ވޯލްޑް ކަޕް 2026 ގައި ފަހުވަގުތު ޖަޕާނުން ނެދަލެންޑްސް ހިފަހައްޓައިފިއެވެ.

ޔޯހަން ކްރައިފް ފަދަ ކުޅުންތެރިން "ޓޯޓަލް ފުޓްބޯލް" ފަދަ ޒަމާނީ ބަދަލުތަކުން ނެދަލޭންޑްސް ފާހަގަކޮށްލެވުނު ނަމަވެސް، މިހާތަނަށް ވޯލްޑް ކަޕް ތަށްޓެއް ހޯދިފައެއް ނުވުއެވެ. 12 ވަނަ ވޯލްޑް ކަޕަށް ނުކުތް ނެދަލޭންޑްސްއިން ތިން ފަހަރެއްގައި ވޯލްޑް ކަޕް ފައިނަލްގައި ކުޅުނެވެ.

ވޯލްޑް ކަޕް 2010 އަދި ވޯލްޑް ކަޕް 2014 ގައި ނެދަލެންޑްސް ތަފާތު ދެއްކިއެވެ. 2010 ވަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވީ ހިތްދަތިކޮށެވެ. ބްރެޒިލުގައި 2014 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕުގެވެސް ތިންވަނަ ހޯދައިފައިވެއެވެ. އެންމެ ފަހުން ގަތަރުގައި ބޭއްވި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުން ނެދަލޭންޑް ކެޓީ ކުއާޓާ ފައިނަލުންނެވެ.

ޖަޕާނަށް ފީފާގެ މެންބަރުކަން ލިބުނީ 1929 ވަނަ އަހަރުއެވެ. 1980 ގެ ފަހުކޮޅާ ހަމައަށް ޖަޕާނުގެ ފުޓުބޯޅަ އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައެވެ. އެގައުމުގެ ފުޓުބޯޅަ ޕްރޮފެޝަނަލްވެ އަސްލު ސްޕީޑުގައި ހިނގައިގަތީ 1990 އަށް ފަހުގައެވެ. އެގައުމުގެ ލީގު ޕްރޮފެޝަނަލްވެ، ފުޓުބޯޅައަށް އައި ބަދަލާއެކު އޭޝިއާގެ އެންމެ އުހަށް ޖެހިލިއެވެ.

އެންމެފަހުގެ ހަ ވޯލްޑް ކަޕުގައިވެސް ޖަޕާނުން ކުޅެފައިވެއެވެ. އެގައުމުން ވަނީ ހަތަރު ފަހަރު އޭޝިއަން ކަޕް ކާމިޔާބުކޮށް ރެކޯޑު ހަދާފައެވެ. ޖަޕާނުން ފުޓުބޯޅައަށް، ކުއްލިއަކަށް ގެނައި ހެޔޮ ބަދަލާއެކު ސަރަހައްދީ ވާދަވެރިން ފަހަތަށް ޖައްސާލިއެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2010 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ އިތުރުން ރަޝިއާގައި ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ގަދަ 16 އަށް ޖަޕާނު ދަތުރު ކުރިއެވެ.

ޖަޕާނުގެ ތަރިން ޔޫރަޕުންވެސް ފާހަގަވެގެންދާ އިރު، ކޮލިފިކޭޝަންގެ ބޮޑުބައެއްގައިވެސް ބަލިނުވެ ހިފަހައްޓާލިއެވެ. ޖަޕާން ކޮލިފިކޭޝަންގައި ބަލިވީ އެންމެ މެޗަކުންނެވެ. އަދި ކޮޅަށް ވަނީ އެންމެ ތިން ގޯލެވެ. ކޮލިފިކޭޝަން ޔަގީންކުރުމާ ހަމައަށް ޖަޕާނުން ކޮޅަށް ގޯލެއް ވަނަދުނީ ހިފެހެއްޓިއެވެ.

އެމެރިކާގެ ޑެލަސް ސްޓޭޑިއަމްގައި މިރޭ ކުޅުނު "ގްރޫޕު އެފް" ގައި ނެދަލެންޑްސް އާއި ޖަޕާން ބައްދަލުކުރި މެޗު ނިމިގެންދިޔައީ 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މިރޭގެ މެޗަށް ނެދަލެންޑްސް ނުކުތީ ކުރިން ބޮޑެތި މުބާރާތްތަކުގައި ފުރަތަަމަ 11 އިން ފެނުނު މެމްފިސް ޑިޕާއީ އާއި ނޭތަން އަކޭ ނުހިމަނައެވެ. ނަމަވެސް ކެޕްޓަން ވާޖިލް ވެން ޑައިކްއާއެކު ނެދަލެންޑްސް އިން ނެރުނީ ވަރުގަދަ ފުރަތަމަ 11 އެކެވެ.

ޖަޕާނުން ވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑަށް ކުޅޭ އެޓީމުގެ ތަރި ޓަކެފޫސޯ ކޫބޯ، ފުރަތަމަ 11 ގައި ހިމަނައިފައެވެ. އޭގެ އިތުރުން ބަޔާން މިއުނިކަށް ކުޅޭ ޑިފެންޑަރު ހިރޯކީ އިޓޯ އާއި ކްރިސްޓަލް ޕެލަސްއަށް ކުޅޭ ޑައިޗީ ކަމަޑާ އަދި ފްރެންކްފާޓްއަށް ކުޅޭ ރިޓްސޫ ޑޮއޭން ވެސް ފުރަތަމަ 11 އިން ފެނުނެވެ. ޖަޕާނަށް އެންމެ އުނދަގޫތަކެއް ކުރިމަތިވީ ވޯލްޑް ކަޕްގެ ކުރިން، ކެޕްޓަން ވަޓަރޫ އެންޑޯއަށް އަނިޔާވުމާ ގުޅިގެން މުބާރާތް ގެއްލުމެވެ. އެއާއެކު ލިވަޕޫލަށް ކުޅޭ އެންޑޯ ވަނީ ގައުމީ ޓީމުން ރިޓަޔާ ވެސް ކޮށްފައެވެ.

މެޗުގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ނެދަލެންޑުން ވަނީ ގޯލު ޖަހާނެ ރަނގަޅު ފުރުސަތެއް ތަނަވަސްކޮށްފައެވެ، ކޯޑީ ގަކްޕޯ ދިން ބޯޅަައެއް ކޮންޓްރޯލުކޮށްލުމަށްފަހު އެނބުރިލާފައި ޑޮންޔެލް މާލެން ފޮނުވާލި ހަމަލާ، ޖަޕާންގެ ކީޕަރު ޒިއޯން ސުޒޫކީ ވަނީ މަތަކޮށްފައެވެ.

މެޗުގެ ކުރީކޮޅުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ނެދަލެންޑްސް އިން ޖަޕާންގެ ޕެނަލްޓީ އޭރިއާ ތެރެއިން ފުރުސަތުތައް ތަނަވަސްކުރުމަށް މަސައްކަތްކުރަމުންދިޔަ އިރު، ޖަޕާނުން މަސައްކަތްކުރި އަރިމަތިން ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ހުރަސްތައް ނަގައިގެން ނުރައްކާކުރުމަށެވެ.

ފަހަތަށް ފައިބައިގެން ޑިފެންސް ކުރުމަށްފަހު ލިބޭ ފުރުސަތުތަކުގައި ޖަޕާނުން ދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ޖަޕާންގެ ހަމަލާއެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އިޓޯ ފޮނުވާލި ހަމަލާ ނެދަލެންޑްސްގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 34 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޓިޖާނީ ރައިޑާސް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ މާލެން ބޮލުން ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ. އޭގެ މާގިނައިރުތަކެއް ނުވެ ޕެނަލްޓީ އޭރިއާ ތެރެއިން ނެދަލެންޑްސްގެ ގަކްޕޯއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ޖަޕާން ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް، ޖަޕާނަށް ހުސް ފުރުސަތެއް ލިބިގެންދިޔައެެވެ. ޕެނަލްޓީ އޭރިއާ ތެރޭ ހުސްކޮށް ހުރެ ކެއިޓޯ ނަކަމޫރާ ފޮނުވާލި ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އޭގެ އިރުކޮޅެއް ފަހުން ޕެނަލްޓީ އޭރިއާ ތެރެއިން ޖަޕާންގެ އަޔާސޭ ޔުއޭޑާ ފޮނުވާލި ހަމަލާ ވެސް ނެދަލެންޑްސް ގޯލާ އަމާޒުވެފައެއް ނުވެއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ.

ނެދަލޭންޑްސްގެ ކެޕްޓަން ވެން ޑައިކް ގޯލް ޖެހުމަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

މެޗުގެ 51 ވަނަ މިނެޓުގައި ނެދަލެންޑްސް އިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ރަޔަން ގްރެވެންބާކް ނަގައިދިން ހުރަހަކުން ޕެނަލްޓީ އޭރިއާ ތެރޭ ވަރަށް ހުސްކޮށް ހުރެ ބޮލުން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން ވާޖިލް ވެން ޑައިކްއެވެ. މިއީ ނެދަލެންޑްސްގެ ޖާޒީގައި ވެން ޑައިކް ކާމިޔާބުކުރި 13 ވަނަ ގޯލެވެ.

އޭގެ ފަސް މިނެޓުތެރޭ ޖަޕާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ކޫބޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޖަޕާނަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެއިޓޯ ނަކަމޫރާއެވެ. އޭނާ ބޯޅަ އަމާޒުކޮށްލީ ނެދަލެންޑްސް ގޯލުުގެ ތިރީ ކަނަކަށެވެ.

މެޗުގެ 64 ވަނަ މިނެޓުގައި ނެދަލެންޑްސްއިން ވަނީ ގޯލެއް ޖަހައި އަލުން ލީޑު ހޯދައިފައެވެ. ގްރެވެންބާކް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާއަކުން ނެދަލެންޑްސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކްރިސެންސިއޯ ސަމާވިލްއެވެ. އޭނާ ފޮނުވާލި ބޯޅަ، ޖަޕާންގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައެވެ. މިއީ ނެދަލެންޑްސްގެ ޖާޒީގައި ސަމާވިލްް ކާމިޔާބުކުރި ފުރަތަަމަ ގޯލެވެ.

މެޗުގެ 66 ވަނަ މިނެޓުގައި ޖަޕާނުގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކޫބޯ ފޮނުވާލި ބާރު ހަމަލާ ދިޔައީ ނެދަލެންޑްސް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ޑިޕާއީ އާއި ޓެއުން ކޫޕްމައިނާސް ކުޅެން ނުކުތުމާއެކު ނެދަލެންޑްސްގެ އެޓޭކް އިތުރަށް ވަރުގަދަވެގެންދިޔައެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ނުރައްކަލެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު ގަކްޕޯ ފޮނުވާލި ހަމަލާ، ޖަޕާން ކީޕަރު ސުޒޫކީ ވަނީ މަތަކޮށްފައެވެ.

ޖަޕާނުން ކުރިއަށްޖެހި ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތްތަކެއް ކުރަމުންދިޔައެވެ. އެގޮތުން މެޗުގެ 79 ވަނަ މިނެޓުގައި ޖަޕާނަށް ފުރުސަތެއް ލިބިގެންދިޔައެވެ. ޖުންޔާ އިޓޯ ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ކޮކީ އޮގަވާ ފޮނުވާލި ހަމަލާ އަމާޒުވީ ނެދަލެންޑްސް ކީޕަރު ބާޓް ވާބްރުގެންއާ ދިމާއަށެވެ.

މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ޖަޕާނުން ވަނީ ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. ޖުންޔޯ އިޓޯ ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ކޮކީ އޮގަވާ ބޮލުން ފޮނުވާލި ހަމަލާ، ނެދަލެންޑްސްގެ ގޯލުގެ ތެރެއަށް ވަދެފައިވަނީ ޑައިޗީ ކަމަޑާގެ ގައިގައި ޖެހިފައެވެ. އެހެންކަމުން އެ ގޯލަކީ ޖަޕާންގެ ކަމަޑާގެ ގޯލެއް ކަމަށް ވަނީ ނިންމައިފައެވެ.

މި ގްރޫޕުގައި ނެދަލެންޑްސް އާއި ޖަޕާނުގެ އިތުރުން ދެން ހިމެނެނީ ސްވިޑެން އާއި ޓިއުނީޝިއާއެވެ. އެ ދެ ޓީމު ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހެނދުނު 7:00 ގައެވެ.