ފީފާ ވޯލްޑް ކަޕް 2026 ގައި ވަރުގަދަ ޑިފެންސިވް ކުޅުމަކާއެކު އޮސްޓްރޭލިއާއިން ތުރުކީ މާޔޫސްކޮށްލައިފިއެވެ.

މިއީ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއިން ވާދަކުރާ ހަތްވަނަ ފަހަރެވެ. އެޓީމުން ވަނީ ވޯލްޑް ކަޕް 2006 އަދި އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕް 2022 ގެ ގަދަ 16 އާ ހިސާބަށް ދަތުރުކޮށްފައެވެ. އެއީ ވޯލްޑް ކަޕްގައި އޮސްޓްރޭލިއާއިން ހޯދި އެންމެ ރަނގަޅު ނަތީޖާތަކެވެ.

މިއީ ތުރުކީން ވޯލްޑް ކަޕްގައި ވާދަކުރާ ތިންވަނަ ފަހަރެވެ. ވޯލްޑް ކަޕްގައި ތުރުކީން ހޯދި އެންމެ ބޮޑު ކާމިޔާބަކީ ވޯލްޑް ކަޕް 2002 ގެ ތިންވަނަ ހޯދުމެވެ. އެ ވޯލްޑް ކަޕަށްފަހު މިއީ ތުރުކީން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

މިއީ ވޯލްޑް ކަޕްގެ މެޗެއްގައި އޮސްޓްރޭލިއާ އާއި ތުރުކީ ބައްދަލުކުރާ ފުރަތަމަ މެޗު ކަމަށްވީ ނަމަވެސް، މީގެ ކުރިން ތިން މެޗެއްގައި ދެ ޓީމު ވަނީ ބައްދަލުކޮށްފައެވެ. އެ ތިން މެޗުގެ ތެރެއިން 2005 ގެ ފީފާ ކޮންފެޑެރޭޝަން ކަޕްގެ މެޗުގައި 2-0 ގެ ނަތީޖާއަކުން ތުރުކީ މޮޅުވި އިރު، 2010 ގައި ކުޅުނު އެކުވެރިކަމުގެ މެޗު ނިމިގެންދިޔައީ 0-0 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ. އަދި އެންމެ ފަހުން 2013 ގައި ކުޅުނު އެކުވެރިކަމުގެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އޮސްޓްރޭލިއާ އިންނެވެ.

ކެނެޑާގެ ވެންކޫވާގެ ބީސީ ޕްލޭސްގައި މިއަދު ހެނދުނު ކުޅުނު "ގްރޫޕު ޑީ"ގެ މެޗުގައި ތުރުކީގެ މައްޗަށް އޮސްޓްރޭލިއާއިން ކުރި ހޯދީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅުގައި ތުރުކީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެގޮތުން ތުރުކީގެ ކެޕްޓަން އަދި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ ހަކާން ޗަލަނޯލޫ އާއި ޒުވާން ތަރި އާދާ ގުލާގެ ނުރައްކާ ފާހަގަކޮށްލެވުނެވެ. އެ ދެ ކުޅުންތެރިންގެ ހަމަލާއެއް ފެނުނު ނަމަވެސް، އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާވެފައެއް ނުވެއެވެ.

ތުރުކީން މެދުތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ނުރައްކާކުރުމަށް މަސައްކަތްކޮށްފައިވާ އިރު، އޮސްްޓްރޭލިއާއިން މަސައްކަތްކުރީ ކައުންޓާ އެޓޭކުގައި ނުރައްކާކުރުމަށެވެ. އޭގެ އިތުރުން ކޯނަރުތަކުން ނުރައްކާކުރުމަށް ވެސް އޮސްޓްރޭލިއާއިން މަސައްކަތްކުރިއެވެ.

ގިނަ މަސައްކަތްތަކަކަށްފަހު ތުރުކީއަށް މެޗުގެ 18 ވަނަ މިނެޓުގައި ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ފެރްދީ ކަޑިއޯލޫ ފޮނުވާލި އެ ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ. އޮސްޓްރޭލިއާއިން ބޮޑަށް ފަހަތަށް ޖެހިގެން ކުޅެމުންދިއުމާ ގުޅިގެން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރުމަށް ތުރުކީއަށް އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

މެޗުގެ 27 ވަނަ މިނެޓުގައި އޮސްޓްރޭލިއާއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ކައުންޓާ އެޓޭކެއްގައި ލިބުނު ބޯޅައެއް ހިފައިގެން ތުރުކީ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަކަށް އަމާޒުކޮށްލައިގެން އޮސްޓްރޭލިއާއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނެސްޓޮރީ އިރަންކުންޑާއެވެ. އޭގެ ކުރިން ތުރުކީގެ ގުލާއަށް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާގެ ހަމަލާ އަމާޒުވީ އޮސްޓްރޭލިއާ ކީޕަރު ޕެޓްރިކް ބީޗްއާ ދިމާއަށެވެ.

