މީގެ ކުރިން މެކްސިކޯގައި ދެ ވޯލްޑް ކަޕެއް ބާއްވާފައިވެއެވެ. އެއީ 1970 އަދި 1986 ވަނަ އަހަރުގެ ވޯލްޑް ކަޕެވެ. މިފަހަރުގެ ވޯލްޑް ކަޕާއެކު މެކްސިކޯއަށް ލިބުނު އެންމެ ހާއްސަ އެއް ޝަރަފަކީ ތިން ވޯލްޑްކަޕެއް ހޯސްޓް ކުރި ހަމައެކަނި ގައުމަށް އެގައުމުވުމެވެ. އަދި އެގައުމުގެ ތާރީހީ އަޒްޓެކާ ސްޓޭޑިއަމަކީ އެ ޝަރަފުގެ އެއް ރަމްޒެވެ. އަޒްޓެކާއަކީ ތިން ވޯލްޑް ކަޕެއްގައި މެޗުތައް ހޯސްޓް ކުރި ހަމައެކަނި ސްޓޭޑިއަމެވެ. އެ ފަހުރާއެކު އަޒްޓެކާއާ ގުޅުފައި ވަނީ ވޯލްޑް ކަޕްގެވެސް ތާރީހީ ފޮޓޯތަކާއި ހަނދާންތަކެކެވެ.
މެކްސިކޯގެ އެންމެ ބޮޑު އަޒްޓެކާ ސްޓޭޑިއަމަށް މިހާރު ވަދެވެނީ 87،000 މީހުންނަށް ނަމަވެސް، ކުރިން އެ ސްޓޭޑިއަމަށް 105،000 މީހުންނަށް ވަދެވެއެވެ. އަޒްޓެކާގެ އެންމެ ފުރަތަމަ ވޯލްޑް ކަޕް ހަނދާނަކީ 1970 ގެ ހަނދާނެވެ. ބްރެޒިލްގެ ޕެލޭ، އެ ދަނޑުގައި ވޯލްޑް ކަޕް އުފުލާލި އުފުލައިލުމަކީ އަދިވެސް ސްޓޭޑިއަމުން ސިފަވާނެ ތާރީހީ މަންޒަރެކެވެ. އެ ތަށްޓާއެކު ބްރެޒިލް ވެފައި ވަނީ ވޯލްޑް ކަޕްގެ ތަށި ތިން ފަހަރު ހޯދި ފުރަތަމަ ގައުމަށެވެ.
އެފަހަރު ސެމީ ފައިނަލުގައި އިޓަލީއާއި ވެސްޓް ޖަރުމަނު ވާދަކުރި މެޗު އިތުރު ވަގުތަށް ގޮސްގެން، 4-3 އިން އިޓަލީން ކާމިޔާބުކުރި އިރު، އެއީ ވޯލްޑް ކަޕްގެ ތާރީހު ދުށް އެންމެ ވަރުގަދަ އެއް މެޗެވެ. އެ ހަނދާންތަކަށްފަހު ދެން އައީ ފުޓުބޯޅައިގެ އެންމެ ވަރުގަދަ އަނެއް ޝަހުސިއްޔަތުގެ މަންޒަރުތަކެކެވެ.
އަޒްޓެކާއަކީ 1986 ވަނަ އަހަރު އާޖެންޓީނާގެ ޑިއޭގޯ މަރަޑޯނާ ވޯލްޑް ކަޕް އުފުލައިލި ސްޓޭޑިއަމްވެސް މެއެވެ. އެ ވޯލްޑް ކަޕްގެ ތެރެއިން "ގޯލް އޮފް ދަ ސެންޗަރީ"އާއި "ހޭންޑް އޮފް ގޯޑް"ގެ ގޯލް ފެނިގެން ދިޔައެވެ. ފައިނަލުގައި އާޖެންޓީނާއިން ވެސްޓް ޖަރުމަނު ބަލިކޮށް ތަށި ނެގި ނަމަވެސް، އެ މެޗަށްވުރެ ބޮޑަށް ފޯކަސް އަމާޒުވީ އިންގްލެންޑާއި އާޖެންޓީނާ ވާދަކުރި ކުއާޓާ ފައިނަލް މެޗަށެވެ. އެއީ މިރޭގެ ކުރިން އިންގްލެންޑުން އަޒްޓެކާގައި އެންމެ ފަހުން ކުޅުނު މެޗެވެ. ޔަގީނުންވެސް އިނގިރޭސި ކޮންމެ ރައްޔިތެއްގެ ހިތުގައި "އަޒްޓެކާގެ އެ ބޭއިންސާފު،" ހަނދާން ހުންނާނެއެވެ. އަދި މަރަޑޯނާގެ ޖާދުލާއި ކެހިވެރިކަންވެސް ހަނދާން ހުންނާނެއެވެ.
އިނގިރޭސީންނަށް ނާއިންސާފުގެ ސްޓޭޑިއަމް
އިނގިރޭސީން މެކްސިކޯގެ އަޒްޓެކާއަށް މިރޭ ނުކުންނަނީ 40 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. 40 އަހަރުގެ ކުރިއާ ގުޅިފައި ވަނީ ފާޑެއްގެ ހަނދާންތަކަކާއެވެ. އިނގިރޭސީންނަށް ވޯލްޑް ކަޕެއްގައި ކުރިމަތިވި އެންމެ ތަފާތު އެއް ތަޖުރިބާއާވެސް މެއެވެ.
އަޒްޓެކާ ގުޅިފައި ވަނީ ވޯލްޑް ކަޕަކުން ގައުމަކަށް މަރަޑޯނާ ގެނެސްދިން އުފާވެރިކަމަކާއެވެ. މެކްސިކޯގެ އެ ވޯލްޑް ކަޕްގައި އޭނާ ދެއްކި ހުނަރަކީ ވޯލްޑް ކަޕްގެ ޒަމާންވީ ދިގު ތާރީހުގައިވެސް ފެނުނު އާދަޔާހިލާފު ހުނަރުވެރިކަމެކެވެ. އަދި ކިއްހެއްޔެވެ. 1986 ވަނަ އަހަރުގެ ވޯލްޑްކަޕްގައި އޭނާ ހެދި މަކަރަކީ އަދި އަދަށް ދާންދެންވެސް ފުޓުބޯޅައިގެ އެންމެ ގިނަ ވާހަކައެކެވެ. ވާނީވެސް އެހެންތާއެވެ. އަތުން ގޯލެއް ޖަހައި މަރަޑޯނާ ބުނީ "އެއީ ހޭންޑް އޮފް ގޯޑް،" ކަމަށެވެ. ތާރީހީ 10 ނަންބަރު ޖާޒީގައި ކޮށްޓައި، ނައްޓައި ދުނިޔެ ހައިރާންކޮށްލި މަރަޑޯނާގެ ނަން ފުޓުބޯޅައިގައި ލިޔެވެނީ އެހުރިހާ ކަމަކާވެސް އެކުގައެވެ.
މިހާތަނަށް ވޯލްޑް ކަޕެއްގައި އެންމެ ސަމާލުކަން ބޮޑުވި ދެ ގޯލަކީ، އިންގްލެންޑް ކޮޅަށް އަޒްޓެކާގައި މަރަޑޯނާ ޖެހި ދެ ގޯލެވެ. ކުއާޓާ ފައިނަލްގެ ފުރަތަމަ ގޯލް މަރަޑޯނާ ޖެހީ އޭރިއާ ތެރެއަށް ހުރަސްވި ބޯޅައަށް، އޭނާއަށް ވުރެ އިސްކޮޅުން ދިގު އިންގްލެންޑުގެ ގޯލްކީޕަރު ޕީޓާ ޝިލްޓަން އަށްވުރެ މައްޗަށް ފުންމައިގެން އަރައި، އަތުންނެވެ. އޭނާ ބޯޅައިގައި ޖެހި ވަގުތު ބޮލަށް ގެނައި ހަރަކާތާ އެކު ގިނަ ބަޔެއްގެ ލޮލަށް އޮޅުވައިލިއެވެ. ރެފްރީއަށްވެސް ވީ ނުވީއެއް ނޭނގި މަރަޑޯނާ ހެދި މަކަރުގައި ޖެހެން މަޖުބޫރުވީއެވެ. އެއީ މަރަޑޯނާއަށް އެތައް ނަފުރަތެއް އަމާޒުވި ގޯލެކެވެ. އަނެއްކޮޅުން އިންގްލެންޑާ ދެކޮޅަށް އެތައް ބަޔަކު މަރަޑޯނާއަށް ލޯބި ބަންޑުންވެސް ކޮށްލި ގޯލެކެވެ.
