އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށްފަހު، ސަރުކާރު ބަދަލުކުރުމުގެ ވަރުގަދަ ސިޔާސީ މަސައްކަތެއް ފައްޓަވާފައިވާކަން އިއުލާނު ކުރައްވައި، އެ މަސައްކަތުގައި ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުރިހާ ސިޔާސީ ވާދަވެރިންނަށް މިރޭ ދައުވަތު ދެއްވައިފިއެވެ.
މިރޭ އާޓީފިޝަލް ބީޗުގައި ބޭއްވި ކާމިޔާބީގެ އުފާފާޅުކުރުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އާ މަސައްކަތްތަކެއް ފެށިގެންދާނެ ކަމަށެވެ. އަދި މި މަސައްކަތުގައި އެމްޑީޕީގެ އިތުރުން މުޅި ރާއްޖޭގެ ޒުވާނުންނާއި ސިޔާސީ އެކި ފިކުރުތަކުގެ ބޭފުޅުން އެކުގައި އަތްގުޅާލުމަށް އެ މަނިކުފާނު އެދިވަޑައިގެންނެވިއެވެ.
"އަޅުގަނޑުގެ ހުރިހާ ސިޔާސީ ވާދަވެރިންނަށް ވެސް ގޮވައިލަން ވަޑައިގަންނަވާށޭ. ވަޑައިގެން، އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތްކޮށް، މި ސަރުކާރު ޖަވާބުދާރީކޮށް، އަދި ސަރުކާރު ބަދަލުކުރުމުގެ ހުރިހާ މަސައްކަތްތައްވެސް މިރެއިން ފެށިގެން ކުރިއަށް ގެންދަންވީ. ކުރަމުން ގެންދަންވީ" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ، އިންތިހާބުގެ ތެރޭގައި އެމްޑީޕީއަށް ތާއީދުކުރި މުވައްޒަފުންނާ މެދު ސަރުކާރުން އަމަލުކޮށްފައިވަނީ ވަރަށް ބޭއިންސާފުން ކަމަށެވެ. އެކަންކަން މާދަމާގެ ނިޔަލަށް އިސްލާހު ނުކޮށްފި ނަމަ، މާލޭގައި ހުރި ކުންފުނިތަކުގެ ހެޑް އޮފީސްތައް ހިސާރުކޮށް ސީދާ ހަރަކާތަށް ނުކުންނާނެކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދާނީ ސީދާ ހަރަކާތަށް. އަޅުގަނޑުމެން ތިބޭނީ ބަލަ ބަލާ،" ނަޝީދު ވިދާޅުވިއެވެ.
އިންތިހާބުގައި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މީކާއިލް ދެއްކެވި ހިތްވަރަކީ ހުރިހާ ޒުވާނުންނަށް އޮތް ނަމޫނާއެއް ކަމަށާއި އެއީ ފާހަގަކުރަންޖެހޭ މަސައްކަތެއް ކަމަށެވެ.
ނަޝީދު އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް މި އިންތިހާބުވެވަޑައިގެންނެވީ، 2023 ވަނަ އަހަރު ޕާޓީން ވަކިވެވަޑައިގަތުމަށްފަހު، މިދިޔަ އަހަރުގެ ޖޫން މަހު އަލުން ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހުގައެވެ. އެމަނިކުފާނުގެ "ބޮޑު ބަދަލު" ކެމްޕޭނަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ގުޅިގެން ކުރިއަށްގެންދާ ސިޔާސީ މަސައްކަތެކެވެ.
ބޮޑު ބަދަލުގެ ދަށުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުމަށް ނަޝީދު ތާއީދު ކުރައްވައެވެ. އަދި ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް ބަދަލުތަކެއް ގެނެސް، ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރު ހިންގާ ވެރިޔާއަކީ ތަފާތު ދެ މަގާމަކަށް ހެދުމަށްވެސް ވަނީ ހުށަހަޅާފައެވެ.
ނަޝީދު ވަނީ ދައުލަތުގެ ވެރިޔާގެ މަގާމަށް ޝައުގުވެރިކަން ހުރިކަން ހާމަކުރައްވައި، ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒް ހޮވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު