މިހާރު ކުރިއަށްދާ އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ސައްހަކަމާމެެދު ސުވާލު އުފެދިދާނެ ގޮތްގޮތަށް އަމަލު ނުކުރުމަށް، އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމުގެ ކެމްޕޭން ޓީމުން އެދިއްޖެއެވެ.
މީކާއިލްގެ ކެމްޕޭން ޓީމުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މި އިންތިހާބަކީ ވާދަވެރިކަން ބޮޑު އިންތިހާބަކަށްވުމުން، ވީހާވެސް އޮމާންކަމާއި، ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރިއަށް ގެންދިއުމަށް ޕާޓީ އޮފީހުން އިންތިޒާމުތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އިދިކޮޅު ކެންޑިޑޭޓްގެ ފަރާތުން ރޭވިގެން އެފަރާތަށް އުއްމީދުކުރެވޭ ނަތީޖާ ނުނެރެވޭކަމަށް ފެންނަ ރަށްރަށުގައި މީކާއިލްގެ މަންދޫބުންނަށް ފާސްދިނުން ލަސްކުރުމާއި، ފ. ފީއަލީގެ ލިސްޓްގައި ހިމެނޭ މީކާއިލަށް ތާއީދުކުރި އެތައްބައެއްގެ ނަން ލިސްޓުން އުނިކޮށް އެފޮއްޓާއި ހަވާލުވެހުރި ފަރާތުން އަމިއްލަ ލިސްޓެއް ގެންގުޅެފައިވާކަމަށް މީކާއިލްގެ ކެމްޕޭން ޓީމުން ބުންޏެވެ.
އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ފަރާތުން ވަނީ 4:30 އެހާކަންހާއިރު ފޮށި ބެހެއްޓިފައިވާ ތަނުން ފޮށި ނަގައިގެން ގެޔަށް ފޮށި ގެންގޮސް ގޭގައި އެފަރާތުން ބޭނުން ގޮތަކަށް ވޯޓުގެ ކަންކަން ކުރިޔަށް ގެންގޮސްފައިވާކަމަށް މީކާއިލްގެ ކެމްޕޭން ޓީމުން ބުންޏެވެ.
ގދ. ފިޔޯރީ ވޯޓް ފޮށި ފަޅާލައި އެކަން ރަނގަޅުނުކޮށް ވޯޓުގެ ސައްހަކަން ގެއްލޭ ގޮތެއްގައި މީކާއީލްގެ މަންދޫބުންނަށް ފުރުސަތު ނުދީ ފޮއްޓަށް ވޯޓު އަޅަމުން ގެންގޮސްފައިވާކަމަށްވެސް ކެމްޕޭން ޓީމުން ބުންޏެވެ.
"މި އެންމެހާ ކަމަކީ މި އިންތިހާބުގެ ނަތީޖާއަށް އަސަރުކުރާނެ އަދި އިންތިހާބުގެ ސައްހަކަން ކަށަވަރުކުރުމަށް ހުރަހަކަށް ވެދާނެ ކަންކަމަށްވާތީ އިންތިހާބުގެ ކަންކަން ވީހާވެސް އޮމާންކޮށް ހާމަކަން ބޮޑުކޮށް ކުރިޔަށް ގެންދިއުމަށް ޕާޓީގެ އިންތިހާބާއިބެހޭ ކޮމެޓީއަށާއި ޕާޓީގެ އެންމެހާ ފަރާތްތަކަށް ގޮވާލުމާއެކު އިންތިހާބާއިބެހޭ ކަންބޮޑުވުމެއްގެ ގޮތުގައި މިކަންފާހަގަކުރަމެވެ" މީކާއިލް ކެމްޕޭން ޓީމުން ބުންޏެވެ.
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓުލުން ކުރިއަށްދަނިކޮށް، ފީއައްޔާއި، ފިޔޯރީގައި ހަމަނުޖެހުން ހިންގައި ވޯޓު ފޮށިތަކަށް ވަނީ ގެއްލުންދީފައެވެ. ގދ. ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލާފައިވަނީ ރަސްމީ ފާހެއް ނެތި ވޯޓުލާ މަރުކަޒުގައި މަޑުކުރަން ބޭނުންވި މީހެކެވެ. އެމީހާ އަކީ ކެންޑިޑޭޓެއްގެ މަންދޫބެއް ކަމަށް ބުނި ނަމަވެސް، އޭނާގެ އަތުގައި ރަސްމީ ފާހެއް ނެތެވެ. އަދި ވޯޓާސް ލިސްޓުގައިވެސް އޭނާގެ ނަމެއް ނެތް ކަމަށެވެ.
ފީއަލީގައި އުފެދުނު ހަމަނުޖެހުމަކީ އެ ރަށުގައި ވޯޓުލުމަށް ބޭނުންކުރާ ވޯޓާސް ލިސްޓުގެ މައްސަލައިގައި އުފެދުނު ހިތްހަމަނުޖެހުމެކެވެ. މީކާއިލްގެ ޓީމުން ތުހުމަތު ކުރާ ގޮތުގައި އެ ރަށުގައި ބޭނުންކުރަމުންދަނީ ޕާޓީން އާންމުކުރި ރަސްމީ ލިސްޓެއް ނޫނެވެ. މި މައްސަލަ ރަސްމީކޮށް ހުށަހަޅާފައިވަނިކޮށް، މީހަކު ވަނީ އެ ރަށުގައި ހުރި ވޯޓު ފޮށި ހިފައިގެން ގޮސްފައެވެ. މި ހާދިސާއާ ގުޅިގެން ފީއަލީގައި މިހާރު ވަނީ ވޯޓުލުން މެދުކަނޑާލާފައެވެ.
މި އިންތިހާބުގައި ވާދަކުރައްވަނީ މީކާއީލް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޖުމްލަ 50,176 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ މި އިންތިހާބުގެ ވޯޓުލުން މިރޭ 8:30 އާ ހަމައަށް ކުރިއަށްދާނެއެވެ.
ވޯޓުލާ ނިމުމާއެކު ވޯޓު ގުނުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އިންތިހާބުގެ ވޯޓުލުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 241 ވޯޓު މަރުކަޒު ގާއިމްކޮށްފައިވާއިރު، ރާއްޖޭއިން ބޭރުގައި ވޯޓު ފޮށްޓެއް ބެހެއްޓީ ހަމައެކަނި ސްރީ ލަންކާގައެވެ.
މުހައްމަދު އިޝާން
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ
އެމްޑީޕީ