ވޯލްޑް ކަޕް 2026 ގައި ފަހު ވަގުތު ޖަޕާނު ބަލިކޮށް ބްރެޒިލުން ގަދަ 16 ގެ ޖާގައެއް ހޯދައިފިއެވެ.
ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ކާމިޔާބު، އެންމެ ވަރުގަދަ އެއް ނަމެވެ. ބްރެޒިލާއި ފުޓުބޯޅަ ގުޅިފައި ވަނީ ހިތާއި ހިތުގެ ގުޅުމަކުންނެވެ. އެގައުމުގެ ސަގާފަތާއި ތަރިކައިގައި ފުޓުބޯޅައިގެ ހިއްސާ ބޮޑެވެ. ފީފާގެ މެންބަރެއްގެ ގޮތުގައި 1923 ވަނަ އަހަރުން ފެށިގެން ރަސްމީވި ބްރެޒިލްގެ ގައުމީ ފުޓުބޯޅަ ޓީމަކީ އެންމެ ގިނަ ތަރިން ފުޓުބޯޅައަށް ގެނެސްދިން އެއް ޓީމެވެ. އެގައުމަކީ ފުޓުބޯޅައިގެ ހާއްސަ ސްޓައިލެއް ރަމްޒުކޮށްދޭ، ޗަރުކޭހުގެ ހުނަރު ދުނިޔެއަށް ދައްކުވައިލަދިން ގައުމެކެވެ.
ބްރެޒިލްގެ ފުޓުބޯޅައަށް ފަނޑު ދުވަސްތަކެއް އައީ މަދު ފަހަރަކުއެވެ. ބަލިވުމުގެ ހިތްދަތިކަންވެސް ތަޖުރިބާ ކުރަން ޖެހެނީ މަދު ފަހަރެއްގައެވެ. ކެނެރީ ރީނދޫ ރަމްޒުކޮށްދޭ ބްރެޒިލުން ފެނިގެން ދިޔައީ ދުނިޔޭގެ ތާރީހުވެސް ދުށް އެންމެ ވަރުގަދަ ސްކޮޑުތަކެވެ. ރެކޯޑު ފަސް ފަހަރު ވޯލްޑް ކަޕް ކާމިޔާބުކުރި ބްރެޒިލަކީ ފުޓުބޯޅައިގެ އެންމެ ޝަރަފުވެރި ނަމެވެ.
ވޯލްޑް ކަޕްގެވެސް، ދެކުނު އެމެރިކާ ސަރަހައްދުގެވެސް އެންމެ ކާމިޔާބު ޓީމަކީ ބްރެޒިލެވެ. ބްރެޒިލުން ވަނީ 1958، 1962، 1970 ވަނަ އަހަރުގެ އިތުރުން 1994 އަދި 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައެވެ. ރީނދޫ ކުލައަށް ހާއްސަ ބްރެޒިލަށް މިހާތަނަށް ވޯލްޑް ކަޕަކުން ފުރުސަތު ގެއްލިފައެއް ނުވެއެވެ. 1930 ވަނަ އަހަރު އުރުގުއާއީގައި ބޭއްވި ފުރަތަމަ ވޯލްޑް ކަޕުން ފެށިގެން މިއަދާ ހަމައަށް ކޮލިފައިވީ ޕްލޭ އޮފްގައިވެސް ކުޅެން ނުޖެހިއެވެ.
ފީފާ ކޮންފެޑެރޭޝަންސް ކަޕްވެސް ހަތަރު ފަހަރު ކާމިޔާބު ކޮށްފައިވާ ބްރެޒިލަށް ދުނިޔޭގެ ތަށްޓެއް ނުލިބޭތާ ޒަމާންތަކެއްވެފައިވީ ނަމަވެސް، އަދިވެސް އެގައުމަކީ ފެވަރިޓެކެވެ. ކޮލިފިކޭޝަނަކީ ގައުމުގެ ތާރީހަށް ބަލާއިރު އެންމެ ދަށް ކޮލިފިކޭޝަން ނަމަވެސް ފެވަރިޓުންގެ ޓެގެއް ނުގެއްލެއެވެ.
