ޔޫއޭއީގެ އީގަލް ހިލްސްއާ އެއްވެސް މައްސަލައެއް ނެތް ކަމަށާއި މައްސަލައަކީ އިކުއިޒިޝަން ކޮސްޓެއް ނެތި ރަސްމާލޭގެ ބިން ހިލޭ ދޫކުރުން ކަމަށް އިދިކޮޅު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.
އަދަދު ނޫހުގެ "ފެންނަ ނުފެންނަ" ޕްރޮގްރާމަށް މިއަދު ދެއްވި އިންޓަވިއުއެއްގައި، އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ފައްޔާޒް ވިދާޅުވީ ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރި އިރު، ސަރުކާރަށް ބޮޑު ހިއްސާއެއް އޮންނަ ގޮތަށް އެކަން ކުރާ ނަމަ އިކުއިޒިޝަން ކޮސްޓެއް ނުނެގިޔަސް މައްސަލައެއް ނޫން ކަމަށެވެ. ނަމަވެސް، މިހާރު އަޑުއިވެނީ ވިއްކޭ އެއްޗަކުން 10 ޕަސަންޓު ނެގިދާނެ ކަމުގެ ވާހަކަ ކަމަށާއި، އެކަން ވެސް ޔަގީން ނުވާއިރު، މި މުއާމަލާތުގެ ތެރޭގައި ބޮޑު ކޮރަޕްޝަނެއް ހިމެނޭ ކަމަށް ގަބޫލުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ 99 އަހަރަށް ވުރެ އިތުރަށް ބަޔަކަށް ބިން ދިނުން ކަމަށް ފައްޔާޒް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، 99 އަހަރަށް އިތުރަށް ބިން ދިނުން ސަރުކާރުން ބޭނުންވެއްޖެ ނަމަ ހުއްޓުވިދާނެ ކަމަށް ބުނި ނަމަވެސް، ވިޔަފާރީގެ މުއާމަލާތެއްގައި ލިޔެވިފައިވާ ވަކި ސަބަބުތަކެއް ނެތި އެ ވިއްކާލުމަށް ސަރުކާރަކަށް ނޫނެކޭ ނުބުނެވޭނެއެވެ. މިސާލެއްގެ ގޮތުން ބޭރު މީހެއްގެ ނަމުގައި 99 އަހަރަށް ބިން ނަގައި، 10 އަހަރު ފަހުން އޭނާ ހިމެނޭ ކުންފުންޏަކަށް ވިއްކާލުމުން އަނެއްކާވެސް 99 އަހަރަށް މުއްދަތު އާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. "މިހާރު އެ އޮތް ގޮތަށް އޮތް ކަމަށްވަންޏާ، ދާއިމަށް އެ ދެވެނީ ކޮންމެ ނަމެއްގައި ކިޔާފަވެސް،" ފައްޔާޒް ވިދާޅުވިއެވެ.
މީގެ އިތުރުން، އެތައް ހާސް ބިދޭސީންނަށް ބިން ވިއްކުމުން އެ މީހުން ރާއްޖޭގައި ވަޒަންވެރިވެ، ސައްތައިން ސައްތަ އިސްލާމީ އަދި ދިވެހީންގެ މި ގައުމުގައި ސިޓިޒަންޝިޕް ނެތް ބަޔަކަށް ސިޓިޒަންޝިޕްގެ ހައްގުތަކެއް އުފަންވުމުގެ ފުރުސަތު ބޮޑުވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޒަޔަނިސްޓުންނާއި، ހިންދޫންނާއި، ކްރިސްޓިއަނުންނާއި، ބުޑިސްޓުންނާއި، ޒޮރޯސްޓިއަނުން އަދި އެތީސްޓުން ކަމުގައި ވިޔަސް، އެކަމުގެ ސަބަބުން ގައުމުގެ އެއްބައިވަންތަކަމަށް އަސަރުކޮށް، ފަހުން އެ މީހުންގެ ދީން ފަތުރައި އަޅުކަންކުރުމުގެ ހައްގު ދިނުމަށް މަޖުބޫރުކޮށްފާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މުސްލިމު ދިވެހި ރައްޔިތެއްގެ ގޮތުގައި ސިޓިޒަންޝިޕް ދީގެން ބިން ވިއްކުމާ މެދު އިއުތިރާޒެއް ނެތް ނަމަވެސް، މުސްލިމު ނޫން ބިދޭސީންނަށް ދާއިމީ ހައްގުތަކެއް ދީފި ނަމަ، މީގެ 50، 100 ނުވަތަ 150 އަހަރު ފަހުން ރާއްޖެއަށް ވެސް ފަލަސްތީނަށް ދިމާވި ފަދަ ހާލަތެއް ކުރިމަތިވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ 200 ނުވަތަ 300 އަހަރު ކުރިން ޒަޔަނިސްޓް އޯގަނައިޒޭޝަނުން ފަލަސްތީނުގެ ބިންތައް ގަނެ، މީހުން ވަޒަންވެރިކުރުވައި ބާރުގަދަކުރަމުން ގޮސް، ހިޓްލަރު ހިންގި ގަތުލުއާންމުތަކާ ގުޅިގެން ޔަހޫދީންނަށް ލިބުނު ދުނިޔޭގެ ހަމްދަރުދީގެ ތެރެއިން އިސްރާއީލް އުފެއްދުމުގެ ފުރުސަތު ލިބުނީ އެގޮތަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަސް އަހަރުގެ ދައުރުގެ ކަންކަން އެކަނި ނޫން ކަމަށާއި، މިކަމުގައި ދިވެހި ރައްޔިތުންނަށް ހުރިހާ ވާހަކައެއް ކިޔައިދީ، ބަހުސްކުރުމާއި ކަންބޮޑުވުން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ބަހެއް ނުހޯދައި ގާނޫނުއަސާސީއަށް ބަދަލު ގެނެސްގެން މި މަޝްރޫއު ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.
"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ އެފަދަ ގޮތަކަށް ރައްޔިތުންގެ ބަހެއް ނުހޯދައި މިކަން ކޮށްފި ކަމަށްވަންޏާ، އަޅުގަނޑުމެންގެ ސަރުކާރެއް އުފެއްދިއްޖެ ކަމަށްވަންޏާ، އެ ރިވޯކް ކުރާނެ ވާހަކަ ވަރަށް ސާފުކޮށް މި ދަންނަވަނީ،" ފައްޔާޒް ވިދާޅުވިއެވެ.
ފޮރިން އިންވެސްޓްމަންޓަކާ، ޔޫއޭއީއާ އަދި އީގަލް ހިލްސްއާ ވެސް އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ނަމަވެސް މި މަޝްރޫއުގައި ހުރި މައްސަލަތައް އީގަލް ހިލްސްއަށް ވެސް އަންގަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ހައްދަވާފައިނުވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ.
އިދިކޮޅު ބައެއް ފަރާތްތަކުން މަޝްރޫއާ ދެކޮޅަށް ވާހަކަދައްކަމުންދިޔަ ނަމަވެސް، ރައީސް މުއިއްޒު ގެންދަވަނީ އެ ވާހަކަތަކަކީ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަތަކެއްކަން ތަކުރާރުކޮށް ވިދާޅުވަމުންނެވެ. އެގޮތުން ދައުލަތުގެ މީޑިއާ، ޕީއެސްއެމުން ގެނެސްދޭ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި މިދިޔަ ބުދަ ދުވަހު ރައީސް ވިދާޅުވި ގޮތުގައި، ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ތަރައްގީކުރާ ހޮލިޑޭ ހޯމްސް ސަރަހައްދުގައި ނޭދެވޭ އެއްވެސް ކަމެއް ނުހިނގާނެއެވެ.
ރައީސް ވިދާޅުވީ، ރަސްމާލޭގެ މި އިންވެސްޓްމަންޓަކީ ރައްޔިތުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށާއި، އޭގައި އޮތީ މުޅިންވެސް ރައްޔިތުންނަށް ފައިދާ ކަމަށެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން އިހުލާސްތެރި ނިޔަތެއް ނެތި މި މަޝްރޫއު އޮޅުވާލަން މަސައްކަތްކުރި ނަމަވެސް، މިއީ މީހުން ދިރިއުޅޭ ފަސްގަނޑެއްގައި ހެދޭ ތަނަކަށް ވާތީ ނުރައްކާތެރި ހުރިހާ މަގުތަކެއް ބަންދުކުރެވިފައި ހުންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދެފުށް ފެންނަ މިންވަރު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުވާނެ ކަމަށެވެ. އެ ބިލު ގާނޫނަކަށް ވުމުގެ ކުރިން، ރައްޔިތުންގެ ހިޔާލާއި މަޝްވަރާއަށް ގާތްގަނޑަކަށް ދެތިން ހަފްތާއަށް މަޖިލީހުން އާންމުކޮށް ހުޅުވާލާނެ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ އެއްބަސްވުން އެކުލަވާލެވުމުން، އެ ފުރިހަމަ އެއްބަސްވުންވެސް ދާއިމީ ކޮމިޓީއަކުން ބެލުމަށްޓަކައި މަޖިލީހަށް ފޮނުއްވާނެ ކަމަށާއި، ޒިންމާދާރު ސަރުކާރަކަށް މިއަށްވުރެ ފުރިހަމައަށް މިކަން ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރަސްމާލޭގެ އެ ސަރަހައްދުގައި އޮންނާނެ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވި ގޮތުގައި، އެ ތަނުގައި ކަންކަން އޮންނާނީ ރިސޯޓުތަކަށް ވުރެވެސް ހަނިކޮށެވެ. އެގޮތުން އެ ސަރަހައްދުގައި ރަލާއި އޫރުމަސް ނުވިއްކޭނެ ކަމަށާއި، ކެސިނޯއެއް ނުހުންނާނެ ކަމަށެވެ. އަދި ރޯދަމަހު އާންމުކޮށް މަގުމަތީގައި ކައިބޮއި ނޫޅެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެ ތަނުގައި މިސްކިތް ހުރެ ފަސް ވަގުތު ބަންގި ގޮވާނެ ކަމަށާއި، ބޭރުގެ އެއްވެސް ފަރާތެއްގެ ކޮންޓްރޯލް އޮންނަ ނުވަތަ އެ ނޫން ގޮތަކަށްވެސް ސްކޫލެއް ނުވަތަ ތައުލީމީ މުއައްސަސާއެއް އެ ތަނުގައި ނުހުންނާނެ ކަމަށް ވިދާޅުވިއެވެ.
