އެމްޑީޕީގެ ޗެއާޕާސަންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އިންތިހާބުވުމަކީ ރާއްޖެއަށް ބޮޑު ބަދަލެއް ގެނައުމަށް އެޅުނު ފުރަތަމަ ފިޔަވަޅު ކަމަށާއި، ދެން އޮތީ އެންމެން އެކުވެ މި ސަރުކާރު ބަލިކުރުންކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މުޅި ރާއްޖެއިން ފެނިގެންދިޔަ "ރީނދޫ ލަޝްކަރު" ގެ ވަރުގަދަ ރޫހަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ. އަދި މި އިންތިހާބުގައި މެންބަރުން ދެއްވި ވޯޓަކީ އަމިއްލަ ޝުއޫރުތަކަށްވުރެ ގައުމުގެ މަސްލަހަތު އިސްކޮށް ދެއްވި ވޯޓެއްކަމަށް ފައްޔާޒު ވިދާޅުވިއެވެ.
"އެމްޑީޕީ މެންބަރުން ބޮޑު ބަދަލަކަށް ތައްޔާރުކަން ސާބިތުކޮށްދެއްވައިފި. ރައީސް ނަޝީދަށް ތި ދެއްވި ވޯޓާއެކު ބޮޑު ބަދަލު މި ރާއްޖެއަށް ގެނައުމުގެ މަސައްކަތް މިއަދު މި ދިޔައީ ފެށިގެން. އެމްޑީޕީ ކުރިއަށް،" ފައްޔާޒު ވިދާޅުވިއެވެ.
"ދެން އޮތީ އަޅުގަނޑުމެން އެކުގައި ގޮސް މި ސަރުކާރު ބަލިކުރުން. ބަދަހި ސަފުތަކަކާއެކު ނުކުމެ އެ މަސައްކަތް އަޅުގަނޑުމެން ކާމިޔާބުކުރާނަން،"
"ބޮޑު ބަދަލު" މި ޝިއާރުގެ ދަށުން ނަޝީދު ކުރެއްވި ކެމްޕެއިނުގައި އެމަނިކުފާނާ ވާދަކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. ފައްޔާޒު ވަނީ މީކާއިލްގެ ޓީމުން ދެއްކި ހިތްވަރަށް ތައުރީފު ކުރައްވައި، ޕާޓީގެ އެތެރޭގެ ވާދަވެރިކަމަށްފަހު ދެން އޮތީ އެކަތިގަނޑަކަށް ވެގެން ކުރިއަށް ދިއުންކަމަށް ވިދާޅުވިއެވެ.
ނަޝީދު މި އިންތިހާބަށް ނުކުންނެވީ، "ދަ ޑިމޮކްރެޓްސް" ގައި ހުންނެވުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، "ބޮޑު ބަދަލު" ގެ ނަމުގައި އިސްލާހީ މެނިފެސްޓޯއަކާއެކުގައެވެ.
ނަޝީދުގެ ކެމްޕޭން ބިނާކޮށްފައިވަނީ ފައްޔާޒުއާ ގުޅިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ތައްޔާރުކުރުމުގެ މައްޗަށެވެ. އެގޮތުން 2028 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމަނިކުފާނަށް ވެރިކަން ހޯދައިދިނުމަކީ ނަޝީދުގެ މައިގަނޑު އެއް އަމާޒެވެ.
މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ މަތީވެރިޔާއާއި ސަރުކާރު ހިންގާ ވެރިޔާއަކީ ވަކި ދެ މަގާމަކަށް ހެދުން ހިމެނެއެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރުގެ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދު ވަނީ ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށާއި، ދައުލަތުގެ އެންމެ މަތީވެރިޔާގެ މަގާމަށް އެ މަނިކުފާނު ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.
މުހައްމަދު އިޝާން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން