އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު އެ މަނިކުފާނަށް ކާމިޔާބު ކުރެއްވުމަކީ ރާއްޖޭގެ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ކާމިޔާބީއެއްކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ މިއަދު މެންދުރު 2:30 އިން ފެށިގެން މިރޭ 9:00 އަށެވެ. މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 48،912 މީހަކަށް ލިބިގެންވެއެވެ. މި އިންތިހާބުގައި ޖުމްލަ 241 ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރަށްތަކުގައި ބެހެއްޓި 240 ފޮއްޓާއި ލަންކާގައި ބެހެއްޓި ފޮށި ހިމެނެއެވެ.
އިންތިހާބުގެ ވަގުތީ ނަތީޖާ އެމްޑީޕީން ރަސްމީކޮށް އިއުލާނު ކުރުމުގެ ކުރިން، މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން ނަޝީދު ވަނީ ބޮޑު ކުރިއެރުމެއް ހޯއްދަވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމަށްޓަކައި މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ހަރަކާތަށް އެއްވުމަށް އެމަނިކުފާނު ވަނީ މިހާރު މެމްބަރުންނަށް ދައުވަތު ދެއްވާފައެވެ.
މި އިންތިހާބުގައި ރައީސް ނަޝީދާ ވާދަކުރެއްވީ ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމެވެ.
ނަޝީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމްޑީޕީގެ މެންބަރުންނަށާއި "ބޮޑު ބަދަލު" ކެމްޕޭން ޓީމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
"މީ ދިވެހިރާއްޖޭގެ ޑިމޮކްރަސީއާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވަނީ މީކާއީލަށްވެސް މަރުހަބާ ދަންނަވާފައެވެ.
މީކާއިލް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންތިހާބުގެ ނަތީޖާއަށްފަހު ނަޝީދަށް ފޯނުން ގުޅުއްވައި، އެމަނިކުފާނު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވާފައިވާނެ ކަމަށެވެ. އަދި ޕާޓީގެ އެތެރޭގެ ވާދަވެރިކަމަށްފަހު، ދެން އޮތީ އެމްޑީޕީ އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ގެންގޮސް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރުމުގެ މަސައްކަތްކަމަށް މީކާއީލް ވިދާޅުވިއެވެ.
ނަޝީދު މި އިންތިހާބަށް ނުކުންނެވީ، "ދަ ޑިމޮކްރެޓްސް" ގައި ހުންނެވުމަށްފަހު އަލުން އެމްޑީޕީއާ ގުޅިވަޑައިގެން، "ބޮޑު ބަދަލު" ގެ ނަމުގައި އިސްލާހީ މެނިފެސްޓޯއަކާއެކުގައެވެ.
ނަޝީދުގެ ކެމްޕޭން ބިނާކޮށްފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާ ގުޅިގެން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީ ތައްޔާރުކުރުމުގެ މައްޗަށެވެ. އެގޮތުން 2028 ގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒް ނެރުއްވައި، އެމަނިކުފާނަށް ވެރިކަން ހޯދައިދިނުމަކީ ނަޝީދުގެ މައިގަނޑު އެއް އަމާޒެވެ.
މި ތަސައްވުރުގެ ދަށުން، ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށްވެސް ވަނީ ހުށަހަޅާފައެވެ. އޭގެ ތެރޭގައި ދައުލަތުގެ އެންމެ މަތީވެރިޔާ އާއި ސަރުކާރު ހިންގާ ވެރިޔާއަކީ ވަކި ދެ މަގާމަކަށް ހެދުން ހިމެނެއެވެ. މި ހުށަހެޅުމުގައިވާ ގޮތުން ސަރުކާރުގެ ވެރިޔާ ހޮވާނީ ރައްޔިތުންގެ ސީދާ ވޯޓަކުންނެވެ. ނަޝީދު ވަނީ ސަރުކާރު ހިންގުމުގެ އެންމެ އިސްވެރިޔާގެ މަގާމަށް ފައްޔާޒަށް ތާއީދުކުރައްވާނެ ކަމަށާއި، ދައުލަތުގެ އެންމެ މަތީވެރިޔާގެ މަގާމަށް އެމަނިކުފާނު ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.
މުހައްމަދު އިޝާން
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު