ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގައި ނެދަލެންޑްސް ބަލިކޮށް، މޮރޮކޯ އިން ގަދަ 16 ގެ ޖާގަ ހޯދައިފިއެވެ.
ޔޯހަން ކްރައިފް ފަދަ ކުޅުންތެރިން "ޓޯޓަލް ފުޓްބޯލް" ފަދަ ޒަމާނީ ބަދަލުތަކުން ނެދަލޭންޑްސް ފާހަގަކޮށްލެވުނު ނަމަވެސް، މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައެއް ނުވުއެވެ. 12 ވަނަ ވޯލްޑް ކަޕަށް ނުކުތް ނެދަލޭންޑްސްއިން ތިން ފަހަރެއްގައި ވޯލްޑް ކަޕް ފައިނަލްގައި ކުޅުނެވެ.
ވޯލްޑް ކަޕް 2010 އަދި ވޯލްޑް ކަޕް 2014 ގައި ނެދަލެންޑްސް ތަފާތު ދެއްކިއެވެ. 2010 ވަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވީ ހިތްދަތިކޮށެވެ. ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެވެސް ތިންވަނަ ހޯދައިފައިވެއެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ނެދަލޭންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.
މޮރޮކޯއަށް ފުރަތަމަ ފަސް ވޯލްޑް ކަޕް ގެއްލުނީ އެގައުމު ފްރާނަސްގެ ބައެއްގައި އޮތުމުންނެވެ. އޭގެ ފަހުން 1955 ވަނަ އަހަރު އެގައުމުގެ ފުޓުބޯޅަ ރަސްމީވެ، ފެޑަރޭޝަން އުފެއްދިއެވެ. 1970 ގެ އަހަރުތަކުގައި މޮރޮކޯގެ ފުޓުބޯޅަ ކުރިއަށް ޖެހިލައި، ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ މެކްސިކޯގައެވެ. އެ ޖީލުން 1976 ވަނަ އަހަރު އެފްކޯންގެ ތަށިވެސް ނެގިއެވެ. އޭގެ އިތުރުން މޮރޮކޯ ވަނީ 2012 ވަނަ އަހަރުގެ އަރަބް ކަޕާއި 2018، 2020 ވަނަ އަހަރުގެ އެފްރިކަން ނޭޝަންސް ޗެމްޕިއަންޝިޕްވެސް ކާމިޔާބު ކޮށްފައެވެ.
އޭގެ ފަހުން ދެން އައީ ފުޓުބޯޅައިގެ ރަން ދުވަސްތަކެކެވެ. މެދުކެނޑުމަކަށްފަހު 1986 ވަނަ އަހަރު ވޯލްޑް ކަޕަށް ގޮސް މޮރޮކޯ ވިދާލިއެވެ. އިންގްލެންޑާއި، ޕޮލެންޑް އަދި ޕޯޗުގަލްއާ އެއް ގްރޫޕެއްގައި ކުޅެ، ގްރޫޕުގެ އެއްވަނަ ހޯދިއެވެ. އެއީ އެފްރިކާ ގައުމެއް ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގައި ހޯދި އެންމެ ބޮޑު ކާމިޔާބީއެވެ. އެފަހަރު ގަދަ 16 ގައި ވެސްޓް ޖާމަނީ އަތުން ބަލިވި މޮރޮކޯއަށް އޭގެ ފަހުން ދެން ވާދަކުރެވުނީ 1994، 1998 ގެ އިތުރުން 2018 އަދި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައެވެ.
އުންމީދީ ޓީމަކާއެކު ނުކުމެ، މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގައި އެތައް ބަޔަކު ހައިރާން ކޮށްލިއެވެ. އެއީ އެފްރިކާގެ ޓީމަކުން ވޯލްޑް ކަޕެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީއާއެކުގައެވެ. މޮރޮކޯއިން ގަތަރު ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ކުޅުނެވެ. އެއީ ޖާދުވީ ދަތުރެކެވެ. މޮރޮކޯއިން ވަނީ ބެލްޖިއަމާއި ސްޕެއިންގެ އިތުރުން ޕޯޗުގަލްވެސް ބަލިކޮށްފައެވެ. ސްޕެއިނާއި ޕޯޗުގަލް ކަޓުވާލީ ހިތްދަތިކޮށްލައިފައެވެ.
ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރުން ނެދަލެންޑްސް އިން ޖާގަ ހޯދީ "ގްރޫޕް އެފް" ގެ އެއްވަނައިގެ ގޮތުގައި ހަތް ޕޮއިންޓު ހޯދައިގެންނެވެ. ފުރަތަމަ މެޗުގައި ޖަޕާން އަތުން އެއްވަރުވީ ނަމަވެސް، ފަހު ދެ މެޗުގައި ސްވިޑެނާއި ޓިއުނީޝިއާ އަތުން ނެދަލެންޑްސް ވަނީ މޮޅުވެފައެވެ.