ޖަޕާނަށް ފީފާގެ މެންބަރުކަން ލިބުނީ 1929 ވަނަ އަހަރުއެވެ. 1980 ގެ ފަހުކޮޅާ ހަމައަށް ޖަޕާނުގެ ފުޓުބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އެގައުމުގެ ފުޓުބޯޅަ ޕްރޮފެޝަނަލްވެ އަސްލު ސްޕީޑުގައި ހިނގައިގަތީ 1990 އަށް ފަހުގައެވެ. އެގައުމުގެ ލީގު ޕްރޮފެޝަނަލްވެ، ފުޓުބޯޅައަށް އައި ބަދަލާއެކު އޭޝިއާގެ އެންމެ އުހަށް ޖެހިލިއެވެ.
އެންމެފަހުގެ ހަ ވޯލްޑް ކަޕުގައިވެސް ޖަޕާނުން ކުޅެފައިވެއެވެ. އެގައުމުން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ރެކޯޑު ހަދާފައެވެ. ޖަޕާނުން ފުޓުބޯޅައަށް، ކުއްލިއަކަށް ގެނައި ހެޔޮ ބަދަލާއެކު ސަރަހައްދީ ވާދަވެރިން ފަހަތަށް ޖައްސާލިއެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 އަށް ޖަޕާނު ދަތުރު ކުރިއެވެ.
ޖަޕާނުގެ ތަރިން ޔޫރަޕުންވެސް ފާހަގަވެގެންދާ އިރު، ކޮލިފިކޭޝަންގެ ބޮޑުބައެއްގައިވެސް ބަލިނުވެ ހިފަހައްޓާލިއެވެ. ޖަޕާން ކޮލިފިކޭޝަންގައި ބަލިވީ އެންމެ މެޗަކުންނެވެ. އަދި ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ކޮލިފިކޭޝަން ޔަގީންކުރުމާ ހަމައަށް ޖަޕާނުން ކޮޅަށް ގޯލެއް ވަނަދުނީ ހިފެހެއްޓިއެވެ.
ބްރެޒިލް އަދި ޖަޕާން 14 ފަހަރު ބައްދަލުކޮށްފައިވާ އިރު، ބްރެޒިލުން ވަނީ 11 މެޗު ކާމިޔާބުކޮށްފައެވެ. ދެ މެޗު އެއްވަރުވެފައިވާ އިރު، ޖަޕާނަށް މޮޅުވެވިފައިވަނީ އެންމެ ފަހަރަކުއެވެ. އެހެންނަމަވެސް، މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ބްރެޒިލުން ދެ ގޯލުގެ ލީޑެއް ނަގާފައިވަނިކޮށް، ފަހަތުން އަރައި 3-2 އިން ޖަޕާނުން ހޯދި މޮޅަކީ އަދިވެސް ހަނދާނުގައި ހުރި ނަތީޖާއެކެވެ. މިއީ ބްރެޒިލްގެ މައްޗަށް ޖަޕާނުން ހޯދި ފުރަތަމަ މޮޅެވެ.
ބްރެޒިލުން ވޯލްޑް ކަޕް 2026 ގެ ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައިވަނީ "ގްރޫޕު ސީ" ގެ އެއްވަނައިގެ ގޮތުގައި ހަތް ޕޮއިންޓާއެކުއެވެ. ގްރޫޕު ސްޓޭޖުގައި މޮރޮކޯ އަތުން އެއްވަރުވި އިރު، ސްކޮޓްލެންޑް އަދި ހެއިޓީ އަތުން ވަނީ މޮޅުވެފައެވެ.
ޖަޕާނުން ގަދަ 32 ގެ ބުރަށް ދަތުރުކޮށްފައިވަނީ "ގްްރޫޕު އެފް" ގެ ދެވަނައިގެ ގޮތުގައި ފަސް ޕޮއިންޓާއެކުއެވެ. ނެދަލެންޑްސް އާއި ސްވިޑެން އަތުން ޖަޕާން އެއްވަރުވި އިރު، ޓިއުނީޝިއާ އަތުން ވަނީ މޮޅުވެފައެވެ.
މިރޭގެ މެޗަށް ބްރެޒިލުން ފުރަތަމަ 11 އަށް ބަދަލެއް ގެނެސްފައެއް ނުވެއެވެ. ނަމަވެސް މިރޭގެ މެޗުގައި ވެސް ބްރެޒިލް ތަރި ނޭމާ ފެށީ ބެންޗުންނެވެ. ފުރަތަމަ 11 ގައި އެޓޭކުގައި ފާހަގަކޮށްލެވުނީ ވިނީޝިއަސް ޖޫނިއާ، މެތިއަސް ކުންޏާ އަދި ރަޔަންއެވެ. މެދުތެރޭގައި ކަސެމީރޯ އާއި ލޫކަސް ޕަކެޓާ އަދި ބްރޫނޯ ގިމަރޭސް ހިމެނުނު އިރު، ޑިފެންސްގައި ހިމެނެނީ ޑަގްލަސް ސަންޓޯސް، ޑެނީލޯ، ގެބްރިއަލް އަދި މާކީނިއޯސް އެވެ. ބްރެޒިލްގެ ގޯލު މިރޭ ވެސް ބަލަހައްޓާފައިވަނީ އެލިސަން ބެކާއެވެ.
ޖަޕާނުން ފުރަތަމަ 11 އަށް ބައެއް ބަދަލުތައް ގެނެސްފައިވީ ނަމަވެސް، ހިމެނިފައިވަނީ މީގެ ކުރިން މެޗުތަކުގެ ފުރަތަމަ 11 ގައި ހިމެނުނު ކުޅުންތެރިންތަކެކެވެ. އެޓޭކުގައި ޑައިޒެން މައޭޑާ އާއި އަޔާސޭ ޔުއެޑާ އަދި ޖުންޔާ އީޓޯ ހިމެނުނު އިރު، މެދުތެރޭގައި ރިޓްސޫ ޑޮއާން އާއި ކައިޝޫ ސަނޯ އާއި ޑައިޗީ ކަމާޑާ އަދި ކޭޓޯ ނަކަމޫރާ ހިމެނުނެވެ. ޑިފެންސްގައި ހިމެނުނީ ޓަކެހީރޯ ޓޮމިޔަސޫ އާއި ޝޯގޯ ޓަނިގުޗީ އަދި ހިރޯކީ އީޓޯ އެވެ. މިރޭގެ މެޗުގައި ވެސް ޖަޕާންގެ ގޯލު ބަލަހައްޓާފައިވަނީ ޒިއޯން ސުޒޫކީ އެވެ.
އެމެރިކާގެ ހިއުސްޓަން ސްޓޭޑިއަމްގައި މިރޭ ކުޅުނު ގަދަ 32 ގެ ބުރުގެ މެޗުގައި ޖަޕާންގެ މައްޗަށް ބްރެޒިލުން ކުރި ހޯދީ 2-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ދެ މިނެޓުގެ ތެރޭގައި ބްރެޒިލުން ވަނީ ޖަޕާނުގެ ގޯލަށް ނުރައްކާކޮށްފައެވެ. ޕެނަލްޓީ އޭރިއާ ތެރެއިން ބްރޫނޯ ގިމަރޭސް ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ ކުރީކޮޅުގައި ޖަޕާނުން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެމުން ދިއުމުން، ވަރުގަދަ އެޓޭކަކާއެކު ކުޅެމުންދިޔަ ބްރެޒިލަށް ފުރުސަތުތައް ތަނަވަސްކުރުމަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
މެޗުގެ 14 ވަނަ މިނެޓުގައި ބްރެޒިލަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ގިމަރޭސް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ކޫންޏާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެެވެ. އޭގެ ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޑަގްލަސް ސަންޓޯސް ފޮނުވާލި ހަމަލާ، ޖަޕާންގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.
މެޗުގެ 29 ވަނަ މިނެޓުގައި ޖަޕާނުން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ބްރެޒިލް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ، ބްރެޒިލް ގޯލުގެ ކަނަކަށް ފޮނުވާލައިގެން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކައިޝޫ ސަނޯ އެވެ.
ފުރަތަމަ ހާފުގެ ފަހުކޮޅުގައި ބްރެޒިލުން ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުންދިޔަ ނަމަވެސް، އެޓޭކުގައި ޖަޕާނުން ވެސް ނުރައްކާކުރަމުންދިޔައެވެ. ބޯޅަ ހިފަހައްޓައިގެން ރީތި ކުޅުމެއް ދައްކާފައިވަނީ ވެސް ޖަޕާނުންނެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ޖަޕާން ކުރީގައި އޮވެގެންނެވެ.
ލޫކަސް ޕަކެޓާއަށް ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާ ގުޅިގެން ދެވަނަ ހާފަށް އޭނާ ކުޅެން ނުކުމެފައެއް ނުވެއެވެ. އޭނާގެ ބަދަލުގައި ދެވަނަ ހާފަށް ކުޅެން ނުކުމެފައިވަނީ ޒުވާން ފޯވަޑް އެންޑްރިކް އެވެ.
މެޗުގެ 52 ވަނަ މިނެޓުގައި ބްރެޒިލަށް ނަތީޖާ ހަމަހަމަކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޑެނީލޯ ނަގައިދިން ބޯޅައަކުން، ޕެނަލްޓީ އޭރިއާ ތެރޭ ހުރެ، ޑިމަރޭސް ބޮލުން ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.
އޭގެ މިނެޓެއް ފަހުން ވެސް ބްރެޒިލަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކަސެމީރޯ ބޮލުން ފޮނުވާލި ހަމަލާ، ގޯލު ލައިންމަތިން ޖަޕާން ޑިފެންޑަރު ޓޮމިޔާސޫ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ 56 ވަނަ މިނެޓުގައި ބްރެޒިލުން ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ގެބްރިއެލް ނަގައިދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކަސެމީރޯ އެވެ.
އޭގެ ދެ މިނެޓު ފަހުން ބްރެޒިލަށް ލީޑު ހޯދުމަށް ވެސް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. ޖަޕާންގެ ތިން ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއިން ވިނީޝިއަސް ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ. ކީޕަރު ސުޒޫކީގެ އަތުގައި ޖެހި، އެ ބޯޅަ ވަނީ ޖަޕާން ގޯލުގެ އަރިމަތީ ދަނޑީގައި ވެސް ޖެހިފައެވެ.
މެޗުގެ 64 ވަނަ މިނެޓުގައި ޖަޕާންގެ ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް ގޮސް، ޕެނަލްޓީ އޭރިއާ ތެރެއި ޔުއޭޑާ ފޮނުވާލި ބާރު ހަމަލާ، ބްރެޒިލް ކީޕަރު އެލިސަން ވަނީ މަތަކޮށްފައެވެ.
މެޗުގެ ފަހުކޮޅު ވެސް ލީޑު ހޯދުމަށް ބްރެޒިލުން ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން ވިނީޝިއަސް، އެންޑްރިކް އަދި މާޓިނޭޒްގެ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. ނަމަވެސް އެއްވެސް ހުސް ފުރުސަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ.
ދެވަނަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ މިނެޓުގެ ތެރެއިން އެންމެ ފަހު މިނެޓުގައި ބްރެޒިލުން ވަނީ ލީޑު ހޯދައިފައެވެ. ގިމަރޭސް ދިން ބޯޅަ، ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ބްރެޒިލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ގެބްރިއެލް މާޓިނެލީ އެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް