަމުގެ އުފަލުގައި އެގައުމުގައި ރަސްމީ ބަންދު ދުވަހެއްވެސް އިއުލާނު ކޮށްފައިވެއެވެ. ޕެރަގުއާއީން ޖަރުމަނު ކަޓުވާލީ ޕެނަލްޓީގައެވެ.
މިރޭގެ މެޗުގެ ކުރިން އެންމެ ވަރުގަދައަށް ދެކުނު ވާހަކައަކީ އެމެރިކާ ފިލަޑެލްފިއާގެ ހޫނުގަދަ ވާހަކައެވެ. މެޗު ފެށިއިރުވެސް ހޫނުމިން ހުރީ 39 ޑިގްރީ ސެލްސިއަސްގައެވެ. އެހެންކަމުން މެޗު ވެގެންދިޔައީ ވޯލްޑް ކަޕް ތާރީހުގައިވެސް އެންމެ ގަދަ ހޫނުގައި ކުޅެވުނު އެއް މެޗަށެވެ.
މެޗަށް ފްރާންސުން ނުކުތީ އޮރެލިއަން ޗުއަމެނީގެ ބަދަލުގައި މަނޫ ކޯނޭ ފުރަތަމަ 11 ގައި ހިމަނައިގެންނެވެ. އެއީ އަނިޔާގެ ސަބަބުންނެވެ.
ހީކުރި ގޮތަށް ފުރަތަމަ ހާފުގައި ޕެރަގުއާއީން ނިންމީ ފަހަތް ފުރާލައިގެން ތިބޭށެވެ. ފްރާންސްގެ ނުރައްކަލުން ފުރިގެންވާ އެޓޭކެއް އެއްވެސް ޖާގައެއް ނުދޭން ވިސްނާ، ކުރިއަށް އެރުމަށް ޕެރަގުއާއީ ވިސްނާފައި ނުވާ އިރު، ފުރަތަމަ ހާފުގައި އެއްކޮށް ކަހަލަ ގޮތަކަށް ބޯޅަ ގެންގުޅުނީ ފްރާންސެވެ.
ފުރަތަމަ ކޮޅުގައި ހަމަލާއެއްވެސް ފެނިގެން ގޮސްފައި ނުވާ އިރު، 22 ވަނަ މިނެޓުގައި ނަލްޓީ އޭރިއާ ބޭރުން މަނޫ ކޯނޭ ފޮނުވާލި ހަމަލާ، ޕެރަގުއާއީ ޑިފެންޑަރު ގުސްތާވޯ ގޮމޭޒް ވަނީ ބްލޮކްކޮށްފައެވެ. އަދި އޭގެ 10 މިނެޓްފަހުން ކޯނަރެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރޭ ހުއްޓައި ލިބުނު ބޯޅައަކުން، ޖޫލްސް ކޫންޑޭ ފޮނުވާލި ހަމަލާ އަމާޒުވީ ޕެރަގުއާއީ ކީޕަރު އޯލެންޑޯ ހިލް އަތަށެވެ.
ޕެރަގުއާއީން ލިބުނު މަދު ފުރުސަތުތަކުގައި ކައުންޓާ ކުރަން މަސައްކަތް ކުރި އިރު، ޕެނަލްޓީ އޭރިއާ ބޭރުން ޖޫނިއާ އަލޮންސޯ ފޮނުވާލި ހަމަލާ، ފްރާންސް ޑިފެންޑަރު ޑަޔޮޓް އުޕަމެކާނޯ ވަނީ ބްލޮކްކޮށްފައެވެ.
މާ ބޮޑު ނުރައްކަލެއް ފްރާންސަށް ކުރިޔަ ނުދީ ޕެރަގުއާއީން ނިންމާލި އިރު، ފްރާންސުން ދެވަނަ ހާފު ފެށީވެސް ކުރިއަށް ކުޅުންތެރިން ގިނަކޮށްގެންނެވެ. ޕެރަގުއާއީން ކުޅެމުންދިޔަ ލޯ ބްލޮކް ޑިފެންސިވް ކުޅުން ފޫއަޅުވާލަން ކުރިއަށް ކުޅުންތެރިން ގިނަކުރަން ކުރި މަސައްކަތުގައި ފްރާންސުން ވަނީ ޕެރަގުއާއީއަށް ޕްރެޝަރު ބޮޑުކޮށްފައެވެ.
