ރާއްޖެ އެތެރެކުރަން އުޅުނު ހަ މިލިޔަނަށްވުރެ ގިނަ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިައދު ބުނީ މިތަކެތި އަތުލައިގަތީ އިއްޔެގެ ވަގުތެއްގައި ވައިގެމަގުން ރާއްޖެ އައި ފަސިންޖަރަކަށް ޝައްކު ކުރެވިގެން އޭނާ ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

އެ މައްސަލައިގައި އަތުލައިގަތީ ހަޝިޝް އޮއިލް ކަމަށާއި، އެ ތަކެތީގެ ބަރުދަނުގައި 8490 ގްރާމް ހުރިކަމަށްވެސް ބުންޏެވެ. އެތަކެތީގެ މަަގުމަތީއަގު ހަ މިލިޔަން ރުފިޔާއަށްވުރެ މަތި ކަމަށްވެސް ބުނެފައިވެއެވެ.

މި މައްސަލައައި އަތުލައިގަތް މީހާ، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި ފުލުހުންނާ ވަނީ ހަވާލު ކޮށްފައެވެ. ނަމަވެސް އެ މީހާއާބެހޭ އިތުރު މައުލޫމާތެއް ކަސްޓަމްސް އިން އާންމެއް ނުކުރެއެވެ.

މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުވެސް ރާއްޖެ އެތެރެކުރަން އުޅުނު 1.8 މިލިޔަނަށްވުރެ ގިނަ ރުފިޔާގެ ޑްރަގްސް ކަސްޓަމުން ވަނީ އަތުލައިގެންފައެވެ.

އެއީ ވައިގެ މަގުން އެތެރެކުރަން އުޅުނު 941 ގްރާމްގެ މެތަމްފެޓައިމް ކަމަށް ކަސްޓަމްސްއިން ބުންޏެވެ.