މެޗުގެ 29 ވަނަ މިނެޓުގައި ތުރުކީއަށް ނަތީޖާ ހަމަހަމަކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން އަބްދުލްކަރީމް ބަރްޑަކްޗީ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު ބީޗް އަތުގައި ޖެހިފައި އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

އޮސްޓްރޭލިއާގެ މުޅި ޓީމު ފަހަތަށް ޖެހިގެން ޑިފެންސަށް ހާއްސަ ސަމާލުކަމެއް ދީގެން ކުޅެމުންދިއުމާ ގުޅިގެން ތުރުކީން ނުރައްކާކުރަން ޖެހުނީ ޕެނަލްޓީ އޭރިއާ ބޭރުންނެވެ. އެގޮތުން ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް، ޕެނަލްޓީ އޭރިއާ ބޭރުން ގުލާ ފޮނުވާލި ބާރު ހަމަލާ ފާހަގަކޮށްލެވެއެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އޮސްޓްރޭލިއާއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، އޮސްޓްރޭލިއާގެ އިރަންކުންޑާ ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ކީޕަރު އުރްޗާން ޗަކީރްއާ ދިމާއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އޮސްޓްރޭލިއާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގެ ފުރަތަަމަ ފަސް މިނެޓުގެ ތެރޭގައި ވެސް ތުރުކީގެ ނުރައްކާ ފެނިގެންދިޔައެވެ. އެގޮތުން ޕެނަލްޓީ އޭރިއާ ބޭރުން ތުރުކީގެ ޔުކްސެކް ފޮނުވާލި ބާރު ހަމަލާ، އޮސްޓްރޭލިއާގެ އެލެސަންޑްރޯ ސިރްސާޓީ ވަނީ ބްލޮކްކޮށްފައެވެ.

މެޗުގެ 53 ވަނަ މިނެޓުގައި އޮސްޓްރޭލިއާއަށް ލިބުނު ކޯނަރަކުން ވަނީ ނުރައްކާކޮށްފައެވެ. އައިޑެން އޯނީލް ނަގައިދިން ކޯނަރަކުން ޕެނަލްޓީ އޭރިއާ ތެރޭ ހުރެ އޮސްޓްރޭލިއާ ޑިފެންޑަރު ސޫޓާ ބޮލުން ފޮނުވާލި ހަމަލާ، ތުރުކީގެ ކީޕަރު ޗަކީރް ވަނީ މަތަކޮށްފައެވެ.

މެޗުގެ 56 ވަނަ މިނެޓުގައި ތުރުކީގެ ޒުވާން ތަރި ގުލާގެ ނުރައްކާތެރި ހިލޭ ޖެހުމެއް ފެނިގެންދިޔައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ގުލާ ފޮނުވާލި ބޯޅަ، ގޯލުގެ ތިރީ ކަނަކަށް އަމާޒުވާން ދަނިކޮށް، އޮސްޓްރޭލިއާގެ ކީޕަރު ބީޗް ވަނީ މަތަކޮށްފައެވެ.

މެޗުގެ 60 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ދެ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށްފަހު، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ތުރުކީގެ ބަދަލު ކުޅުންތެރިޔާ ކެނާން ޔިލްޑީޒް ހަމަލާއެއް ފޮނުވާލިއެވެ. އެ ހަމަލާ ވެސް ވަނީ ބްލޮކްވެފައެވެ. އޭގެ ފަހުން ޔިލްޑީޒް ފޮނުވާލި ދެ ހަމަލާއެއް ވަނީ ބްލޮކްވެފައެވެ.

ދެވަނަ ހާފުގެ ވެސް ގިނަ ވަގުތުތަކެއް އޮސްޓްރޭލިއާއިން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅެމުންދިއުމާ ގުޅިގެން ތުރުކީއަށް ގޯލަށް ނުރައްކާކުރުމަށް ގިނަ އުނދަގޫތަކަކާ ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ޔިލްޑީޒް ކުޅެން ނުކުތް ފަހުން ތުރުކީގެ ނުރައްކާ ވަނީ ބޮޑުވެފައެވެ.

މެޗުގެ 72 ވަނަ މިނެޓުގައި ތުރުކީއަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ. ޗަލަނޯލޫ ދިން ރީތި ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރޭ އަރިމަތިން ޗެލިކް ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު ބީޗް ވަނީ މަތަކޮށްފައެވެ.

އޭގެ ދެ މިނެޓު ފަހުން އޮސްޓްރޭލިއާއިން ވަނީ ލީޑު ފުޅާކޮށް، ތުރުކީގެ މަސައްކަތަށް އިތުރަށް ހުރަސް އަޅައިފައެވެ. ޕެނަލްޓީ އޭރިއާ ބޭރުން ކޮނާ މެޓްކާފް ފޮނުވާލި ހަމަލާ އަމާޒުވީ ތުރުކީ ގޯލުގެ ތިރީ ކަނަކަށެވެ.

މެޗުގެ 77 ވަނަ މިނެޓުގައި ތުރުކީއަށް ހުސް ފުރުސަތެއް ލިބިގެންދިޔައެވެ. މެރީހް ޑެމިރާލް ދިން ބޯޅައަކުން ޕެނަލްޓީ އޭރިއާ ތެރެއިން ތުރުކީގެ ކެރީމް އަކްތާކޯލޫ ފޮނުވާލި ހަމަލާ، އޮސްޓްރޭލިއާގެ ކީޕަރު ބީޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ވެސް ހިލޭ ޖެހުމަކުން ތުރުކީން ނުރައްކާކުރިއެވެ. ހިލޭ ޖެހުމުން ތުރުކީ ކެޕްޓަން ޗަލަނޯލޫ ފޮނުވާލި ބާރު ހަމަލާ ވެސް އޮސްޓްރޭލިއާގެ ކީޕަރު ބީޗް ވަނީ ހުޝިޔާރުކަމާއެކު މަތަކޮށްފައެވެ.

މި ގްރޫޕުގައި ކުޅުނު ފުރަތަަމަ މެޗުގައި އެމެރިކާއިން ވަނީ ޕެރަގުއާއީ ބަލިކޮށްފައެވެ. އެ މެޗުން އެމެރިކާ މޮޅުވީ 4-1 ގެ ނަތީޖާއަކުންނެވެ.