މީގެ ހަތަރު އަހަރު ކުރިން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ހިތްގައިމު، ޗާލު ވޯލްޑް ކަޕްގެ ހަނދާން އަދިވެސް ނުނެތެއެވެ. އެ ހަނދާން ނައްތައިލާންވެސް އުނދަގޫވާނެތާއެވެ. ގަތަރުން ދުނިޔެއަށް ދެއްކީ ނަމޫނާއެކެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ދެ ދުވަސް ހިނގިތަނުން އެތައް އެތައް މައްސަލައެއް ދިމާވިޔަސް، ގަތަރު ވޯލްޑް ކަޕް ދިޔައީ ފުރިހަމައަށެވެ.
ގަތަރަކީ ވޯލްޑް ކަޕް ބޭއްވި ފުރަތަމަ އަރަބި ގައުމެވެ. އިންތިޒާމުތަކުގައި ފުރިހަމަ ނަމޫނާ ދެއްކި ނަމަވެސް، ދަނޑުމަތިން އެކަމާ އެއް ހަމައެއް ނުކުރެވުނެވެ. 2010 ވަނަ އަހަރު ސައުތު އެފްރިކާއަށްފަހު ގަތަރު ވެގެން ދިޔައީ ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ހޯސްޓް ގައުމަށެވެ.
ތިން މެޗުން ބަލިވެ ވޯލްޑް ކަޕުން ގަތަރު ކެޓި ނަމަވެސް، މިހާރު އެއީ ޖެހިޖެހިގެން ދެފަހަރު އޭޝިއާގެ ޗެމްޕިއަނުންނެވެ. ހާލަތު ބަދަލުކޮށް، މިފަހަރު ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕަށް ކޮލިފައިވިއެވެ. ގަތަރަށް މިއީ ދެވަނަ ވޯލްޑް ކަޕެވެ. ކޯޗަކީ ތަޖުރިބާކާރު ހުލެން ލޮޕެޓެގީ އެވެ.
"އަހަރެމެން އެންމެ ފުރަތަމަވެސް ވިސްނަން ޖެހޭނެ ހިސާބަކީ، ވަރުގަދަ ސްވިޒަލޭންޑާ ދެކޮޅަށް ކުޅެން ޖެހޭކަން. އަހަރެމެންގެ އެންމެ ބެސްޓް ދޭން ޖެހޭނެ. އަހަރެމެންނަށް އަހަރެމެންގެ ރިއަލިޓީ އެނގެން ޖެހޭނެ. އެ ރިއަލިޓީއަކީ އަހަރެމެންގެ ވަށައިގެން މިއޮތް އެހެން ހުރިހާ ޓީމަކަށްވުރެ އަހަރެމެން ބަލިކަން،" ސްޕެއިންގެ ލޮޕެޓެގީ ބުންޏެވެ.
ލޮޕެޓެގީ ބުނީ ވާދަކޮށްލާނަމަވެސް، ވަރަށް ބޮޑަށް ސަމާލުވާން ޖެހޭނެ ކަމަށެވެ. އެންމެ ވަގުތު ކޮޅަކަށްވެސް ވިސްނުން ގެއްލުވާލައިގެން ނުވާނެ ކަމަށް ބުންޏެވެ.
އާޖެންޓީނާއަށް 2022 ވަނަ އަހަރު ވީގޮތަށް ވާކަަށް ބޭނުމެއް ނޫން
ސްވިޒަލޭންޑަކީ މިފަހަރު ވޯލްޑް ކަޕަށް ނުކުންނަ ޓީމުތަކުގެ ތެރެއިން ކޮލިފިކޭޝަން ރެކޯޑު އެންމެ ރަނގަޅު އެއް ޓީމެވެ. 2024 ވަނަ އަހަރު ފަހުކޮޅުން ފެށިގެން ސްވިޒަލޭންޑް ބަލިވެފައި ނުވާ އިރު، ކޮލިފިކޭޝަންގައި ވެސް ބަލިވެފައެއް ނުވެއެވެ. އެޓީމު ކޮޅަށް ކޮލިފިކޭޝަންގައި ވަނީވެސް އެންމެ ދެ ގޯލެވެ.
މީގެ ކުރިން ގަދަ 16 އަށް ދިޔަ ނަމަވެސް ސްވިޒަލޭންޑުން އަލަށް ކުއާޓާ ފައިނަލަށް ކުރަމުން އަންނަ މަސައްކަތުގައި ގަތަރަށް ސަމާލުވާން ޖެހޭ ކަމަށް ކޯޗު މުރަޓް ޔަކީން ބުނެފައިވެއެވެ.
"އަހަރެމެންނަށް 2022 ވަނަ އަހަރު އާޖެންޓީނާއަށް ވީގޮތްވެސް ފެނުނު. ފުރަތަމަ މެޗު ވާހަކަ މި ދައްކަނީ. އެމެޗުގައި ސައުދީން އާޖެންޓީނާ ހައިރާން ކޮށްލީ. އެހިސާބުންވެސް އެތައް ހައިރާންކަމެއް މުބާރާތުގައި ފެނުނު. އެހެންވީމަ އެކަހަލަ ސަޕްރައިޒެއް ބޭނުމެއް ނޫން. ގަތަރު ފަސޭހަކޮށްލައިގެން ތިބެވިއްޖެނަމަ އެހެން ވެދާނެ،" ޔަކީން ބުންޏެވެ.
ގަތަރާއި ސްވިޒަލޭންޑް ވާދަކުރާ މެޗު އޮންނާނީ މިރޭ ރާއްޖެ ގަޑިން 12:00 ގައެވެ.
މުޙައްމަދު ޝަމްޢޫން
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026
ވޯލްޑް ކަޕް 2026