ފީފާ ވޯލްޑް ކަޕް ގްރޫޕް ބީގައި މިރޭ ގަތަރާއި ސްވިޒަލޭންޑް 1-1 އިން އެއްވަރުވެއްޖެއެވެ.

ސެން ފްރެންސިސްކޯގެ، ސެން ފްރެންސިސްކޯ ބޭ ސްޓޭޑިއަމްގައި ކުޅުނު ތަފާތު މެޗާއެކު ގްރޫޕް ބީ ވަނީ ހުރިހާ ގޮތަކުންވެސް އެއްވަރުވެފައެވެ. އެއީ ކުރިން އެ ގްރޫޕުގައި ކެނެޑާއާއި ބޮސްނިއާ ކުޅުނު މެޗުވެސް 1-1 އިން އެއްވަރުވުމުންނެވެ.

މެޗަށް ނުކުތްއިރުވެސް ސްވިޒަލޭންޑަކީ ފެވަރިޓުންނެވެ. ސްވިޒަލޭންޑަކީ ކޮލިފިކޭޝަން މެޗަކުން ބަލިނުވެ ވޯލްޑް ކަޕަށް ނުކުތް ޓީމެކެވެ. މިދިޔަ ހަ ވޯލްޑް ކަޕުންވެސް ފެނުނު ސްވިޒަލޭންޑުން 1954 ވަނަ އަހަރު ކުއާޓާ ފައިނަލަށް ދިޔަ ނަމަވެސް، އެންމެފަހު ހަތަރު ވޯލްޑް ކަޕްވެސް ނިންމާލަން ޖެހުނީ ގަދަ 16 އާ ހަމައިންނެވެ.

އެޓީމުން 72 އަހަރުފަހުން ވޯލްޑް ކަޕް ކުއާޓާއަށް ދާން ކުރާ މަސައްކަތުގައި މިރޭ ގަތަރާ ދެކޮޅަށް ނުކުތް އިރު، ގަތަރަކީ ވޯލްޑް ކަޕަށް މާ ފަރިތަ ގައުމެއް ނޫނެވެ. ޖެހިިޖެހިގެން ދެ ފަހަރަށް އޭޝިއާގެ ޗެމްޕިއަންކަން ނެގި ނަމަވެސް، މިއީ ގަތަރަށް ދެވަނަ ވޯލްޑް ކަޕެވެ. އެޓީމުން ފުރަތަމަ ވޯލްޑް ކަޕުގައި ކުޅުނީ 2022 ވަނަ އަހަރު އަމިއްލަ ގައުމުގައެވެ.

ގިނަ ބައެއްގެ އަންދާޒާއާ އެއްގޮތަށް މެޗުގެ ފުރަތަމަ ހާފު އެއްކޮށް ކޮންޓްރޯލް ކުރީ ސްވިޒަލޭންޑުންނެވެ. މަދު ފަހަރެއްގައި ނޫނީ ގަތަރަށް ހަނި ފުރުސަތެއްވެސް ދީފައެއް ނުވެއެެވެ. ދެވަނަ މިނެޓުގައި ބްރީލް އެމްބޯލޯގެ ނުރައްކަލާއެކު ސްވިޒަލޭންޑުން ކުރިއަށް ޖެހި، ގަތަރު ހާސްކޮށްލި އިރު، މަދު ފުރުސަތެއް ގަތަރަށް ތަނަވަސްވީވެސް ކައުންޓާގައެވެ.

އެގޮތުން މެނުއަލް އަކާންޖީގެ ގޯހަކުން އެޑްމިލްސަން ޖޫނިއާއަށް ލިބުނު ފުރުސަތު އޭނާ އަތުން ވީ ބޭކާރެވެ.

ފުރަތަމަ ހާފުގައި ގަތަރަށް އެންމެ މޮޅަށް ކުޅުނީ ކީޕަރު މަހްމޫދު އަބޫނާދާއެވެ. ހަވަނަ މިނެޓުގައި ގަތަރު ޑިފެންސް ތެރެއިން ދެމިގަނެ، ނޮޓިންހަމް ފޮރެސްޓަށް ކުޅޭ ޑޭން އެންޑޯއީ ފޮނުވާލި ބޯޅަވެސް އަބޫނާދާ މަތަކުރި އިރު، އޭގެފަހުން އެންޑޯއީއަށް ލިބުނު ހުސް ފުރުސަތުގައި އޭނާ ފޮނުވާލި ދިޔައީ މާ މަތިން ބޭރަށެވެ.

ދެފަޅިއަށް ކުޅޭ ޑިފެންޑަރުންވެސް ކުރިއަށް ޖެހި އެޓޭކިންގައި ބައިވެރިވަމުން ދިޔަ އިރު، ގަތަރަށް ދިޔައީ ޕްރެޝަރު ނުހިފެހެއްޓިގެންނެވެ. ފުރުސަތަކަށްފަހު ފުރުސަތެއް ލިބެމުން ގޮސް، 14 ވަނަ މިނެޓުގައި ސްވިޒަލޭންޑަށް ޕެނަލްޓީ ލިބުނެވެ.

އޭރިއާ ތެރެއަށް ދިޔަ ހުރަހަކަށް އަރަން އުޅުމުގައި ގަތަރު ކީޕަރު އަބޫނާދާ ކުރި ފައުލަށް ޕެނަލްޓީ ދިނީ ވީއޭއާރް ބަލައިފައެވެ. އެ ޕެނަލްޓީއާއެކު ސްވިޒަލޭންޑަށް ލީޑު ނަގައިދިނީ ބްރީލް އެމްބޯލޯއެވެ. އެއީ ވޯލްޑް ކަޕެއްގައި ސްވިޒަލޭންޑުން ކާމިޔާބުކުރި ފުރަތަމަ ޕެނަލްޓީއެވެ.

އެމްބޯލޯގެ ގޯލަށްފަހު އުފާފާޅުކުރަނީ --- ފޮޓޯ/ ގެޓީ

އޭގެފަހުންވެސް ސްވިޒަލޭންޑުން ދިޔައީ މަޑުޖެހިޔަ ނުދީ ހަމަލާތައް އުފައްދަމުންނެވެ. ޑެނިސް ޒަކަރިއްޔާއާއި އެންޑޯއީ އޭރިއާ ތެރެއިން ފޮނުވާލި ހަމަލާތައް އަބޫނާދާ މަތަކުރި އިރު، ހާފު ނިމެން ދަނިކޮށް ރުބެން ވާގަސް ފޮނުވާލި ހަމަލާ ގަތަރުގެ ޑިފެންސުން ސަލާމަތްކުރީ ރޮނގުމަތިންނެވެ. އަދި ފަހު ވަގުތުކޮޅު އެންޑޯއީ ޖެހި ބޯޅަވެސް ބްލޮކްވި އިރު، އެމްބޯލޯގެ އިތުރު ހަމަލާއެއްވެސް ކީޕަރު މަތަކުރިއެވެ.

ދެވަނަ ހާފުގައިވެސް ސްވިޒަލޭންޑުން ފެށީ ޓެމްޕޯ ވައްޓާ ނުލައެވެ. ހާފުގެ ކުރީކޮޅުގައި ކެޕްޓަން ގްރަނިޓް ޖަކާގެ ބާރު ހަމަލާއެއްވެސް އަބޫނާދާ މަތަކޮށް ބޭރުކޮށްލި އިރު، އޭނާ ފަހުން ދުރުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ.

އޭގެ އިރުކޮޅެއްފަހުން ދެވަނަ ހާފުގެ ހައިޑްރޭޝަން ބްރޭކަށް މެޗު ދިޔައެވެ. އޭގެފަހުން ގަތަރުން ކޮންމެވެސް ވަރަކަށް ނުރައްކާ ކުރިއެވެ. އެހެން ނަމަވެސް އަނެއްކާވެސް ސްވިޒަލޭންޑުން މެޗުގެ ކޮންޓްރޯލް ނަގައި އިތުރު ހަމަލާތައް އުފެއްދިއެވެ. ޖޮހާން މަންޒަމްބީ ދުރުން ފޮނުވާލި ހަމަލާ ބޭރަށް ދިޔަ އިރު، ސްވިޒަލޭންޑް ދެވަނަ ގޯލަކަށް ކުރަމުން ދިޔަ މަސައްކަތް ކާމިޔާބެއް ނުވިއެވެ.

އެ ޕްރެޝަރު މަޑުމަޑުން އިތުރުވަމުން ގޮސް، ގަތަރަށް ފަހު ވަގުތަށް ދިޔަ އިރު، މަޑުމަޑުން ފުރުސަތު ލިބުނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުއްލިއަކަށް ގަތަރުން ހިތްވަރު އާކޮށްލައި، އެންމެ ފަހު މިނެޓް ގޯލް ޖެހިއެވެ. އެ ގޯލް ޖަހައިދިނީ ޑިފެންޑަރު ބުއަލަމް ހޫހީއެވެ. އޭނާ ގޯލް ޖަހައިދިނީ އަރިމަތިން ނެގި ބޯޅައަކަށް އަރައި ބޮލުން ބޯޅަ ގޯލަށް ވައްދާލައިގެންނެވެ.