ޕޯޗުގަލް އާއި ކްރޮއޭޝިއާ ވާދަކުރާ ގަދަ 32 ގެ މެޗުގައި ތަފާތު ފެންނާނީ މިޑްފީލްޑުން ކަމަށާއި މެޗުގެ ނަތީޖާ ކަނޑައެޅޭނީ މިޑްފީލްޑްގެ ވާދަވެރިކަމުން ކަމަށް ކްރޮއޭޝިއާގެ ކޯޗު ލަޓްކޯ ޑަލިޗް ބުނެފިއެވެ.
ކެނެޑާގެ ޓޮރޮންޓޯގައި މިރޭ ޕޯޗުގަލްއާއި ކްރޮއޭޝިއާ ކުރިމަތިލާ މެޗަށް ސަޕޯޓަރުންގެ ފޯކަސް ބޮޑުވެފައި ވަނީ ޕޯޗުގަލްގެ އުމުރުން 41 އަހަރުގެ ކްރިސްޓިއާނޯ ރޮނާލްޑޯގެ އިތުރުން ކްރޮއޭޝިއާގެ ތަޖުރިބާކާރު މިޑްފީލްޑަރު، 40 އަހަރުގެ ލޫކާ މޮޑްރިޗަށެވެ. މިއީ ދެ ކުޅުންތެރިންގެވެސް ފަހު ވޯލްޑް ކަޕަށް ވާނެ ކަމަށް ގިނަ ބަޔަކު ލަފާކޮށްފައިވާ އިރު، މިރޭގެ މެޗުން ކޮންމެވެސް އެއް ކުޅުންތެރިޔަކު ވޯލްޑް ކަޕާ އަލްވަދާއު ކިޔާނެއެވެ.
އެހެން އެކަން އޮތް ނަމަވެސް ކްރޮއޭޝިއާ ކޯޗު ޑަލިޗްގެ ފޯކަސް ހުރީ އެކަމަކަށް ނޫނެވެ.
"މިއީ ވަކި ކުޅުންތެރިންގެ ވާދަވެރިކަމަކަށްވުރެ ބޮޑަށް މިޑްފީލްޑަށް ބަރޯސާވާނެ މެޗެއް. ޕޯޗުގަލްގައި އެބަތިބި ތަފާތު މޮޅެތި މިޑްފީލްޑަރުން. އެޓީމު ޓެކްނިކަލީ އެހާ ވަރުގަދަ ވަނީ މިޑްފީލްޑްގެ ސަބަބުން. މިރޭގެ މެޗުގައި އަހަރެމެންނަށް ހެދޭ އެންމެ ގޯހެއްގެ އަދަބުވެސް ލިބޭނެ،" ޑަލިޗް ބުންޏެވެ.
ޕޯޗުގަލްގެ މެދުތެރެއިން ޕީއެސްޖީއާއެކު ޖެހިޖެހިގެން ދެފަހަރު ޗެމްޕިއަންސް ލީގު ހޯދި ޖޮއާއޮ ނެވޭސްއާއި ވިޓީނިއާގެ އިތުރުން ނިމިދިޔަ ޕްރިމިއާ ލީގު ސީޒަންގެ އެންމެ މޮޅު ކުޅުންތެރިޔާ ބްރޫނޯ ފެނާންޑޭޒް ފެނިގެންދާ އިރު، ކްރޮއޭޝިއާގެ މެދުތެރެއިން ފެންނަނީ މޮޑްރިޗާއި މާޓިން ބަޓުރީނާ އަދި ޕީޓާ ސޫސިޗެވެ.
"ޕޯޗުގަލްއަކީ އަބަދުވެސް ބޯޅަ ހިފަހައްޓައިގެން ކުޅެން ބޭނުންވާ ޓީމެއް. އެޓީމުގެ ބަލިފައެއް ނެތް ހަގީގަތުގައި. ކޮންމެ ވަގުތެއްގައިވެސް ނުރައްކާ ކުރާނެ ޓީމެއް ޕޯޗުގަލްއަކީ،" ޑަލިޗް ފާހަގަކުރިއެވެ.
ކްރޮއޭޝިއާއިން ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުން އިންގްލެންޑް ކައިރިން ބަލިވީ 4-2 އިންނެވެ. ދެން ކުޅުނު މެޗުގައި ޕެނަމާ ކައިރިން 1-0 އިން މޮޅުވި އިރު، ގަދަ 32 ޔަގީންކުރީ ގާނާ ކައިރިން 2-1 އިން މޮޅުވެގެންނެވެ.
އަނެއްކޮޅުން ޕޯޗުގަލްއަށްވެސް ގްރޫޕް ސްޓޭޖު ދިޔައީ އުނދަގޫ ކޮށެވެ. އެޓީމަށް ބަލިކުރެވުނީ އުޒްބެކިސްތާން އެކަންޏެވެ. ޑީއާރް ކޮންގޯއާއި ކޮލަމްބިއާ ކައިރިންވީ އެއްވަރެވެ.
މިރޭ ކްރޮއޭޝިއާއާއި ޕޯޗުގަލް ވާދަކުރާ މެޗު އޮންނާނީ ފަތިހު 4:00 ގައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް