ޗެއާޕާސަން އިންތިހާބުގައި އޭނާއާ ދެކޮޅަށް ތިބި މީހުން ބާކީ ނުކުރާނެ ކަމަށާއި، ދެކޮޅަށް ތިބޭ މީހުން ބާކީ ކުރުމަކީ އެމްޑީޕީ ރޫހާ ހިލާފުކަމެއްކަމަށް އެ ޕާޓީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމް މިރޭ ވިދާޅުވެއްޖެއެވެ.

މީކާއިލް އޭނާގެ "އިތުބާރު" ކެމްޕޭން ނިންމާލުމަށް އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ، ވާދަވެރިން ދައްކަވަމުންދާ ބައެއް ވާހަކަތަކުގެ ސަބަބުން، 2023 ވަނަ އަހަރު ޕާޓީގެ ތެރޭގައި އުފެދުނު ބައިބައިވުންތައް އަލުން އިއާދަވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.

"މި އިންތިހާބުން އެކަނިވެސް އަޅުގަނޑު ހިތާމަކުރަން 2023 އިއާދަވެދާނެ ފަދަ ވާހަކަތައް ބޭފުޅުން ދައްކަވާތީ އަޅުގަނޑު ހަމަ ހިތާމަކުރަން، މި ޕާޓީގައި އަޅުގަނޑާ އެކުގައި ނުތިބޭ އެންމެން ތިބެންޖެހޭނީ އެންމެ ފަހަތު ސަފުގައި ކަމަށް ބުނާ ސިޔާސަތަކީ އަޅުގަނޑު ގަބޫލުކުރާ އެމްޑީޕީވަންތަ ސިޔާސަތެއް ނޫން،" މީކާއިލް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުގެ ޗެއާޕާސަންކަމެއްގައި އަޅުގަނޑާއެކު ތިބޭފުޅުން ތިއްބެވިޔަސް އަޅުގަނޑާއެކު ނުތިބެވިޔަސް އެންމެ ކުރީ ސަފުގައި އެކުއެކީ ތިބޭފުޅުންނަށް ޖާގަ ކަށަވަރު ކޮށްދޭނަން،"

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ވާދަކުރައްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އެ މަނިކުފާނާ ދެކޮޅަށް ތިއްބަވާ ބޭފުޅުން ތިއްބަވަން ޖެހޭނީ ދުރުގައިކަމަށް ވިދާޅުވެ އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް މެސެޖެއް ފޮނުއްވައިފައެވެ.

މީކާއިލް މިރޭ ރައްދު ދެއްވާފައިވަނީ ނަޝީދުގެ އެ މެސެޖަށެވެ.

ޖަލްސާގައި މީކާއިލް އިތުރަށް ވިދާޅުވީ އޭނާގެ ޗެއާޕާސަން ކަމެއްގައި ޒުވާނުންނަށް ޕާޓީގެ އެންމެ އިސް މަގާމުތަކަށް އައުމުގެ މަގު ފަހިކޮށްދެއްވާނެ ކަމަށާއި، އެއީ ޕާޓީގެ މުސްތަގުބަލަށްޓަކައި މުހިންމު ކަމެއް ކަމަށެވެ.