މިފަހަރު ވޯލްޑް ކަޕަށްފަހު ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލާނެ ކަމުގެ ބޮޑު އިޝާރާތެއް އޭނާގެ ދައްތަ، ކާޓިއާ އަވެއިރޯ ދީފިއެވެ.

ރޭ ޕޯޗުގަލްއިން ވޯލްޑް ކަޕްގެ ގަދަ 32 ގައި ކުޅުނީ ކްރޮއޭޝިއާއާ ދެކޮޅަށެވެ. އެމެޗުގައި ފަހަތުން އަރައި 2-1 އިން ކްރޮއޭޝިއާ ބަލިކޮށް ޕޯޗުގަލްއިން ގަދަ 16 ޔަގީންކުރި އިރު، މެޗުގައި ރޮނާލްޑޯ ގޯލްވެސް ޖަހާފައިވެއެވެ. ރޮނާލްޑޯގެ ރިޓަޔާމަންޓް ވާހަކަ އޭނާގެ ދައްތަ ބުނެފައި ވަނީ ރޭގެ މެޗުގެ ކުރިންނެވެ.

"މިއަދު ނޫނަސް، ދެން އޮތީ ރޮނާލްޑޯގެ އަލްވަދާއު. މިބުނީ ގައުމީ ޓީމަށް. އަހަންނަށް ވަރަށް އިތުބާރު ފަރާތްތަކުން މައުލޫމާތު ލިބިފައިވާ ގޮތުގައީ މިއީ އެންމެ ފަހު ފެނިލުން. މިއީ ރޮނާލްޑޯ ގައުމީ ޖާޒީ ބާލާނެ މުބާރާތް،" ކާޓިއާ ނޫހަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވެއެވެ.

މިއީ ރޮނާލްޑޯގެ ހަވަނަ ވޯލްޑް ކަޕެވެ. އޭނާ ކުޅުނު ކޮންމެ ވޯލްޑް ކަޕެއްގައިވެސް ގޯލް ޖަހާފައިވާ އިރު، ރޮނާލްޑޯ ވެގެން ގޮސްފައި ވަނީ ހަ ވޯލްޑް ކަޕްގައި ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔާއެވެ.

ފަސް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ ރޮނާލްޑޯ މިހާރު ސައުދީ އަރަބިއާގެ އަލް ނަސްރަށް ކުޅެމުން އަންނަ އިރު، އޭނާގެ ދައްތަ ބުނީ ގައުމީ ޓީމަށް 200 ގޯލް ޖަހައި، އެ ލެވެލްއަށް ކުޅޭނެ އެހެން ކުޅުންތެރިޔަކު ފެނުން އެއީ މަދުން ނޫނީ ނުފެންނާނެ މަންޒަރެއް ކަމަށާއި، ރޮނާލްޑޯގެ ކެރިއަރުގެ އެންމެ ފަހު މަންޒަރުތައް ފެނުމުގެ ހިތްހަމަޖެހުން މިހާރު ހޯދުމަށެވެ.

ރޮނާލްޑޯ ކެރިއަރުގައި 1000 ގޯލަށް ޓާގެޓް ކޮށްގެން މަސައްކަތް ކުރަމުން އަންނައިރު، ކްލަބާއެކު ހަދާފައިވާ އެއްބަސްވުން ހަމަވާން އޮތީ 2027 ވަނަ އަހަރަށެވެ.