އދ. ގެ މޫސުމީ ބަދަލުތަކާ ބެހޭ ބައްދަލުވުން ނުވަތަ ކޮޕް ސަމިޓުގައި ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މާދަމާ ތުރުކީ ވިލާތަށް ވަޑައިގަންނަވަން ހަމަޖައްސައިފިއެވެ.

ރައީސް އެކަން އިއުލާނުކުރެއްވީ، މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"ސަމިޓުގައި ބައިވެރިވުމަށް ތުރުކިއޭއަށް މިދަނީ. މާދަމާ އިރާދަކުރެއްވިއްޔާ ފުރަނީ، ކޮޕް ސަމިޓް އޮތީ 11 އާއި 12 ގައި" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮޕް ސަމިޓަކީ ރާއްޖެ ފަދަ ގައުމަކަށް ވަރަށް މުހިންމު ސަމިޓެއް ކަމަށެވެ.

"ރާއްޖެއަކީ އަޅުގަނޑުމެންގެ ތިމާވެށި ހިމާޔަތްކުރަން ގައުމީ އަދި ބައިނަލްއަގުވާމީ ލެވެލްގައިވެސް މަސައްކަތް ކުރާ ގައުމެއް،" ރައީސް ވިދާޅުވިއެވެ.

ކޮޕް ސަމިޓަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތައް ކަނޑައަޅައި އެއްބަސްވުންތައް ތަންފީޒުކުރުމަށް ބާއްވާ އެންމެ ބޮޑު މަޝްވަރާ ބައްދަލުވުމެވެ.

ކޮޕް ސަމިޓުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ފިނިހޫނުމިން މައްޗަށް ދިޔުން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓުމަށް ޕެރިސް އެގްރީމެންޓުގެ ދަށުން ވެފައިވާ ވައުދުތައް ފުއްދުމެވެ. އަދި ވިހަ ގޭސްތައް ބޭރުކުރާ މިންވަރު މަދުކުރުމާއި، ތިމާވެށީގެ ގެއްލުންތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ތަރައްގީވަމުން އަންނަ ގައުމުތަކަށް ހޯދައިދިނުން މި މަޝްވަރާތަކުގައި ހިމެނެއެވެ.

މީގެއިތުރުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ ކުރިމަތިވެފައިވާ ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ގެއްލުންތައް ކުޑަކުރުމަށް ބައިނަލްއަގުވާމީ ފެންވަރުގައި އަޅާނެ ހަރުދަނާ ފިޔަވަޅުތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާކުރާނެއެވެ.