އީރާނާ ދެކޮޅަށް އެމެރިކާއިން ކުރިއަށްގެންދާ އަސްކަރީ ހަރަކާތްތަކަށް އަންނަ ޖެނުއަރީ މަހުގެ ނިޔަލަށް ފައިސާ ހަމަޖެހިފައިވާ ކަމަށާއި، ކޮންގްރެސްގެ ޑިމޮކްރޭޓުން އެ ހަނގުރާމަ ހުއްޓުވަން މަސައްކަތްކޮށްފިނަމަ ލިބިފައިވާ ކާމިޔާބީ ބަލިވުމަކަށް ބަދަލުވެގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ނިއު ޔޯކް ޕޯސްޓަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، އަންނަ ޖެނުއަރީ މަހު ކޮންގްރެސްގެ މެޖޯރިޓީ ޑިމޮކްރޭޓުންނަށް ލިބުމުން އަސްކަރީ ފިޔަވަޅުތައް އަޅަން ހުރި ފުރުސަތުތައް ހަނިވެގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ނަމަވެސް، ޑިމޮކްރޭޓުން މުއްދަތު ހަމަވުމުގެ ކުރިން ހަނގުރާމަ ހުއްޓާލަން މަޖުބޫރު ނުކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ އަސްކަރީ ގާބިލުކަން މިހާރު ވަރަށް ބޮޑަށް ބަލިކަށި ކޮށްލާފައިވާ ކަމަށް ޓްރަމްޕް ފާހަގަކުރެއްވިއެވެ. އެގޮތުން އީރާނުގެ ކަނޑުގެ ސިފައިންނާއި ވައިގެ ސިފައިންގެ އިތުރުން ވައިގެ ދިފާއީ ނިޒާމުތައް މުޅިން ނައްތާލެވިފައިވާ ކަމަށް ވިދާޅުވިއެވެ. މިފަދަ ދަނޑިވަޅެއްގައި ހަނގުރާމަ ހުއްޓާލައިފިނަމަ، ލިބުނު ފުރިހަމަ ކާމިޔާބީ ނާކާމިޔާބީއަކަށް ބަދަލުވާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވިއެވެ.
އެމެރިކާއަށް ބޭނުންވި ކޮންމެ ވަގުތެއްގައިވެސް މި ހަނގުރާމަ ނިންމާލުމުގެ ގާބިލުކަން އެބަހުރި ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. ނަމަވެސް، ކުރިއަށް އޮތް މަސްތަކުގައި އަސްކަރީ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ބަޖެޓު ޖެނުއަރީ މަހުގެ ނިޔަލަށް ކަށަވަރުވެފައިވާ ކަމަށް ވިދާޅުވިއެވެ.
އީރާނުގެ ވެރިކަން ބަދަލުކުރުމަކީ އިސްރާއީލުން ބޭނުންވާ ގޮތް ކަމުގައިވީ ނަމަވެސް، އެއީ އެމެރިކާގެ އަމާޒެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. އެމެރިކާގެ ހަމައެކަނި ބޭނުމަކީ އީރާނުން ނިއުކްލިއަ ހަތިޔާރު އުފެއްދިޔަނުދިނުން ކަމަށްވެސް ފާހަގަކުރެއްވިއެވެ.
މި ހަނގުރާމަޔާ ގުޅިގެން އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތެރޭގައި ހިޔާލުތަފާތުވުންތައް ބޮޑުވެފައިވާއިރު، ޑިމޮކްރޭޓުން ދަނީ ހަނގުރާމައަށް ކުރާ ހަރަދުތައް ހުއްޓުވުމަށް ގާނޫނީގޮތުން ކުރެވެން ހުރި މަސައްކަތްތައް ކުރުމަށް ތައްޔާރުވަމުންނެވެ. މީގެ އިތުރުން ހޮރްމުޒް ކަނޑުއޮޅީގެ ސަރަހައްދުގައި އުފެދިފައިވާ ނުތަނަވަސްކަމާއި ތެޔޮ އުފުލާ އުޅަނދުފަހަރަށް ލިބެމުންދާ ގެއްލުންތަކުގެ ސަބަބުން ބައިނަލްއަގުވާމީ މަޝްރަހު ވަނީ އިތުރަށް ގޯސްވެފައެވެ.
ކޮމެންޓް