ގަދަ 32 ގެ ބުރުން މޮރޮކޯ ޖާގަ ހޯދީ "ގްރޫޕު ސީ" ގެ ދެވަނައިގެ ގޮތުގައި ހަތް ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕުގެ ފުރަތަމަ މެޗުގައި ބްރެޒިލް އަތުން އެއްވަރުވި އިރު، ފަހު ދެ މެޗުގައި ސްކޮޓްލެންޑް އަދި ހެއިޓީ ވަނީ ބަލިކޮށްފައެވެ.
މި ދެ ގައުމުގެ ވޯލްޑް ކަޕްގެ ތާރީހުން މި މެޗަށް އިތުރު ފޯރިއެއް ގެނެސްދެއެވެ. 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި މި ދެ ގައުމު ބައްދަލުކުރި އިރު، 2-1 ގެ ނަތީޖާއަކުން ކުރި ހޯދީ ޑެނިސް ބާކޭމްޕް އަދި ބްރަޔަން ރޯއި ކާމިޔާބުކޮށްދިން ގޯލުތަކާއެކު ނެދަލެންޑްސްއެވެ. ޖުމްލަކޮށް ބަލާ އިރު، ދެ ޓީމު ބައްދަލުކުރި މެޗުތަކުގެ ރެކޯޑުން ކުރީގައި އޮތީ ނެދަލެންޑްސްއެވެ. ނަމަވެސް، މޮރޮކޯއިން ވަނީ ދުނިޔޭގެ ފެންވަރުގައި އެ ޓީމަކީ މިހާރު ބަލިކަށި ޓީމެއް ނޫންކަން ސާބިތުކޮށްދީފައެވެ.
މިއަދުގެ މެޗަށް ނެދަލެންޑްސް އިން ނުކުތީ ފަސް ޑިފެންޑަރުން، ފުރަތަމަ 11 ގައި ހިމަނައިފައެވެ. ނެދަލެންޑްސްގެ ވަރުގަދަ ޑިފެންސްގައި ހިމެނުނީ ކެޕްޓަން ވާޖިލް ވެން ޑައިކް، މިކީ ވެން ޑެ ވެން، ނޭތަން އަކޭ، ޔާން ޕޯލް ވެން ހެކޭ އަދި ޑެންޒެލް ޑަމްފްރީޒްއެވެ. ޓިޖާނީ ރައިންޑާސް ބެންޗުން ފެށި އިރު، މެދުތެރެއަށް ފުރަތަމަ 11 ގައި ހިމަނާފައިވަނީ ފްރެންކީ ޑި ޔޮންގް އަދި ރަޔަން ގްރެވެންބާކް އެވެ. އެޓޭކުގައި ހިމެނުނީ ކްރިސެންސިއޯ ސަމާވިލް، ކޯޑީ ގަކްޕޯ އަދި ބްރަޔަން ބްރޮބީ އެވެ. މިއަދު ވެސް ގޯލު ބަލަހައްޓާފައިވަނީ ބާޓް ވާބްރުގެން އެވެ.
މޮރޮކޯގެ ފުރަތަމަ 11 އަށް ނެރެފައިވަނީ އެޓީމުން އާންމުކޮށް ނެރޭ ކުޅުންތެރިންނެވެ. ކީޕަރު ޔަސީން ބޯނޯގެ ކުރިން ޑިފެންސްގައި ހިމަނާފައިވަނީ ކެޕްޓަން އަޝްރަފް ހަކީމީ، ނުސީރް މަޒްރާއީ، ޗަޑީ ރިއާދް އަދި އިސާ ޑިއޮޕް އެވެ. އެޓޭކުގައި އިސްމާއިލް ސައިބާރީ، ބިލާލް އެލް ކަނޫސް، އަޒެދީން އޫނާހީ އަދި ބްރަހިމް ޑިއާޒް ހިމަނާފައިވާ އިރު، މެދުތެރެއިން ފާހަގަކޮށްލެވުނީ އައްޔޫބް ބުއާދީ އަދި ނީލް އެލް އޭނާއީ އެވެ.
މެކްސިކޯގެ އެސްޓާޑިއޯ މޮންޓެރޭގައި ނެދަލެންޑްސް އާއި މޮރޮކޯ މިއަދު ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގެ ފުރިހަމަ ވަގުތު އަދި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނު އިރުވެސް 1-1 ގެ ނަތީޖާއަކުން ދެ ޓީމު ވަނީ އެއްވަރުވެފައެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި މޮރޮކޯ މޮޅުވީ 3-2 އިންނެވެ.
މެޗުގެ ކުރީކޮޅުގައި ދެ ޓީމުން ވެސް ވަރަށް ފިޒިކަލް ކުޅުމެއް ކުޅެމުންދިޔަ ތަން ފެނިގެންދިޔަ އިރު، ދެ ޓީމުގެ ޑިފެންސްގެ ވަރުގަދަކަން ވެސް ފެނިގެންދިޔައެވެ. އެހެންކަމުން ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
މެޗުގެ 20 ވަނަ މިނެޓުގައި ކައިރިކައިރީގައި މޮރޮކޯގެ ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެންދިޔައެވެ. ކޯނަރަކުން އަޝްރަފް ހަކީމީ ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ނީލް އެލް އޭނާއީ ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގަން ހުޝިޔާރުކަމާއެކު މަތަކުރި އިރު، އޭގެ ފަހުން ޕެނަލްޓީ އޭރިއާ ބޭރުން ހަކީމީ ފޮނުވާލި ބާރު ހަމަލާ ވެސް ކީޕަރު ވާބްރުގަން ވަނީ މަތަކޮށްފައެވެ.
