ރާއްޖޭގެ ސިއްހީ ދާއިރާގެ އިސް ވަފުދެއް ޗައިނާގެ ސިޗުއާންއަށް މިއަދު ފުރައިފިއެވެ.
މިކަން ހާމަކުރައްވައި ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ކޮންގް ޝިއުންހުއާ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި ވަފުދުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރާ މި ދަތުރުގައި ބައިވެރިވާ ވަފުދުގައި ހެލްތު މިނިސްޓްރީގެ އިތުރުން ސިއްހީ ދާއިރާގެ މުހިންމު މުއައްސަސާތަކުގެ މަންދޫބުން ހިމެނެއެވެ. އޭގެ ތެރޭގައި މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް (އެމްއެމްޑީސީ) އާއި މޯލްޑިވްސް ނާސިން އެންޑް މިޑްވައިފަރީ ކައުންސިލް (އެމްއެންއެމްސީ) ގެ އިތުރުން އައިޖީއެމްއެޗް، ހުޅުމާލެ ހޮސްޕިޓަލް އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ މަންދޫބުން ހިމެނެއެވެ.
މި ދަތުރުގެ ތެރެއިން ސިޗުއާންގެ މަޝްހޫރު ހޮސްޕިޓަލްތަކަށާއި، މެޑިކަލް ސްކޫލްތަކުގެ އިތުރުން ބޭސް އުފައްދާ ކުންފުނިތަކަށް ޒިޔާރަތްކޮށް، ކަމާގުޅޭ އިދާރާތަކާ ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.
ސަފީރު ކޮންގް ޝިއުންހުއާ ވިދާޅުވި ގޮތުގައި، މި ދަތުރުގެ ސަބަބުން ސިޗުއާންގެ ސިއްހީ އިދާރާތަކާއި ރާއްޖޭގެ ވަފުދާ ދެމެދު ގުޅުން ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވައެވެ. އަދި ޗައިނާގެ ސިއްހީ ހިދުމަތްތަކާއި، މީހުން ބިނާކުރުމާއި، ގާބިލުކަން އިތުރުކުރުމުގެ އިތުރުން ބޭހާއި ސިއްހީ އާލާތްތަކާ ގުޅޭގޮތުން ޗައިނާގެ ތަޖުރިބާ ދިވެހި ވަފުދަށް އެނގިގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އެކި ފެންވަރުގައި ދެމެހެއްޓެނިވި ގޮތެއްގައި ގުޅިގެން މަސައްކަތްކުރެވޭނެ ގޮތްތައް ހޯދުމަށް މި ދަތުރުން މަގުފަހިވާނެ ކަމަށްވެސް ސަފީރުގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ. ސަފީރު ވަނީ ރާއްޖޭގެ ވަފުދުގެ މި ދަތުރަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.
ޗައިނާ
ޗައިނާ
ޗައިނާ
ޗައިނާ
ކޮމެންޓް