ހާފުގެ ފުރަތަމަ ފުރުސަތު އެމްބާޕޭއަށް ލިބުނީ މެޗުގެ 51 ވަނަ މިނެޓުގައެވެ. އެއީ ޕެރަގުއާއީން ކައުންޓާއެއްގައި ކުރިއަށް ޖެހިގެން އުޅެނިކޮށް، ކީޕަރު މައިކް މިނިއޯ އަވަހަށް ޖެހި ސައްޕަކާއެކު ތަނަވަސްކުރި ފުރުސަތެކެވެ. އޭނާގެ ސައްޕަށް ކުރިއަށް ދުވެ، އެމްބާޕޭ ހަމަލާއެއް ފޮނުވާލުމުގެ ކުރިން ޕެރަގުއާއީ ޑިފެންޑަރު ކަސެރޭސް ވަނީ ފަހަތުން އައިސް ބޯޅައިގައި ޖައްސާލައި ބޭރުކޮށްލައިފައެވެ. އެއީ އެމްބާޕޭ ފައި މަޅައިގަތްތަނާއެވެ.
އޭގެފަހުން އެޑްރިއަން ރެބިއޯއާއި ކޯނޭ އޭރިއާ ބޭރުން ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް، އެކަންވެސް ކާމިޔާބު ނުވެގެން ދަނިކޮށް، ފްރާންސަށް ގޯލް ޖަހަން ފުރުސަތު ފަހުވީ 67 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީންނެވެ.
ޕެނަލްޓީ އޭރިއާ ތެރެއިން ފްރާންސްގެ ޑިޒައިރޭ ޑޫއޭ ހަލުވިކަމާއެކު ދެ ކުޅުންތެރިން ނައްޓާލިތަނާ ޑިއޭގޯ ގޮމޭޒް ކުރި ފައުލަކާ ގުޅިގެން، ރެފްރީ ޕެނަލްޓީ ދިނީ ވީއޭއާރް ބަލައިފައެވެ. ފުރަތަމަ ރެފްރީ ފައުލެއް ނޫން ކަމަށް ދޫކޮށްލި ނަމަވެސް ފަހުން ޕެނަލްޓީ ދީފައިވާ އިރު، އެ ޕެނަލްޓީ ކާމިޔާބުކޮށް ގޯލް ޖަހައިދިނީ އެމްބާޕޭއެވެ.
އެއީ މި ވޯލްޑް ކަޕްގައި އެމްބާޕޭ ޖެހި ހަތްވަނަ ގޯލެވެ. އެއާއެކު އެމްބާޕޭ ވަނީ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާއެކު މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރިއަށް ޖެހިލައިފައެވެ. ދެ ކުޅުންތެރިންވެސް ވަނީ މިފަހަރު މިހާތަނަށް ހަތް ގޯލް ޖަހައިފައެވެ.
އޭގެފަހުން ފްރާންސަށް ހަމެޖެހުން ލިބުނެވެ. އެޓީމަށް މެޗުގައި ކުރިމަތިވި ހާލަތުން އެންމެ ބޮޑު ހާސްކަމަކަށް އޮތީ ޕަރަގުއާއީގެ ޑިފެންސް ފޫއަޅުވާލުމެވެ. އެކަން ހާސިލްވުމާއެކު އޭގެފަހުން މެޗުގެ ފަހު 10 ވަރަކަށް މިނެޓް ފްރާންސް ބޯޅަ ހިފަހައްޓާލީ ހަމަޖެހިލައިގެންނެވެ. އެންމެ ފަހު ވަގުތުވެސް ފްރާންސުން ނުރައްކާ ކުރި އިރު، އެމްބާޕޭ ދުރުން ފޮނުވާލި ބޯޅައެއް ކީޕަރު ހިލް އަތަށްވެސް އަމާޒުވެފައިވެއެވެ.
ޕެރަގުއާއީން ފަހުކޮޅުގައި އެއްވަރުކުރަން ކުރި މަސައްކަތުގައި ޕެނަލްޓީ އޭރިއާ ބޭރުން ބަދަލު ކުޅުންތެރިޔާ މައުރީސިއޯ ފޮނުވާލި ހަމަލާ މާބޮޑު އުނދަގުލެއް ނެތި، ފްރާންސް ކީޕަރު މިނިއޯ ވަނީ މަތަކޮށްފައެވެ.
އޭގެ ފަހުން އިތުރު ވަގުތުގެ އެންމެ ފަހު މިނެޓް ކޮޅުގައި އެމްބާޕޭގެ ވަރުގަދަ ދެ ހަމަލާއެއް ނާކާމިޔާބުވިއެވެ. ކައުންޓާގައި ޑޫއޭ އަރިމަތިން ގޮސް ޖައްސާލި ބޯޅަ، އެމްބާޕޭ ބާރު ސްޕީޑުގައި ގޯލަށް ފޮނުވާލި ނަމަވެސް ކީޕަރު ހިލް މަތަކުރިއެވެ. އަދި ރީބައުންސްގައި ފޮނުވާލި ބާރު ހަމަލާވެސް މަތަކުރީ ކީޕަރު ހިލްއެވެ.
ފްރާންސުން ގަދަ 16 ފަހަނައަޅައި ގޮސް، ދެން ކުއާޓާގައި ވާދަކުރަން ޖެހޭނީ މޮރޮކޯއާ ދެކޮޅަށެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް