ފީފާ ވޯލްޑް ކަޕްގެ ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ ރެކޯޑު، ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ، އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ މުގުރާލައިފިއެވެ.

މީގެ ކުރިން އެ ރެކޯޑު އޮތީ ޖަރުމަން ލެޖެންޑް މިރޮސްލާވް ކްލޯސާގެ އަތުގައެވެ. އެ ރެކޯޑުގައި ކްލޯސާ އޮތީ 16 ގޯލާއެކުއެވެ.

ވޯލްޑް ކަޕް 2026 ފެށުނު އިރު، މެސީ އޮތީ ފްރާންސް ލެޖެންޑް ޖަސްޓް ފޮއިންޓެއިންއާއެކު 13 ގޯލު ޖަހައިގެން ލިސްޓުގެ ހަވަނައިގައެވެ. ނަމަވެސް މި ވޯލްޑް ކަޕްގައި އާޖެންޓީނާއިން ކުޅުނު ފުރަތަމަ މެޗުގައި އަލްޖީރިއާ ކޮޅަށް ތިން ގޯލު ޖަހައިގެން ހެދި ހެޓްރިކާއެކު އޭނާ ވަނީ ކްލޯސާގެ ރެކޯޑާ އަރައި ހަމަކޮށް، ލިސްޓުގެ ކުރިއަށް ޖެހިލައިފައެވެ.

"ގްރޫޕު ޖޭ" ގައި އާޖެންޓީނާއިން އޮސްޓްރިއާއާ ދެކޮޅަށް މިރޭ ކުޅޭ މެޗަށް ނުކުތް އިރު، އެންމެ ގޯލެއް ޖަހައި އެ ޝަރަފުވެރި ރެކޯޑު މުގުރާލެވެން އޮތެވެ. އޮސްޓްރިއާގެ ގޯލަށް މިރޭ ގޯލު ޖަހައިގެން މެސީ ވަނީ އެ ރެކޯޑު މުގުރާލައިފައެވެ. ރެކޯޑު އަދަދަކަށް ހަ ވޯލްޑް ކަޕް ކުޅޭ މެސީ، މުބާރާތުގެ ތާރީހުގައި ޖެހި އަދަދު މިހާރު ވަނީ 17 އަށް އަރައިފައެވެ.

އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރީކޮޅުގައި އުމުރުން 38 އަހަރުގެ މެސީއަށް ވަނީ ގޯލު ޖަހާނެ ވަރަށް ހުސް ފުރުސަތުތަކެއް ލިބިފައެވެ. އޭގެ ތެރެއިން އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއެއް ފާހަގަކޮށްލެވޭ އިރު، މެސީ ފޮނުވާލި އެ ޕެނަލްޓީ އޮސްޓްރިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މި ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ފްރާންސް ތަރި ކިލިއަން އެމްބާޕޭއަށް ވެސް އެބައޮތެވެ. މި ވޯލްޑް ކަޕްގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި ޖެހި ދެ ގޯލާއެކު، މުބާރާތުގެ ތާރީހުގައި އޭނާ ޖެހި ގޯލުގެ އަދަދު ވަނީ 14 އަށް އަރައިފައެވެ. މިއީ އުމުރުން 27 އަހަރުގެ އެމްބާޕޭ ކުޅޭ ތިންވަނަ ވޯލްޑް ކަޕެވެ.

ވޯލްޑް ކަޕް 2026 ގެ "ގްރޫޕު އައި" ގައި ރާއްޖޭގަޑިން މިރޭ ދަންވަރު 2:00 ގައި ފްރާންސުން އިރާގާ ދެކޮޅަށް ނުކުންނާނެއެވެ.