މެދުއިރުމަތީގެ ހަމަލާތައް މެދުކަނޑާލުމަށް އެމެރިކާއާއެކު ވެފައިވާ އެއްބަސްވުން ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް އީރާނުގެ ހާއްސަ މަންދޫބުންގެ ޓީމެއް މިއަދު ސްވިޓްޒަލޭންޑަށް ފުރައިފިއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ދަތުރުގެ މައިގަނޑު ބޭނުމަކީ ދާދި ފަހުން އެމެރިކާއާއެކު ވެފައިވާ ފަހުމުނާމާގެ ދަށުން ފުރިހަމަކުރަން ޖެހޭ ކަންކަން ތަންފީޒުކުރުމާ ގުޅޭގޮތުން އެމެރިކާގެ އޮފިޝަލުންނާ ބައްދަލުކޮށް މަޝްވަރާކުރުމެވެ.
އީރާނުގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަގާއީ ވިދާޅުވި ގޮތުގައި، ސްވިޓްޒަލޭންޑުގައި ބާއްވާ ބައްދަލުވުންތަކުގައި އެމެރިކާއިން އެއްބަސްވެފައިވާ ކަންކަން ފުރިހަމަކުރުމަށް އީރާނުން ބާރުއަޅާނެއެވެ. އަދި އެއްބަސްވުމުގެ ކުޑަ މިންވަރަކަށް އަމަލުނުކުރި ނަމަވެސް، މުޅި އެއްބަސްވުމަށް ހުރަސްއެޅިދާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.
ސްވިޓްޒަލޭންޑުގެ ބަރގެންސްޓޮކް ރިސޯޓުގައި ކުރިއަށްދާ މި މަޝްވަރާތަކަށް އެމެރިކާގެ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އާއި ޖެރެޑް ކުޝްނަރ މިހާރު ވަނީ ވަޑައިގެންފައެވެ. މީގެ އިތުރުން، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް އާއި އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވެސް މި މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
ސްވިޓްޒަލޭންޑުގެ ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ވެފައިވާ ފަހުމުނާމާ ތަންފީޒުކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ރައްކާތެރި އަދި އިތުބާރުހުރި މާހައުލެއް އެ ގައުމުން ފޯރުކޮށްދެމުންދާ ކަމަށެވެ. ނަމަވެސް، ސިއްރު ހިފެހެއްޓުމުގެ ގޮތުން މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކާއި މަޝްވަރާކުރެވޭ ކަންކަމުގެ ތަފުސީލު ހާމަކުރެވެން ނެތް ކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.
މި މަޝްވަރާތައް ފުރަތަމަ ތާވަލުކޮށްފައި އޮތީ ހުކުރު ދުވަހަށެވެ. ނަމަވެސް، ލުބުނާނުގައި ހިނގަމުންދިޔަ ހަމަލާތަކާ ގުޅިގެން މަޝްވަރާތައް ފަސްކުރެވުނު ކަމަށާއި، އަލުން މަޝްވަރާތައް ފެށުމަށް މަގުފަހިވީ ލުބުނާނުގައި ހަމަލާތައް މެދުކަނޑާލުމަށް އެއްބަސްވުމުން ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
އިރާން
އިރާން
އިރާން
އިރާން
ކޮމެންޓް