ދެން އޮތީ އެ މެޗުގައި ޖެހި ދެވަނަ ގޯލުގެ ވާހަކައެވެ. އެ ގޯލަކީ 2002 ވަނަ އަހަރު ނެގި ވޯޓަކުން މިދިޔަ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ހޮވުނު ގޯލެވެ. ސެންޓަ ސާކަލުން ފެށިގެން އިނގިރޭސި ހަ ކުޅުންތެރިން ކައިރިން ނައްޓައި އެއް ހާފު އެއްކޮށް ޑްރިބަލްކޮށް ގޮސް އޭނާ ގޯލަށް ބޯޅަ ވައްދާލީ ގޯލް ކީޕަރު ކައިރިންވެސް ނައްޓައިލުމަށްފަހުއެވެ.
އެއީ މަރަޑޯނާގެ ލެގަސީއެވެ. އެ ވޯލްޑް ކަޕް އުފުލައިލީ ގައުމު ކޮނޑުގައި ޖަހައިގެން ގޮސް، ކެޕްޓަން ބޭންޑް އަޅައިގެން، ލީޑަޝިޕްގެ މިސާލުވެސް ދައްކައިފައެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ ރަން ބޯޅަވެސް ނެގީއެވެ.
އެ ދެގޯލް ލެގަސީއަކަށް، ޖާޒީއާއި ބޯޅައިގެ އަގުވެސް ބޮޑު
އެ ދެގޯލު ޖެހިއިރު މަރަޑޯނާ ލައިގެން ހުރި 10 ނަންބަރު ޖާޒީގެ އަގު 9.28 މިލިއަން ޑޮލަރަށް އަރާފައިވާ އިރު، އެ ޖާޒީ ވިކުނީ ނީލަމުގައެވެ. މަރަޑޯނާގެ އެ ޖާޒީ ނީލަން ކިޔުމުގެ ކުރިން އޮތީ، މެޗަށްފަހު ޖާޒީ ބަދަލުކުރި އިންގްލެންޑްގެ މިޑްފީލްޑަރު ސްޓީވް ހޮޖް އަތުގައެވެ. 2020 ވަނަ އަހަރު މަރަޑޯނާ މަރުވުމާއެކު ހޮޖް އަތުން އެ ޖާޒީ ގަންނަން ގިނަ ބަޔަކު މަސައްކަތް ކުރި ނަމަވެސް، އޭރު އޭނާ ބުނީ ޖާޒީ ނުވިއްކާނެ ކަމަށެވެ. ނަމަވެސް ފަހުން އެ ޖާޒީ ނީލަމުގައި ވިއްކާލިއެވެ.
އެ ޖާޒީ ކީއްކުރަން ހެއްޔެވެ. އެ މެޗުގައި ބޭނުންކުރި ބޯޅަވެސް މިހާރު ވިއްކަން ޖަހާފައިވާ އިރު، އެ ބޯޅައަށް ބިޑްކުރުން އަދިވެސް ދަނީ ކުރިއަށެވެ. މިހާރުވެސް ހަތަރު މިލިއަން ޑޮލަރަށް އަގު އަރާފައިވާ ކަމަށް ނޫސްތައް ބުނެއެވެ.
އެ ހުރިހާ އަގުތަކުން ދައްކައިދިނީ އަޒްޓެކާގައި އިންގްލެންޑާ ދެކޮޅަށް މަރަޑޯނާ ކުޅުނު މެޗުގެ ހަގީގީ ބޮޑު ކަމެކެވެ. އެ މެޗަކީ މިހާތަނަށް ވޯލްޑް ކަޕްގެ ތާރީހުގައިވެސް ފެނުނު އެންމެ ތަފާތު މެޗުކަން އެ ހުރިހާ ކަމަކުން ދައްކުވައިދެއެވެ.
