ހުޅުމާލޭގައި ރާއްޖޭގެ އެންމެ ބޮޑު މިސްކިތް ބިނާކުރުމަށްޓަކައި އެކަމަށް ބޭނުންވާ ބިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްލާމިކް މިނިސްޓްރީއާ މިއަދު ރަސްމީކޮށް ހަވާލުކޮށްފި އެވެ.

މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެވެ.

މި ބިމަކީ ރާއްޖޭގެ ތާރީހުގައި ބިނާކުރާ އެންމެ ބޮޑު އަދި އެންމެ ހާއްސަ މިސްކިތް އިމާރާތްކުރުމަށް ކަނޑައެޅިފައިވާ ބިމެވެ. މި މިސްކިތް ފަރުމާކޮށްފައިވަނީ ގިނަ އަދަދެއްގެ މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭނެ އިންތިޒާމުތަކާއެކު އެވެ.

މި މަޝްރޫއަކީ ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ މުނާސަބަތާ ގުޅުވައިގެން ކުރިއަށްގެންދާ ހާއްސަ މަސައްކަތެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މި މިސްކިތުގެ އަމަލީ މަސައްކަތް މި އަހަރުގެ ސެޕްޓެންބަރު މަހުގެ ތެރޭގައި ފެށުމަށް މިހާރު އަންނަނީ ތައްޔާރީތައް ވަމުންނެވެ.