އެމެރިކާއާއި އީރާނާ ދެމެދު ކުރިއަށްދާ ސިޔާސީ މަޝްވަރާތައް އިތުރަށް ބުރަވަމުންދާކަން ފާހަގަކޮށް، މައްސަލަ ހައްލުކުރުމަށް ބާރުގެ ބޭނުން ނުކުރުމަށް ޗައިނާއިން ގޮވާލައިފިއެވެ.

ޗައިނާގެ ހާރިޖީ ވަޒީރު ވާންގް ޔީ، ޕާކިސްތާނުގެ ނައިބު ބޮޑުވަޒީރު އަދި ހާރިޖީ ވަޒީރު މުހައްމަދު އިސްހާގް ދާރްއާ ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، މިހާރުގެ ހާލަތު އޮތްގޮތުން ދެ ފަރާތުން ވެސް މަޝްވަރާގެ މޭޒުގައި ދެމިތިބުން މުހިންމެވެ.

“ފަހަތަށް ޖެހުމެއް ނެތް. އަދި އަސްކަރީ ބާރުގެ ބޭނުންކުރުމަށް އެނބުރި ދިއުމަކީ އޮތް ގޮތެއް ނޫން،” ކަމަށް އޭނާ ވިދާޅުވި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވެއެވެ. މީގެ އިތުރުން، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމަށްޓަކައި މަޝްވަރާތަކުގައި ބައިވެރިވާ ފަރާތްތަކުން ދޫދިނުމަކީ މުހިންމު ކަމެއް ކަމަށް ވެސް ވާންގް ޔީ ފާހަގަކުރެއްވިއެވެ.

މި މަޝްވަރާތަކުގައި ޕާކިސްތާނުން އަދާކުރަމުން އަންނަނީ މެދުވެރިއެއްގެ ދައުރެވެ. ޗައިނާއިން ވަނީ ޕާކިސްތާނުގެ މި މަސައްކަތަށް ތައުރީފުކޮށް، މެދުއިރުމަތީގެ ސުލްހައަށް އެ ގައުމުން ކުރާ މަސައްކަތްތަކަށް ތާއީދުކުރާކަން ހާމަކޮށްފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ ފީލްޑް މާޝަލް އާސިމް މުނީރު ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުގައި ވެސް ވަނީ މި މަޝްވަރާތަކުގެ އެންމެ ފަހުގެ މައުލޫމާތު ޗައިނާއާ ހިއްސާކުރައްވައިފައެވެ.

މޮޑަރން ޑިޕްލޮމަސީ ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޗައިނާއިން މި މައްސަލައިގައި އިސް ދައުރެއް އަދާކުރަނީ މެދުއިރުމަތީގައި އެމެރިކާގެ ނުފޫޒު ކުޑަކޮށް، ޗައިނާގެ އިގުތިސޯދީ މަސްލަހަތުތައް ހިމާޔަތްކުރުމަށެވެ. ހާއްސަކޮށް ހަކަތައިގެ ބާޒާރާއި ބައިނަލްއަގުވާމީ ވިޔަފާރީގެ މަގުތައް ރައްކާތެރިކުރުމަކީ ޗައިނާގެ މައިގަނޑު އެއް އަމާޒު ކަމަށް ރިޕޯޓުތަކުގައި ބުނެފައިވެއެވެ.

އެމެރިކާއާއި އީރާނާ ދެމެދު ސުލްހައިގެ އެއްބަސްވުމެއްގެ ފުރަތަމަ މަރުހަލާއަށް މިހާރު ވަނީ ވާސިލުވެފައެވެ. ނަމަވެސް، މި އެއްބަސްވުން ފުރިހަމަކުރުމަށްޓަކައި އަދިވެސް ގިނަ ގޮންޖެހުންތަކެއް ހުރިކަން ޗައިނާގެ އޮފިޝަލުން ފާހަގަކުރައްވައެވެ. ޗައިނާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ލިން ޖިއާން ވިދާޅުވި ގޮތުގައި، ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ޗައިނާއިން އުންމީދުކުރެއެވެ.