މެކްސިކޯގެ ހޯމް، އިންގްލެންޑާ ދެކޮޅަށް ތާރީހީ ރެކޯޑަކާއެކު
މިއަހަރު ވޯލްޑް ކަޕްގެ އެއް ކޯ ހޯސްޓް މެކްސިކޯގެ ހޯމްއަކީ އަޒްޓެކާއެވެ. އެ އިހުސާސް، އެ ޖަޒުބާތު، ގްރޫޕް ސްޓޭޖުގެ މެޗުތަކުގެ އިތުރުން ގަދަ 32 ގެ މެޗުތަކުގައިވެސް ފެނިގެން ގޮސްފައިވެއެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗާއި ގަދަ 32 ގެ މެޗުވެސް މެކްސިކޯއިން ކާމިޔާބުކުރީ ކޮޅަށް ގޯލެއް ނުވައްދައެވެ. އެއާއެކު މެކްސިކޯ ވެފައި ވަނީ ވޯލްޑް ކަޕެއްގެ ހަތަރު މެޗު، ކޮޅަށް ގޯލެއް ވަނަދުނީ ކާމިޔާބުކުރި ތިންވަނަ ގައުމަށެވެ.
މީގެ ކުރިން އެ ތާރީހީ ޝަރަފު ހޯދާފައި އޮތީ 1986 ވަނަ އަހަރު ބްރެޒިލާއި 1990 ވަނަ އަހަރު އިޓަލީ އެކަންޏެވެ.
އަޒްޓެކާއަށް މެކްސިކޯ ވަރުގަދަވާ އެތައް ސަބަބުތަކެއް ހުރި އިރު، އިންގްލެންޑް މިރޭ ވަނީ ބޮޑު އިމްތިހާނަކަށެވެ. މެކްސިކޯ ސިޓީގެ އަޒްޓެކާ ސްޓޭޑިއަމަކީ ލޮނުގަނޑުގެ މައްޗަށް 7،220 ފޫޓު މަތި ސްޓޭޑިއަމެކެވެ. އެއީ އިންގްލެންޑް އެލްޓިޓިއުޑްގެ މައްސަލަ ދިމާވާނެ ސަބަބެއް ކަމަށް ނޫސްތައް ބުނެއެވެ. ތަޖުރިބާކަރުން އެކަން ފާހަގަކުރަނީ މެކްސިކޯއަށް ބޮޑު ފައިދާއެއްގެ ގޮތުގައެވެ.
މެކްސިކޯއިން އެންމެފަހުން އަޒްޓެކާގައި ބަލިވެފައި ވަނީ 2013 ވަނަ އަހަރު ސެޕްޓެމްބަރު މަހު އެމެރިކާއާ ދެކޮޅަށް ކުޅުނު މެޗެއްގައެވެ. އޭގެފަހުން ކުޅުނު 26 މެޗުންވެސް މެކްސިކޯ ބަލިވެފައެއް ނުވެއެވެ. ދެން އޮތް އަނެއް ތަފާސްހިސާބަކީވެސް އިންގްލެންޑަށް އުފާވެރި ހަބަރަކަށް ނުވާނެއެވެ. އަޒްޓެކާގައި މެކްސިކޯއިން ވޯލްޑް ކަޕް މެޗެއްގައިވެސް މިހާތަނަށް ބަލިވެފައެއް ނުވެއެވެ. އެއީ 10 މެޗުގެކުޅެގެންނެވެ. އޭގެ ތެރެއިން ހަތް މެޗުން މޮޅުވެ، އަނެއް ތިން މެޗުން މެކްސިކޯ އެއްވަރުވިއެވެ.
މިރޭ ކޮންމެހެންވެސް ނަތީޖާ ނެރެން ނުކުންނަ އިރު، މެކްސިކޯއިން އަމިއްލަ ގައުމުގައި ބޭއްވި ކޮންމެ ވޯލްޑް ކަޕެއްގައިވެސް ކުއާޓާ ފައިނަލަށް ގޮސްފައިވެއެވެ. އެހެންކަމުން މިރެއަކީ އިންގްލެންޑަށް އުނދަގޫ، މާޔޫސީ މެޗަކަށްވުން ގާތެވެ. 1966 ވަނަ އަހަރަށްފަހު ތަށްޓަކަށް މަސައްކަތް ކުރާ އިންގްލެންޑަށް ހިތި ހަނދާންތަކަކާއެކު އޮތީ ބޮޑު ތާރީހެއް ބަދަލުރަން ޖެހިފައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް