މިމަހު 11 ވަނަ ދުވަހު އެމެރިކާ، ކެނެޑާގެ އިތުރުން މެކްސިކޯގައި ފަށާ ވޯލްޑް ކަޕަށް އިންގްލެންޑް ގައުމީ ޓީމުން ކޭމްޕް ކުރަން ހަމަޖެހިފައިވާ ކެންސަސް ސިޓީގެ ބޭސް ކޭމްޕް ކައިރީގައި ބަޑީގެ ހަމަލާތަކެއް ދީފިއެވެ.

ކެންސަސް ސިޓީގެ މިސޫރީގައި ދިން އެ ހަމަލާތަކުގައި ޖުމުލަ ނުވަ މީހަކަށް އެކި ވަރުގަދަ އަނިޔާތައް ލިބިފައިވެއެވެ. ފުލުހުންނާ ހަވާލާ ދީ ނޫސްތަކުން ބުނީ ހަމަލާގެ ސަބަބުން ތިން މީހަކު ހޮސްޕިޓަލަށް ގެންދަން ޖެހުނު ނަމަވެސް، އެއްވެސް މީހަކަށް ފުރާނައަށް ނުރައްކާ ވާފަދަ ބޮޑު އަނިޔާއެއް ކުރިމަތިވެފައި ނުވާ ކަމަށެވެ.

އިންގްލެންޑުން ކޭމްޕް ކުރަން ހަމަޖެހިފައިވާ ސްވޯޕް ސޮކާ ވިލެޖާ އެންމެ ހަތުރު މޭލު ކައިރިން ހާދިސާ ހިނގި އިރު، އިންގްލެންޑް މިވަގުތު ތިބީ ކެންސަސް ސިޓީގައެއް ނޫނެވެ. އެޓީމުން މިވަގުތު ފްލޮރިޑާގައި ތިބީ ވާމް އަޕް އިތުރު އެކުވެރިކަމުގެ މެޗެއް އޮތުމާއެކުގައެވެ. އެގޮތުން އިންގްލެންޑުން އޯލަންޑޯގައި ވޯލްޑް ކަޕް ކުރިން ކޮސްޓަ ރިކާއާ ދެކޮޅަށް ކުޅެން ވަނީ ހަމަޖެހިފައެވެ.

އެމެރިކާއަކީ ބަޑީގެ ހަމަލާތައް ގިނަ ގައުމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް އެކިވަރުގެ 400 ބަޑީގެ ހަމަލާތައް ދީފައިވާ ކަމަށް ތަފާސްހިސާބުތައް ބުނެއެވެ.