ވޯލްޑް ކަޕް 2026 ގައި ވާދަކުރާ އީރާން ޓީމުގެ ދަތުރުފަތުރާ ގުޅޭގޮތުން އަޅާފައިވާ ފިޔަވަޅުތަކާ މެދު ހިތްހަމަނުޖެހިގެން ފީފާއަށް މައްސަލަ ހުށަހަޅާނެ ކަމަށް އެ ޓީމުން ބުނެފައިވީ ނަމަވެސް، މިހާރު އޮތް ޕްލޭނާ އެއްގޮތަށް ފިިޔަވަޅުތައް ކުރިއަށްދާނެ ކަމަށް އެމެރިކާއިން ބުނެފިއެވެ.
ވޯލްޑް ކަޕަށް ކަނޑައަޅާފައިވާ ވައިޓް ހައުސް ޓާސްކް ފޯސްގެ އެގްޒެކެޓިވް ޑިރެކްޓަރު އެންޑްރޫ ޖިއުލިއާނީ، ރޮއިޓާސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އީރާނު ޓީމުގެ ދަތުރުފަތުރުގެ ކަންކަން އެމެރިކާއިން މެދުކެނޑުމެއްނެތި ބަލަމުންގެންދާނެ ކަމަށެވެ.
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އީރާނާ ދެމެދު ފެށުނު ހަނގުރާމައާ ގުޅިގެން، އެކަމުގެ އުނދަގޫތަކާ މި ވޯލްޑް ކަޕްގައި އީރާން ޓީމަށް ވަނީ ކުރިމަތިވެފައެވެ. އީރާނުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވަނީ، މެޗު ކުޅޭތަނަށް އެ ޓީމަށް ދަތުރުކުރެވެނީ މެޗު ފެށުމުގެ 24 ގަޑިއިރު ކުރިން ކަމަށްވުމާއި، ކޮންމެ މެޗަކަށްފަހު ސީދާ މެކްސިކޯގެ ޓިޖުއާނާގައި ހުންނަ އެ ޓީމުގެ ޓްރޭނިން ބޭސްއަށް އެނބުރި ދާންޖެހޭ ގޮތަށް އޮންނަ އުސޫލާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އީރާނުގެ ކޯޗު އާމިރު ގަލެނޯއީ ބުނެފައިވަނީ އޭނާގެ ޓީމަކީ މުޅި ވޯލްޑް ކަޕްގައިވެސް "އެންމެ ބޮޑަށް އަނިޔާވެރިކަމާ ކުރިމަތިލާން ޖެހިފައިވާ ޓީމު" ކަމަށެވެ.
ނަމަވެސް ޖިއުލިއާނީ ވަނީ މި ފިޔަވަޅުތައް ދިފާއުކުރައްވައި ވާހަކަދައްކަވައިފައެވެ. އޭނާ ވިދާޅުވީ، ކަންކަން އޮތް ހާލަތު ބަދަލުވަމުންދާ ކަމަށާއި މިހާރުވެސް ޕްލޭނެއް އެކުލަވާލެވިފައިވާ ކަމަށެވެ.
މުބާރާތުގެ ކުރިން އީރާނުގެ ޓްރޭނިން ބޭސް ޓޫސޯން އިން ޓިޖުއާނާއަށް ބަދަލުކުރުމުގެ ސަބަބުން އެ ޓީމުގެ ދަތުރުތަކަށް ހޭދަވާ ވަގުތު ވަނީ ކުޑަވެފައެވެ. ބެލްޖިއަމްއާ ދެކޮޅަށް ކުޅޭ މެޗަށްފަހު 27 މިނެޓުގެ ފްލައިޓެއްގައި އެނބުރި ޓިޖުއާނާއަށް ދެވޭނެކަން ޖިއުލިއާނީ ފާހަގަކުރެއްވިއެވެ. އަދި މިސްރާ ދެކޮޅަށް ކުޅޭ ގްރޫޕުގެ ފަހު މެޗުގެ ކަންކަން ކުރިއަށްގެންދާނެ ގޮތަކާ މެދު، ބެލްޖިއަމް މެޗަށްފަހު މަޝްވަރާކުރާނެ ކަމަށްވެސް ޖިއުލިއާނީ ވިދާޅުވިއެވެ.
ވިސާގެ މައްސަލަތަކާ ގުޅޭގޮތުން ޖިއުލިއާނީ ވިދާޅުވީ، އީރާނުގެ ހުރިހާ ކުޅުންތެރިންނާއި ކޯޗުންނަށް ވިސާ ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓީމުގެ ބައެއް އޮފިޝަލުންނަށް ވިސާ ދޫނުކުރީ އެ މީހުންނާ ގުޅޭ ނޭދެވޭ މައުލޫމާތުތަކެއް ލިބިފައިވުމުން ކަމަށާއި މިއީ ހިފަހައްޓަންޖެހޭ ބެލެންސެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެމެރިކާގެ އެންމެ ބޮޑު އަމާޒަކީ އެ ގައުމުގެ ރައްޔިތުންނާއި ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ބައިނަލްއަގުވާމީ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުން ކަމަށް ޖިއުލިއާނީ ފާހަގަކުރެއްވިއެވެ. މުބާރާތަށް އަމާޒުކޮށް އެއްވެސް ނުރައްކާތެރި ހަމަލާއެއްގެ އިންޒާރު ލިބިފައިނުވި ނަމަވެސް، މިއަހަރު ފެށުނީއްސުރެ އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން މިކަމަށް ދޭ ސަމާލުކަން ތިންގުނަ އިތުރުކޮށްފައިވާ ކަމަށާއި، ކޮންމެ ގަޑިއިރަކު އެއްފަހަރު މިކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވޯލްޑް ކަޕް "ގްރޫޕު ޖީ" ގައި އީރާނުން ބެލްޖިއަމްއާ ދެކޮޅަށް ނުކުންނާނީ މިރޭ 12:00 ގައެވެ. އީރާނުން ކުޅުނު ފުރަތަމަ މެޗުގައި ނިއު ޒިލޭންޑް އަތުން 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވާ އިރު، ބެލްޖިއަމް ކުޅުނު ފުރަތަމަ މެޗުގައި މިސްރު އަތުން 1-1 ގެ ނަތީޖާއަކުން ވަނީ އެއްވަރުވެފައެވެ. އެހެންކަމުން ކުރިއަށް ހުރި މެޗުތަކަކީ ގްރޫޕުގައި ހިމެނޭ ހުރިހާ ޓީމަކަށް ވެސް މުހިންމު މެޗުތަކެކެވެ.
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ކޮމެންޓް