އެމްޑީޕީއަށް އާ ޗެއާޕާސަންއަކު އިންތިހާބު ކުރުމަށް މިހާރު ކުރިއަށްދާ އިންތިހާބުގެ ވޯޓުލުމުގެ ވަގުތު މިރޭ 9:00 ޖެހުމާ ހަމައަށް އިތުރުކޮށްފިއެވެ.
އެމްޑީޕީން ކުރިން ނިންމާފައިވަނީ މި އިންތިހާބުގެ ވޯޓުލުން 8:30 އާ ހަމައަށް ގެންދިޔުމަށެވެ.
ނަމަވެސް އެމްޑީޕީން މިރޭ އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ މޫސުން ގޯސްވެ ދަތިތަކެއް ދިމާވެ ބައެއް ވޯޓު ފޮށިތަކުގެ ވޯޓުލުން ކުރިއަށް ގެންދިއުން ލަސްވެފައިވާ ކަމަށެވެ.
އެހެންވެ ވޯޓުލުން މިރޭ 9:00 އާއި ހަމައަށް އިތުރުކޮށްފައިވާކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ފައްޔާޒް އިސްމާއީލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. މިވަގުތު އެ މަގާމުގެ ޒިންމާތައް ވަގުތީ ގޮތުން އުފުއްލަވަނީ ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްއަފޫރު މޫސާއެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވަނީ އެ ޕާޓީގެ ޗެއާޕާސަންކަމާއި، ރައީސްކަންވެސް މީގެކުރިން އަދާކުރައްވާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ދެން ވާދަކުރައްވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.
ވޯޓުލުމުގެ އިންތިޒާމުތައް:
- ވޯޓު ފޮށި: ޖުމްލަ 241 ފޮށި (ރާއްޖޭގައި 240 ފޮށި، ސްރީލަންކާގައި 1 ފޮށި)
- ވޯޓުލާ މަރުކަޒުތައް: ހުރިހާ ރަށެއްގައިވެސް ވޯޓުލުން ކުރިއަށްދާނީ ސްކޫލްތަކުގައި
- މާލޭގެ މަރުކަޒުތައް: މާލޭގެ 10 ސްކޫލެއްގައި ވޯޓުލުން ކުރިއަށްދާނެ. އެއީ ހުރަވީ، ދަރުމަވަންތަ، މަޖީދިއްޔާ އަމީނިއްޔާ، ކަލާފާނު، އިސްކަންދަރު، މާފަންނު މަދުރަސާ، ގަލޮޅު ސްކޫލް، މުހިއްޔިއްދީން އަދި ކާމިލްދީދީ ސްކޫލް
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