އެ ތަނަކީ ދިވެހި ފުލުހުން ތިބޭ، ރާއްޖޭގެ ގާނޫނުއަސާސީއާއި ގާނޫނުތައް އަދި ދައުލަތުގެ ހުރިހާ ބާރެއް ހިނގާނެ ތަނެއްކަން ފާހަގަކުރައްވައި، ގާނޫނު ފޮނުވާއިރު އެއްވެސް ގައުމެއްގެ ރައްޔިތުންނަށް އެ ތަނުގެ 25 އިންސައްތައަށް ވުރެ ގިނައިން ޕްރޮޕަޓީ ނުވިއްކޭނެ ގޮތަށް އޮންނާނެ ކަމަށް ވިދާޅުވިއެވެ. ނަމަވެސް ދިވެހިންނަށް އެއްވެސް ލިމިޓެއް ނޯންނާނެ ކަމަށާއި، ޕާސްޕޯޓުގެ އިތުރުން ކޭވައިސީ މެދުވެރިކޮށް ހުރިހާ ގޮތަކުން ޗެކްކޮށް، އިޒްރޭލުގެ އެއްވެސް ރައްޔިތަކަށް އެ ތަނުން ޕްރޮޕަޓީ ގަތުމާއި ކުއްޔަށް ހިފުމުގެ އިތުރުން އެންމެ ދުވަހަކަށް މަޑުކޮށްލަންވެސް ނާދެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި އިންވެސްޓްމަންޓުގެ ސަބަބުން މުޅި ރަސްމާލެ ތަރައްގީވެގެންދާނެ ގޮތް ސާފުކޮށްދެއްވަމުން ރައީސް ވިދާޅުވީ، އެ ތަނަށް ބޭނުންވާ ކަރަންޓާއި ހިދުމަތްތައް ސަރުކާރު އަތުން ގަންނަ ގޮތަށް މަޝްރޫއު ބައްޓަންކޮށްފައިވާތީ، މުޅި ރަސްމާލޭގެ ކަރަންޓާއި ފެނާއި ނަރުދަމާ ގާއިމުކޮށްދޭން ގިނަ ފަރާތްތަކަކުން މިހާރުވެސް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެހެންކަމުން، ބާކީ އޮތް 650 ހެކްޓަރު ތަރައްގީކުރުމުގައި މަޑުޖެހުމެއް ނެތި، އެންމެ ގިނަވެގެން 10 އަހަރުގެ ތެރޭގައި މުޅި ރަސްމާލެ އެއްކޮށް ތަރައްގީވާނެ ކަމަށް ވިދާޅުވިއެވެ.
މާލޭގެ ރައްޔިތުންނާއި، ދަފްތަރާއި، 15 އަހަރު ވަންދެން މާލޭގައި އުޅުނު މީހުން ހިމެނޭހެން، ގޯއްޗަށް ކުރިމަތިލި ހުރިހާ ކެޓަގަރީއަކުން ޝަރުތު ހަމަވާ އެންމެންނަށް ރަސްމާލެއިން ގޯތި ކަށަވަރުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން، މި މަޝްރޫއުގެ ފުރަތަމަ ސޭލްއިން ލިބޭ 10 އިންސައްތައިގެ ތެރެއިން އިންވެސްޓަރު ކުރިއަށް ހަރަދުކުރާ 500 މިލިއަން ޑޮލަރު ބޭނުންކޮށްގެން، ސަރުކާރުން އަނބުރާ ދައްކަން ނުޖެހޭ ގޮތަށް ހުޅުމާލޭގައި ހުރިހާ އަސާސީ ހިދުމަތްތަކާއެކު 5،000 ހައުސިން ޔުނިޓް އަޅާނެ ކަމަށް ރައީސް ވިދާޅުވިއެވެ. 2028 ވަނަ އަހަރުގެ އޯގަސްޓް މަހާ ހަމައަށް ދާއިރު އޭގެ ސްޓްރަކްޗަރާއި ބޭރުގެ ފިނިޝިންގެ ބޮޑު ބައި ނިމި، ޒުވާނުންނާއި ރިސޯޓުތަކާއި މަސްވެރިކަން ފަދަ އެކި ދާއިރާތަކުގެ މަސައްކަތްތެރިންގެ ތެރެއިން އަދި ބޯހިޔާވަހިކަން ނުލިބޭ ފަރާތްތަކަށް އިސްކަންދީގެން އެ ތަންތަން ރަޖިސްޓްރީކޮށް ދޫކުރެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ފައްޔާޒް އިސްމާއީލް، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން
ކޮމެންޓް