އަނބިމީހާ ރާއްޖެއަށް ގެނައުމަށްފަހު، ކޮޓަރިއެއްގައި ބަންދުކޮށްގެން ގެންގުޅެ، މަޖުބޫރުން ހަށިވިއްކުވިކަމުގެ ތުހުމަތުގައި ބަންގްލާދޭޝް ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީހުން ޓްރެފިކްކުރުމުގެ ތުހުމަތެއް ކުރެވޭ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ އުމުރުން 30 އަހަރުގެ މީހެކެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބަލައި، ކޯޓުން ވަނީ އޭނާ 10 ދުވަހަށް ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.

ފުލުހުން ކޯޓުގައި ބުނެފައިވާ ގޮތުގައި، މި މައްސަލައިގެ ރިޕޯޓު ލިބުނީ އަނިޔާ ލިބުނު އަންހެންމީހާގެ ފަރާތުންނެވެ. އޭނާ ކޯޓުގައި ބުނެފައިވަނީ ފިރިމީހާ އޭނާ ރާއްޖެ ގެނެސް، ކޮޓަރިއެއްގައި ބަންދުކޮށްފައި ބަހައްޓައިގެން ހަށިވިއްކުވަމުންދާ ކަމަށެވެ.

ނަމަވެސް، ހައްޔަރުކުރި މީހާ ވަނީ ކޯޓުގައި އެ ހުރިހާ ތުހުމަތުތަކަކަށް އިންކާރުކޮށްފައެވެ. އޭނާ ބުނާ ގޮތުގައި އެފަދަ އެއްވެސް ކަމެއް އޭނާ ކޮށްފައެއް ނުވެއެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ މީހާގެ މައްޗަށް އެކަށީގެންވާ ހެކި ހުރި ކަމަށް ކޯޓު އަމުރުގައި ވަނީ ފާހަގަކޮށްފައެވެ. އޭގެ ތެރޭގައި ފުލުހުންގެ ހާދިސާ ރިޕޯޓާއި، ބަޔާންތަކުގެ އިތުރުން އަނިޔާ ލިބުނު މީހާއާ ގުޅުންހުރި މުހިންމު ލިޔެކިޔުންތައް ހިމެނެއެވެ.