މެޗުގެ 36 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ހަމަލާއެއް ފެނިގެންދިޔައެވެ. ކޯނަރަކުން ކްރިސެންސިއޯ ސަމާވިލް ނަގައިދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑެންޒެލް ޑަމްފްރީޒް ބޮލުން ފޮނުވާލި ހަމަލާ، މޮރޮކޯގެ ޑިފެންސުން ވަނީ ބްލޮކްކޮށްފައެވެ.
މެޗުގެ 42 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން މިކީ ވެން ޑެ ވެން ފޮނުވާލި ބާރު ހަމަލާ، މޮރޮކޯ ކީޕަރު ޔަސީން ބޯނޯ ވަނީ މަތަކޮށްފައެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯއަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އަޒެދީން އުނާހީ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ. އަދި އޭގެ ފަހުން ހިލޭ ޖެހުމަކުން ހަކީމީ ނަގައިދިން ނުރައްކާތެރި ބޯޅަ، ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރި އިސްމާއިލް ސައިބާރީއަށް ފޮނުވާލެވޭ ގޮތް ވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ފެށިތާ ހަ މިނެޓު ތެރޭ މޮރޮކޯއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. އުނާހީ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެެ، މޮރޮކޯ ކެޕްޓަން ހަކީމީ ފޮނުވާލި ބާރު ހަމަލާ އަމާޒުވީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ވެސް މޮރޮކޯ ކެޕްޓަން ހަކީމީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ވަރަށް ހުސްކޮށް ހުރެ ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ހަކީމީ ހަމަލާއެއް ފޮނުވާލުމުގެ ކުރިން، ފަހަތުން އައިސް، ނެދަލެންޑްސް ޑިފެންޑަރު މިކީ ވެން ޑެ ވެން ވަނީ ޓެކަލްކޮށް ބޯޅަ ދިފާއުކޮށްފައެވެ.
މެޗުގެ 72 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ވެއްޓިލާފައި ސަމާވިލް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރެއިން މޮރޮކޯގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އެވެ. ދާދިފަހުން ގަކްޕޯ ވަނީ އޭނާގެ ބައިވެރިޔާ ބައިގެން ގޮސް، ދަރިފުޅު ނިޔާވެފައިވާކަން އިއުލާންކޮށްފައެވެ. އެހެންކަމުން ގަކްޕޯއަށް ގޯލު ވެގެންދިޔައީ އަސަރުތަކެއް ކުރުވި ގޯލަކަށެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި މޮރޮކޯ އިން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޝެމްސްދިން ތަލްބީ ނަގައިދިން ރީތި ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ބޮލުން ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން މޮރޮކޯއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އީސާ ޑިއޮޕް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅެން ޖެހުނެވެ.
މެޗުގެ 96 ވަނަ މިނެޓުގައި ނެދަލެންޑްސް ކީޕަރު ވާބްރުގަންގެ މޮޅު ސޭވްއެއް ފެނިގެންދިޔައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޮރޮކޯ ފޯވަޑް ރަހީމީ، ޕެނަލްޓީ އޭރިއާ ތެރެއިން ހުސްވެލުމަށްފަހު ފޮނުވާލި ހަމަލާ، ނެދަލެންޑްސް ކީޕަރު ވާބްރުގަން ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އިތުރު ވަގުތުގެ ދެ ހާފުގައި ނެދަލެންޑްސް އަދި މޮރޮކޯ ވެސް ބޮޑަށް މަސައްކަތްކުރީ ޑިފެންސަށް ވިސްނައިގެން ލިބޭ ފުރުސަތުތަކުގައި ނުރައްކާކުރުމަށެވެ. އެހެންކަމުން ދެ ޓީމަށް ވެސް ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. އިތުރު ވަގުތުގައި ވެސް ނަތީޖާއެއް ނެރެވިފައި ނުވުމުން، ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޝޫޓްއައުޓަށް ދާށެވެ.
ނެދަލެންޑްސްއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޓެއުން ކޫޕްމައިނާސް އަދި ވޫޓް ވެގްހޯސްޓްއެވެ. ނެދަލެންޑްސްގެ ޖަސްޓިން ކްލައިވެޓް، ކުއިންޓެން ޓިމްބާ އަދި ސަމާވިލްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ. މޮރޮކޯއަށް ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ސުފިއާން ރަހީމީ، ޝެމްސްދީން ތަލްބީ އަދި ސައިބަރީއެވެ. މޮރޮކޯގެ އާނާއީ އަދި ހަކީމީގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފައެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް