އިޓަލީން ތުރުކީއަށް، ގަވާއިދާ ހިލާފަށް އެތެރެކުރަން އުޅުނު 4،200 ޓަނު ފޮތީގެ ކުނި އަތުލައިގަނެފިއެވެ.

ޔޫރަޕިއަން އެންޓި-ފްރޯޑް އޮފީސް (އޯލާފް) އާއި އިޓަލީގެ ކަރަބިނިއޭރީ ފުލުހުންގެ އިތުރުން ތުރުކީގެ ކަސްޓަމްސް ގުޅިގެން ހިންގި ތަހުގީގުން ހާމަވެފައިވާ ގޮތުގައި، މި ކުނިތައް އެތެރެކުރަން މަސައްކަތްކޮށްފައިވަނީ ރީސައިކަލް ކުރުމުގެ ހަރަދުތަކުން ސަލާމަތްވުމަށްޓަކައި ލިޔެކިޔުންތައް އޮޅުވާލައިގެންނެވެ.

އޯލާފް އިން ބުނެފައިވާ ގޮތުގައި އަތުލައިގަތް ކުނީގެ ތެރޭގައި ގިނައިން ހިމެނެނީ އެކްރިލިކް ފައިބަރު އެކުލެވޭ ފޮތީގެ ބާވަތްތަކެވެ. މިއީ ނެތިފަނާވުމަށް 200 ވަރަކަށް އަހަރު ނަގާ، އަދި ރީސައިކަލް ކުރަން އުނދަގޫ ބާވަތެކެވެ.

މި އޮޕަރޭޝަނުގެ ތެރެއިން ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ތިމާވެށީގެ ގަވާއިދުތަކާ ހިލާފަށް ހިންގަމުންދިޔަ ރީސައިކަލް ކުރާ ކާރުހާނާއެއްގެ ގުދަނަކުން އިތުރު 2،100 ޓަނުގެ ކުނި ހޯދާފައެވެ. މީގެ އިތުރުން، ތުރުކީގެ މަރްސިން ބަނދަރުން ވެސް 768 ޓަނުގެ ކުނި ފެނިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އޯލާފްގެ ޑިރެކްޓާ ޖެނެރަލް ޕީޓާ ކްލެމެންޓް ވިދާޅުވި ގޮތުގައި، ތިމާވެށީގެ ގަވާއިދުތަކަށް އޮޅުވާލައިގެން ހިންގާ މިފަދަ އަމަލުތަކަކީ ކުށްކުރާ ނެޓްވޯކްތަކަށް ނާޖާއިޒު ފައިދާ ހޯދުމަށް ހުޅުވޭ މަގެކެވެ. މިއީ އިގުތިސޯދަށާއި ތިމާވެއްޓަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މައްސަލައާ ގުޅިގެން އިޓަލީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ގައުމުގެ ބްރެޝިއާގައި ހިންގާ ކުންފުންޏެއް ބަލައި ފާސްކޮށްފައެވެ. މި ރެއިޑުގައި އެ ކުންފުނީގެ އުޅަނދުތަކާއި 12 މިލިއަން ޔޫރޯގެ މުދާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.